އައިސަމް ދެކޭގޮތުގައި ކުރިއަށްދާން ފަސޭހަވާނީ ފުރަތަމަ މެޗުން މޮޅުވެގެން

25 މާރިޗު 2025 - 01:06 1


އައިސަމް ދެކޭގޮތުގައި ކުރިއަށްދާން ފަސޭހަވާނީ ފުރަތަމަ މެޗުން މޮޅުވެގެން

25 މާރިޗު 2025 - 01:06 1

ސައުދީ އަރަބިއްޔާގައި 2027 ވަނަ އަހަރު ބާއްވާ އޭޝިއަން ކަޕަށް ކޮލިފައިވާން ކުޅޭ ކޮލިފައިން މެޗުތަކުގައި ރާއްޖެ އަށް ކުރިއަށްދާން ފަސޭހަވާނީ ފުރަތަމަ މެޗުގައި ފިލިޕީންސް އަތުން މޮޅުވެގެން ކަމަށް ގައުމީ ޓީމުގެ މިޑްފީލްޑަރު، އައިސަމް އިބްރާހިމް ބުނެފި އެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭން ކުޅޭ ފުރަތަމަ މެޗުގައި، މިއަދު ހަވީރު ރަށުންބޭރުގައި ފިލިޕީންސާ ކުޅޭނެ އެވެ. ކޮލިފައިން މި ގްރޫޕްގައި، ދެން ހިމެނެނީ ތަޖިކިސްތާން އާއި އީސްޓް ޓިމޯ އެވެ.

ފުރަތަމަ މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އައިސަމް ބުނީ، އޭޝިއަން ކަޕް ކޮލިފައިން އަކީ ވަރަށް ބޮޑެތި އުންމީދުތަކެއް ގުޅިފައިވާ ޝައުގުވެރި މެޗުތަކެއް ކަމަށެވެ.

"ކުރެވުނު އެންމެ ރަނގަޅަކަށް މަސައްކަތް ކުރާނަން. ވަރަށް މުހިންމު މޮޅެއް. ފުރަތަަމަ މެޗުން މޮޅުވުން. އޭރުން ދެން ހުރި މެޗުތަކަށް ދާއިރު ފަސޭހަވާނީ،" އައިސަމް ބުންޏެވެ.

އޭޝިއަން ކަޕަށް ކޮލިފައިވުމަށްޓަކައި ކުރަން ހުރި މަސައްކަތާ ބެހޭގޮތުން ސުވާލުކުރުމުން، އައިސަމް ބުނީ، އޭނާ ދެކޭ ގޮތުގައި މި ވަގުތު އެންމެ މުހިންމު މެޗަކީ ކުރިއަށް އޮތް ފިލިޕީންސް މެޗު ކަމަށެވެ.

"މިއީ ކޮލިފިކޭޝަނުގެ ފުރަތަމަ މެޗު. އަހަރެމެންނަށް ރަނގަޅަށް ފެށިއްޖިއްޔާ، މޮޅެއް ވެސް ހޯދިދާނެ. އޭރުން އެ ވެގެންދާނީ ދެން ހުރި މެޗުތަކާ ކުރިމަތިލާއިރު ވަރަށް ބޮޑު ޕޮޒިޓިވަކަށް،" އައިސަމް ބުންޏެވެ.

ފިލިޕީންސް މެޗަށް ތައްޔާރުވާން ގައުމީ ޓީމުން މިދިޔަ ބުދަ ދުވަހު އިންޑިއާގައި އެ ޓީމާ ކުޅުނު މެޗުގައި އައިސަމް ފުރަތަމަ އެގާރައިގައި ކުޅުނެވެ. އެކަމަކު، އެއީ ބްރޭކަކަށް ފަހު އެވެ. ގައުމީ ޓީމުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، ބަންގްލަދޭޝާ ދެކޮޅަށް ކުޅުނު ދެ މެޗުގައި އައިސަމް އަނިޔާގެ ސަބަބުން ނުކުޅެ އެވެ.

ކޮލިފިކޭޝަނުގެ މެޗުތައް އެތުރިފައިވާ ގޮތަށް ބަލާއިރު، ރާއްޖޭން ފުރަތަމަ ތިން މެޗު ކުޅެނީ ރަށުންބޭރުގަ އެވެ. އަދި ފަހު ތިން މެޗު އަމިއްލަ ގައުމުގަ އެވެ. ކޮންމެ ގްރޫޕަކުން ވެސް އޭޝިއަން ކަޕުގެ ސީދާ ޖާގައެއް ލިބޭނީ އެއް ވަނައިގައި ނިންމާ ޓީމަށެވެ.

ރާއްޖެ އާއި ފިލިޕީންސް އެންމެ ފަހުން 2021 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގައި ބައްދަލުކުރި މެޗު ދުބާއީގައި ކުޅުނުއިރު، އެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މިއަދު މި ދެ ޓީމު ކުޅޭ މެޗު ފަށާނީ 16:00 ގަ އެވެ.

0.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


ސައިޚް

5 days ago

މަށައްވެސް އެނގޭ ކުރިއަށް ދެވޭނީ މޮޅުވެގެންކަން، އެކަމަކު ރާއްޖޭގަނެތް ފުޓުބޯޅައެއް މިހާރަކު، ރޭގަނޑު ކަޅުކޮފީ ބޮއެފަ، ދުފާފަ، ސިގިރެޓް ބޮއެގެން ނުނިދާ ހޭލާއުޅޭ މީހުނަކައް ފުޓު ބޯޅައިގަ ކުރިއަކަށް ނުދެވޭނެ، ބައްސާމު ހަލާކުކޮއްލާފަ އޮތް ކަމެއް ތިފުޓުބޯޅައަކީ،