2 އޭޕްރީލް 2025 - 08:15 0
2 އޭޕްރީލް 2025 - 08:15 0
އަންނަ އަހަރު އޮސްޓްރޭލިއާގައި ކުރިއަށްދާ އޭއެފްސީ ވިމެންސް އޭޝިއަން ކަޕްގެ ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމު ވަރުގަދަ ގްރޫޕެއްގައި ލައްވާލައިފި އެވެ.
އެ ގޮތުން، ވިމެންސް އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް އީގައި ރާއްޖޭން ކުޅެން ޖެހޭނީ ވިއެޓްނާމް، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަދި، ގުއާމް އެވެ. ކޮލިފައިން މެޗުތައް ކުރިއަށްދާ ހޯސްޓެއްގެ ގޮތުގައި ހިމަނާފައިވަނީ ވިއެޓްނާމް އެވެ.
ކޮލިފައިން ފުރަތަމަ މެޗުގައި ޖޫން 29 ވަނަ ދުވަހު ރާއްޖޭން ކުޅޭނީ ވިއެޓްނާމްއާ އެވެ. އަދި، ދެ ވަނަ މެޗުގައި، ޖުލައި ދެ ވަނަ ދުވަހު ގުއާމްއާ ކުޅުމަށް ފަހު، ކޮލިފައިން ފަހު މެޗުގައި، ޔޫއޭއީއާ ބައްދަލުކުރާނީ، ޖުލައި ފަސް ވަނަ ދުވަހު އެވެ.
އާސިއާން ގައުމުތަކުގެ އަންހެން މުބާރާތް ތިން ފަހަރު އަދި، އާސިއާންގެ ގޭމްސްގެ އަންހެން ފުޓްބޯޅައިގެ ރަން މެޑަލް އަށް ފަހަރު ހޯދާފައިވާ ވިއެޓްނާމް އަކީ މި ގްރޫޕްގެ އެންމެ ވަރުގަދަކޮށް ފެންނަ ޓީމެވެ. ވިއެޓްނާމް އިން ވަނީ އެންމެ ފަހުން ބޭއްވި ފީފާ ވިމެންސް ވޯލްޑް ކަޕްގައި ވެސް ކުޅެފަ އެވެ. އެ މުބާރާތުގައި، އެމެރިކާ އަތުން 3-0 އިން، ޕޯޗުގަލް އަތުން 2-0 އިން ބަލިވިއިރު، ނެދަލެންޑްސްގެ އަތްދަށުވީ 7-0 އިންނެވެ.
އެމެރިކާ އަށް ނިސްބަތްވާ ކުޅުންތެރިން ހިމެނޭ ގުއާމް އިން މީގެ ކުރިން އޭޝިއަން ކަޕްގައި ކުޅެފައިވީ ނަމަވެސް، ޔޫއޭއީ އަށް އަދި އޭޝިއަން ކަޕްގައި ކުޅުމުގެ ފުރުސަތު ލިބިފައިނުވެ އެވެ.
ރާއްޖޭން އެންމެ ފަހުން، 2022 ވަނަ އަހަރު އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރަން ޖެހުނީ ވެސް ގުއާމް ހިމެނޭ ގްރޫޕެއްގަ އެވެ. އެ ފަހަރު އެ ގްރޫޕްގައި ތިން ޓީމެއް ވާދަކުރަން ޖެހުނީ، އަފްގާނިސްތާން ވަކިވުމުންނެވެ. އެ ގޮތުން، ތަޖިކިސްތާންގައި ކުޅުނު ކޮލިފައިންގައި ވިއެޓްނާމް އިން 16-0 އިން ރާއްޖެ ބަލިކުރި އެވެ. އަދި، ތަޖިކިސްތާން އަތުން ރާއްޖެ ބަލިވީ، 4-0 އިންނެެވެ.
ރާއްޖޭގެ އަންހެން ޓީމުން އެންމެ ފަހުން ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ކުޅެފައިވަނީ އިންޑިއާއާ ދެކޮޅަށެވެ. އެ ގޮތުން ފުރަތަމަ މެޗުގައި، 14-0 އިން އިންޑިއާ މޮޅުވިއިރު، ދެ ވަނަ މެޗުގައި، އިންޑިއާ ކުރިހޯދީ 11-1 އިންނެވެ.
ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ހުރި، މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ ކޮންޓްރެކްޓް ހަމަވުމުން، އެފްއޭއެމް އިން ވަނީ ދާދި ފަހުން، އަންހެން ޓީމުގެ ހެޑް ކޯޗުގެ މަގާމަށާއި އިތުރު ބައެއް މަގާމުތަކަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment