ރާއްޖެ އަކީ ސީރިއަސްކޮށް ނަގަންޖެހޭ ޓީމެއް: ފިލިޕީންސް ކޯޗު ކަޕޭޔާސް

25 މާރިޗު 2025 - 01:05 0


ރާއްޖެ އަކީ ސީރިއަސްކޮށް ނަގަންޖެހޭ ޓީމެއް: ފިލިޕީންސް ކޯޗު ކަޕޭޔާސް

25 މާރިޗު 2025 - 01:05 0

ސައުދީ އަރަބިއްޔާގައި 2027 ވަނަ އަހަރު ބާއްވާ އޭޝިއަން ކަޕަށް ކޮލިފައިވުމަށް ފިލިޕީންސް އިން ކުޅޭ ފުރަތަމަ މެޗުގައި ރާއްޖެއާ ދެކޮޅަށް ނުކުންނައިރު، ރާއްޖެ ޓީމަކީ ސީރިއަސްކޮށް ކުޅޭ ޓީމެއްކަން ދަނެގެން، ފިލިޕީންސް އިން މެޗަށް ނުކުންނަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު ކޯޗު ސްޕެއިނުގެ އަލްބާޓް ކަޕެއްޔާސް ހާމްސް ބުނެފި އެވެ.

އޭޝިއަން ކަޕް ކޮލިފައިން މި ގްރޫޕްގައި ހިމެނެނީ، ރާއްޖެ އަާއި ފިލިޕީންސްގެ އިތުރުން، އީސްޓް ޓިމޯ (ޓިމޯ ލެސްޓޭ) އާއި ތަޖިކިސްތާން އެވެ.

ފިލިޕީންސް އިން އަމިއްލަ ދަނޑުގައި ރާއްޖެއާ ދެކޮޅަށް މިއަދު ކުޅޭ މެޗުގެ ކުރިން، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކަޕޭޔާސް ބުނީ، ރާއްޖޭގެ ޓީމަކީ އެކުގައި ވަރަށް ރަނގަޅަށް މަސައްކަތްކުރާ ޓީމެއް ކަމަށެެވެ.

"ރާއްޖޭގެ ޓްރެއިނިން ވަރަށް ރަނގަޅަށް ގެންދޭ، ފިލިޕީންސާ ދެކޮޅަށް މި މެޗު ކުޅެން ވެސް ވަރަށް ސީރިއަސްކޮށް ތައްޔާރީތައް ގެންގޮސްފައިވަނީ. އަހަންނަށް ފެންނަ ގޮތުގައި އެ މީހުން އެންމެ މޮޅު ކުޅުން ދައްކަން މި މެޗުގައި މަސައްކަތްކުރާނެ. އަހަރެމެން ވެސް ވަރަށް ސީރިއަސްކޮށް ނަގާ މެޗެއް މިއީ،" ބާސެލޯނާ އާއި ބޮރޫޝިއާ ޑޯޓްމަންޑްގައި ކޯޗިން މަސައްކަތް ކޮށްފައިވާ ކަޕޭޔާސް ބުންޏެވެ.

ފިލިޕީންސާއި ރާއްޖޭން އެންމެ ފަހުން 2021 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގައި ކުޅުނު މެޗު ވަނީ 1-1 އިން އެއްވަރުވެފަ އެވެ. އެ ފަހަރު މެޗުތައް ކުޅެފައިވަނީ، ސެންޓްރަލައިޒްކޮށް ޔޫއޭއީގަ އެވެ.

ކަޕޭޔާސް ބުނީ އޭނާ ގަބޫލުކުރާ ފުޓްބޯޅައިގެ ވިސްނުމަކީ ކުރިން ވެފައި އޮތް ކަންކަމާ މެދު ނުވިސްނުން ކަމަށެވެ.

"ފުޓްބޯޅައިގައި ވެސް ކުރިން ވެފައި އޮތް ކަމެއް ހަނދާންކުރަން ބޭނުމެއް ނޫން. މިއީ، މި ވަގުުުތު ހިނގާ ކަމެއް ނޫނީ މުސްތަގުބަލާ މެދު ވިސްނަން ޖެހޭ ކަންކަން ގުޅިފައި އޮތް ކަމެއް. އަހަންނަށް އެނގޭހާ ވެސް އެއްޗަކީ .ކުރިއަށް އޮތް މެޗަކީ ރާއްޖެއާ ކުޅެން ޖެހޭ މެޗުކަން. މި މެޗު އަހަރެމެން ވަރަށް ސީރިއަސްކޮށް ނަގައި، ވަރަށް ރަނގަޅަށް ތައްޔާރުވަމުން މިދަނީ،" ކަޕޭޔާސް ބުންޏެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު، ފިލިޕީންސާ ހަވާލުވި ކަޕޭޔާސް ބުނީ، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބެލި ކަމުގައި ވިޔަސް ފިލިޕީންސަށް ކުޅެވޭނެ ހުނަރުވެރި މޮޅެތި ގިނަ ކުޅުންތެރިން އެބަތިބި ކަމަށެވެ. އެހެންކަމުން، މުސްތަގުބަލުގައި ފިލިޕީންސް ޓީމު އިތުރަށް ވަރުގަދަ ކުރުމަށާއި ރަނގަޅު ސްކޮޑެއް އެކުލަވާލުމަށްޓަކައި ރަނގަޅު ކުޅުންތެރިން ޓީމަށް އިތުރު ކުރާނެ ކަމަށް ކަޕޭޔާސް ވަނީ ބުނެފަ އެވެ.

"ވަރަށް ރަނގަޅު ސިލެކްޝަނެއް ހެދިގެން ރަނގަޅު ޓީމެއް އެކުލަވާލެވިދާނެ. މުސްތަގުބަލެއް ހޯދަން ބަލާއިރު، ކުރިއަށް އޮތް އަހަރުތަކުގައި މުހިންމު މަސައްކަތްތަކެއް ކުރަން ޖެހޭ،" ކަޕޭޔާސް ބުންޏެވެ.

މިއީ، ފިލިޕީންސްގެ ނިއުކްލާކްގައި އެ ގައުމުން ކުޅޭ ރަސްމީ ފުރަތަމަ މެޗެެވެ. ކަޕޭޔާސް ބުނީ، ގައުމެއްގެ ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި، ވީހާ ވެސް ގިނަ ބަޔެއްގެ ބައިވެރިވުން ލިބޭ ގޮތަށް، މުޅި ގައުމު ޝާމިލުކުރެވޭނެ ގޮތަކަށް ކުރިއަށްދިއުމަށްޓަކައި، ކަންކަން ރޭވުން މުހިންމު ކަމަށެވެ.

ނިއުކްލާކް އެތުލެޓިކް ސްޓޭޑިއަމްގައި ރާއްޖެ އާއި ފިލިޕީންސް ކުޅޭ މެޗު ފަށާނީ މިއަދު 16:00 ގަ އެވެ.