ރޮނާލްޑޯ ދެ ގޯލާ އެކު، އަލް ނަސްރުން އަލް ހިލާލް ބަލިކޮށްފި

5 އޭޕްރީލް 2025 - 06:38 0


ރޮނާލްޑޯ ދެ ގޯލާ އެކު، އަލް ނަސްރުން އަލް ހިލާލް ބަލިކޮށްފި

5 އޭޕްރީލް 2025 - 06:38 0

ރިޔާދް، ސައުދި އަރަބިއްޔާ (އޭޕްރީލް 5) - ސައުދީ ޕްރޯ ލީގުގައި އަލް ހިލާލާ ދެކޮޅަށް ކުޅުނު މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ދެ ގޯލާ އެކު އަލް ނަސްރު މޮޅުވެއްޖެ އެވެ.

ހިލާލްގެ ދަނޑުގައި ކުޅުނު މި މެޗު ނަސްރުން ކާމިޔާބުކުރީ 3-1 ގެ ނަތީޖާ އަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަސްރަށް ލީޑު ނަގައިދިނީ އަލީ އަލް ހަސަން ޖެހި ގޯލުންނެވެ. މިއީ މާކޯ ބްރޮޒޮވިޗްގެ އެހީތެރިކަމާއެކު ހަސަން ޖެހި ގޯލެކެވެ.

ދެވަނަ ހާފު ފަށައިގެން ދެ ވަނަ މިނިޓްގައި ރޮނާލްޑޯ ވަނީ ގޯލު ޖަހައި ނަސްރުގެ ލީޑު ފުޅާކޮށްދީފަ އެވެ. މިއީ ސަޑިއޯ މާނޭ އޭރިއާ ތެރެއިން މުޅިން ހުސްކޮށްލާފައި ރޮނާލްޑޯ އަށް ދިން ޕާހަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

އެކަމަކު މެޗުގެ 62 ވަނަ މިނިޓްގައި ހިލާލްގެ އަލް އަލީ ވަނީ ގޯލު ޖަހައި އެ ޓީމަށް ފަރަގު ކުޑަކޮށްދީފަ އެވެ. އެކަމަކު މެޗުގެ 88 ވަނަ މިނިޓްގައި ރޮނާލްޑޯ ވަނީ ލިބުނު ޕެނަލްޓީ އަކުން އިތުރު ގޯލެއް ޖަހައި ނަސްރު މެޗުން މޮޅުކޮށްދީފަ އެވެ.

މިއީ ރޮނާލްޑޯގެ ކެރިޔަރުގައި އޭނާ ކާމިޔާބުކުރި 931 ވަނަ ގޯލެވެ. އަދި މިއީ މި ސީޒަނުގެ ސައުދީ ޕްރޯ ލީގުގައި ރޮނާލްޑޯ ކާމިޔާބުކުރި 20 ވަނަ ގޯލް އެވެ.

މި ނަތީޖާއާއެކު ނަސްރުން ވަނީ ލީގު ތާވަލުގައި ހިލާލާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓް އަށް ކުޑަކޮށްފަ އެވެ. ނަސްރަށް 26 މެޗުން 54 ޕޮއިންޓް ލިބިފައިވާއިރު، ހިލާލަށް 26 މެޗުން ލިބެނީ 57 ޕޮއިންޓް އެވެ.

ސައުދީ ޕްރޯ ލީގުގެ ތާވަލުގެ އެއްވަނައިގައި އޮތް އަލް އިއްތިހާދަށް 25 މެޗުން 61 ޕޮއިންޓް ލިބިފައިވެ އެވެ.