1 އޭޕްރީލް 2025 - 06:25 0
އަހުމަދު ދާއޫދު
މިއީ އެޕަލްގެ އޭޓީޓީ ޓޫލްއާ ގުޅިގެން އެއްވެސް އެންޓިޓްރަސްޓް ރެގިއުލޭޓަރަކު ކުރި ފުރަތަމަ ޖޫރިމަނާ --
1 އޭޕްރީލް 2025 - 06:25 0
ފްރާންސްގެ އެންޓިޓްރަސްޓް ރެގިއުލޭޓަރުން އެޕަލް ކުންފުނި 150 މިލިއަން ޔޫރޯ (162.4 މިލިއަން ޑޮލަރު) ގެ ޖޫރިމަނާ ކޮށްފިއެވެ.
މި ޖޫރިމަނާ ކޮށްފައިވަނީ އެޕަލްގެ މޮބައިލް ޑިވައިސްތަކުގައި އެޕް ޓްރެކިން ޓްރާންސްޕޭރަންސީ (އޭޓީޓީ) ޓޫލް މެދުވެރިކޮށް މޮބައިލް އެޕް އިޝްތިހާރުތަކުގައި އެ ކުންފުނިން ނުފޫޒު ފޯރުވާފައިވާކަމަށް ބުނެ އެވެ.
މިއީ އެޕަލްގެ އޭޓީޓީ ޓޫލްއާ ގުޅިގެން އެއްވެސް އެންޓިޓްރަސްޓް ރެގިއުލޭޓަރަކު ކުރި ފުރަތަމަ ޖޫރިމަނާއެވެ. މި ޖޫރިމަނާ އައިސްފައިވަނީ ޔޫރަޕިއަން ޔޫނިއަންއިން އެޕަލްއަށް 1.8 ބިލިއަން ޔޫރޯގެ ޖޫރިމަނާއެއް ކުރިތާ އަހަރެއް ފަހުންނެވެ. އެ ޖޫރިމަނާ ކޮށްފައިވަނީ އެޕް ސްޓޯގައި ވާދަވެރި މިއުޒިކް ސްޓްރީމިން ހިދުމަތްތަކަށް ހުރަސްއެޅުމުގެ ސަބަބުންނެވެ.
ފްރެންޗް ކޮމްޕެޓިޝަން އޮތޯރިޓީގެ ވެރިޔާ ބެނުއާ ކޯރެ ވިދާޅުވީ މި ނިންމުމުގެ ސަބަބުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބަދަލު ހިފުމުގެ ގޮތުން ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކަށް ޖޫރިމަނާ ކުރާނެކަމަށާއި، އެކަމަކު އެއްވެސް ބިރެއް ނެތް ކަމަށެވެ. އަދި އެމެރިކާގެ އޮތޯރިޓީތަކުން ވެސް ބޮޑެތި ޑިޖިޓަލް ޕްލެޓްފޯމްތަކަށް އެންޓިޓްރަސްޓް ގާނޫނު ހަރުކަށިކޮށް ތަންފީޒުކުރާނެ ކަމަށް އަޑުއިވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭޓީޓީ ޓޫލްއަކީ އައިފޯނާއި އައިޕެޑް ބޭނުންކުރާ ފަރާތްތަކަށް އެކިއެކި އެޕްތަކަކުން އެމީހުންގެ ހަރަކާތްތައް ޓްރެކް ކުރެވޭނެކަން ނިންމުމުގެ ފުރުސަތު ދޭ ޓޫލެކެވެ. ނަމަވެސް ޑިޖިޓަލް އިޝްތިހާރާއި މޮބައިލް ގޭމިން ކުންފުނިތަކުން ބުނެފައިވަނީ މި ޓޫލްގެ ސަބަބުން އެޕަލްގެ ޕްލެޓްފޯމްތަކުގައި އިޝްތިހާރުކުރުން އުނދަގޫވެ އަގުބޮޑުވެފައިވާ ކަމަށެވެ.
އެޕަލްއިން ބުނެފައި ވަނީ މި ނިންމުމާމެދު ހިތްހަމަނުޖެހޭ ކަމަށާއި، ނަމަވެސް ފްރެންޗް ކޮމްޕެޓިޝަން އޮތޯރިޓީން އޭޓީޓީއަށް ވަކި ބަދަލެއް ގެންނަން އަންގާފައިނުވާ ކަމަށެވެ.
ކޯރެ ނޫސްވެރިންނަށް ވިދާޅުވީ، އެޕަލްގެ އެޕް ބަދަލުކުރަންވީ ގޮތެއް ރެގިއުލޭޓަރުން ސީދާ ބަޔާންކޮށްފައި ނުވާ ކަމަށާއި، ނަމަވެސް މިހާރު ނިންމުމާ އެއްގޮތަށް އަމަލުކުރުމަކީ އެ ކުންފުނީގެ ޒިންމާއެއް ކަމަށެވެ. އަދި އޭޓީޓީ ޓޫލް ތަހުގީގުކުރަމުންދާ ޖަރުމަނު، އިޓަލީ، ޕޮލެންޑް އަދި ރޮމޭނިއާގެ ރެގިއުލޭޓަރުންގެ ނިންމުމަށް އެޕަލްއިން އިންތިޒާރުކުރާތީ، މި ކަންކަމާ އެއްގޮތްވުމުގެ މަސައްކަތަށް ވަގުތު ނަގާނެ ކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ.
ފްރާންސްގެ މި މައްސަލަ، ޖެހުނީ 2021 އިން 2023 އަށް ހިނގި ކަންކަމާ ގުޅިގެންނެވެ. މައްސަލަ ހުށަހެޅީ އޮންލައިން އިޝްތިހާރުކުރާ ފަރާތްތަކާއި، ޕަބްލިޝަރުންނާއި، އިންޓަނެޓް ނެޓްވޯކްތަކުގެ އެކި ޖަމިއްޔާތަކުންނެވެ. އެ ފަރާތްތަކުން ތުހުމަތުކުރީ އެޕަލްއިން މާކެޓްގެ ބާރު ނަހަމަގޮތުގައި ބޭނުންކޮށްފައިވާ ކަމަށެވެ.
ރެގިއުލޭޓަރުން ބުނެފައިވަނީ އޭޓީޓީގެ މަގުސަދަކީ ފާޑުކިޔޭނެ ކަމެއް ނޫން ނަމަވެސް، އެކަން ތަންފީޒުކުރާ ގޮތަކީ އެޕަލްއިން ބުނާ ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ މަގުސަދާ އެކަށީގެންވާ އަދި ބޭނުންތެރި ގޮތެއް ނޫން ކަމަށެވެ. އަދި މި ޕްރައިވަސީ ޓޫލްގެ ސަބަބުން ހާއްސަކޮށް ކުދި ޕަބްލިޝަރުންނަށް ގެއްލުން ލިބޭ ކަމަށާއި، އެއީ އެފަރާތްތަކުގެ ވިޔަފާރި ހިންގުމަށް ތިންވަނަ ފަރާތްތަކުގެ ޑޭޓާ އެއްކުރުމަށް ބޮޑަށް ބަރޯސާވާތީ ކަމަށް ބަޔާންކޮށްފައިވެ އެވެ.
ފްރާންސްގެ ވޮޗްޑޮގަށް މައްސަލަ ހުށަހެޅި އަލަޔަންސް ޑިޖިޓާލް، ސިންޑިކާ ޑެ ރެޖީ އިންޓަނެޓް (އެސްއާރްއައި)، ޔޫނިއަން ޑެ އެންޓްރެޕްރައިސް ޑެ ކޮންސެއިލް އެ ޑެކަޓް މީޑިއާ (ޔޫޑެކަމް) އަދި ގްރޫޕްމަންޓް ޑެ އެޑިޓާރސް ޑެ ސަރވިސަސް އެން ލައިންއިން ބުނެފައިވަނީ މި ނިންމުމަކީ އިޝްތިހާރުކުރާ ފަރާތްތަކަށް ލިބުނު މުހިންމު ކާމިޔާބީއެއް ކަމަށެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment