ފިލިޕީންސް ކައިރިން ރާއްޖޭގެ ކުރިއެރުން ފެންނާނެ ކަމުގެ އުންމީދު ސުޒޭނަށް އެބައޮތް

25 މާރިޗު 2025 - 01:05 0


ފިލިޕީންސް ކައިރިން ރާއްޖޭގެ ކުރިއެރުން ފެންނާނެ ކަމުގެ އުންމީދު ސުޒޭނަށް އެބައޮތް

25 މާރިޗު 2025 - 01:05 0

ސައުދީ އަރަބިއްޔާގައި 2027 ވަނަ އަހަރު ބާއްވާ އޭޝިއަން ކަޕަށް ކޮލިފައިވުމަށް ރާއްޖޭން ކުޅޭ ފުރަތަމަ މެޗުގައި، ރަށުންބޭރުގައި ފިލިޕީންސާ ކުޅެން ޖެހޭއިރު، މި މެޗުން ކުރިން މެޗުތަކާ އަޅާކިޔާއިރު ކުރިއެރުން ފެންނާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ގައުމީ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

މި މެޗަށް ތައްޔާރުވުމަށްޓަކައި، ރާއްޖޭން ވަނީ މިދިޔަ ބުދަ ދުވަހުގެރޭ އިންޑިއާއާ ދެކޮޅަށް ކުޅެ 3-0 އިން ބަލިވެފަ އެވެ. އެ މެޗަށް ފަހު، ރާއްޖެ ޓީމުން އެނބުރި މާލެ ގޮސް، އެއް ޕްރެކްޓިސް ކުރުމަށް ފަހު، ވަނީ ފިލިޕީންސަށް އައުމަށް ފުރައިފަ އެވެ.

ފިލިޕީންސް ދަނޑުގައި މިއަދު ކުޅޭ މެޗުގެ ކުރިން، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒޭން ބުނީ، އިންޑިއާ މެޗުގައި ގޯސްކޮށްދިޔަ ކަންކަން މި މެޗުގައި ރަނގަޅުވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ. އަދި، ކުޅުމަށް ބަލާއިރު ވެސް އެ މެޗަށް ވުރެ ރަނގަޅަށް މި މެޗުގައި ކުޅެވޭނެ ކަމަށް ސުޒޭން ގަބޫލުކުރެ އެވެ.

ފިލިޕީންސާއި ރާއްޖޭން އެންމެ ފަހުން 2021 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގައި ކުޅުނު މެޗު ވަނީ 1-1 އިން އެއްވަރުވެފަ އެވެ. އެ ފަހަރު މެޗުތައް ކުޅެފައިވަނީ، ސެންޓްރަލައިޒްކޮށް ޔޫއޭއީގަ އެވެ. އޭރު ސުޒޭން ހުރީ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށެވެ. ހެޑް ކޯޗަކީ، ނެދަލެންޑްސްގެ މާޓިން ކޫޕްމަން އެވެ.

ސުޒޭން ބުނީ އެ މެޗަށް ބަލާއިރު ރަނގަޅަށް ކުޅުނީ ފިލިޕީންސް ކަމަށެެވެ. އެކަމަކު، މި މެޗަށް އައިއިރު ރާއްޖޭން މިދިޔަ އަހަރުތަކުގައި ކޮންމެ ވެސް ވަރެއްގެ ކުރިއެރުންތަކެއް ހޯދާފައިވާކަމަށް ސުޒޭން ގަބޫލުކުރެ އެވެ.

"އެ މެޗަށް ބަލާނަމަ، ފިލިޕީންސް ފެނުނީ އަހަރެމެންނަށް ވުރެން މާ ވަރުގަދަކޮށް. އުންމީދަކީ އަހަރެމެން އޭރު އޮތް ހާލަތު އަރައިގަނެ، މިދިޔަ ތިނެއް ނޫނީ ހަތަރު އަހަރު ތެރޭ މި ހޯދި ކުރިއެރުންތައް. އަހަރެމެންގެ ކުޅުމުން މި މެޗުގައި ދެއްކުން،" ސުޒޭން ބުންޏެވެ.

މިއަދުގެ މެޗު ކުޅޭ ނިއުކްލާކް އެތުލެޓިކް ސްޓޭޑިއަމްގެ ހާލަތާ މެދު ސީދާ އެއްޗެއް ބުނަން ނޭނގޭ ކަމަށާއި އެކަމަކު، އުންމީދަކީ، ރާއްޖޭން ފަސް ދުވަސް ކުރިން އިންޑިއާގެ ޝިލޯންގައި މެޗު ކުޅުނު، ޖަވާހަރުލާލް ނެހްރޫ ސްޓޭޑިއަމް ކަހަލަ ފުޓްބޯޅަ ކުޅެވޭނެ ރަނގަޅު ދަނޑެއް ކަމަށްވުން ކަމުގައި ސުޒޭން ވަނީ ބުނެފަ އެވެ.

ފިލިޕީންސާއި ރާއްޖެ ކުޅޭ މެޗު ފަށާނީ މިއަދު 6 ޖަހާއިރު އެވެ. މި ގްރޫޕްގެ އަނެއް މެޗުގައި، އީސްޓް ޓިމޯ އިން ކުޅޭނީ ތަޖިކިސްތާނާ އެވެ.