25 މާރިޗު 2025 - 06:27 0
25 މާރިޗު 2025 - 06:27 0
ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން ކޮމްބިނޭޝަން އިތުރަށް ރަނގަޅުވާނީ ލީގު ފަށައި ގިނަ މެޗުތަކެއް ކުޅެގެން ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން ސަމޫހް އަލީ (ސަމުއްޓޭ) ބުނެފި އެވެ.
ރާއްޖޭގެ ފުޓްބޯޅަ ސީޒަން މެދުކެނޑިފައި އޮންނަތާ އަހަރަކަށްވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. މި މުއްދަތުގެ ތެރޭގައި ގައުމީ ފުޓްބޯޅަ ޓީމުން ބައިނަލްއަގްވާމީ އެކުވެރިކަމުގެ ތިން މެޗު ކުޅުނުއިރު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ވަނީ އޭއެފްސީ ޗެލެންޖާސް ކަޕްގެ ގްރޫޕް ސްޓޭޖުގައި ވާދަކޮށްފަ އެވެ. މި ހުރިހާ މެޗެއްގައި ވެސް ސަމުއްޓޭ ވަނީ ކުޅެފަ އެވެ.
"އަދަދު ސްޕޯޓްސް"އާ ވާހަކަ ދައްކަމުން ސަމުއްޓޭ ބުނީ ގައުމީ ފުޓްބޯޅަ ޓީމުން ކޮލިފިކޭޝަނަށް ދިޔުމުގެ ކުރިން އިންޑިއާ މެޗު ލިބުން އެއީ ބޮޑު ނަސީބެއް ކަމަށެވެ. އަދި އެ މެޗުން ދަސްވި ފިލާވަޅުތަކާ އެކު ކުޅުންތެރިން ތިބީ ފިލިޕީންސް މެޗު ނަގަން ކުރެވެން ހުރި ކަންކަން ކުރަން ތައްޔާރަށް ކަމަށް ސަމުއްޓެ ވަނީ ބުނެފަ އެވެ.
އޭނާ ބުނީ މި ވަގުތަށް ބަލާއިރު، ރާއްޖޭގެ ލީގު ފެށުން ވެގެންދާނީ ކުޅުންތެރިންގެ ކޮންފިޑެންސް އަށް ލިބޭނެ ބޮޑު ބޫސްޓެއް ކަމަށެވެ.
މީގެ އިތުރުން "އަދަދު ސްޕޯޓްސް"އާ ވާހަކަ ދައްކަމުން ގައުމީ ފުޓްބޯޅަ ޓީމުގެ މިޑްފިލްޑަރު އަހުމަދު އައިހަމް (ފަތޯ) ބުނީ ފިލިޕީންސް އަށް މި މެޗު އަމިއްލަ ދަނޑުގައި ކުޅެން ލިބުން އެއީ ވަކި އެ ޓީމަށް ލިބޭ އެޑްވާންޓޭޖެއްގެ ގޮތުގައި ނުދެކޭ ކަމަށެވެ.
އޭގެ ބަދަލުގައި މީގެ ދެ ޓީމަށް ވެސް އޮތީ ހަމަހަމަ ފުރުސަތެއް ކަމަށް އައިހަމް ގަބޫލުކުރެ އެވެ.
އިންޑިއާ މެޗުގައި ގައުމީ ފުޓްބޯޅަ ޓީމަށް ދެ ވަނަ ހާފުގައި ބަދަލަކަށް ކުޅެން އެރި، އިބްރާހިމް އުސާމާ ހަސަން އަބްދުލް މަޖީދު (އުކާ)، ފުރަތަމަ ފަހަރަށް ގައުމީ ޓީމުގެ މެޗެއްގައި ކުޅުނުއިރު، އޭނާ ހުރީ އިތުރު ފުރުސަތުތަކެއް ހޯދައި ކުރިއެރުން ހޯދުމަށް އަޒުމު ކަނޑައަޅައިގެންނެވެ.
ފިލިޕީންސާއި ރާއްޖެ ކުޅޭ މެޗު ފަށާނީ މިއަދު 16:00 ގަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment