Advertisement

ޓެރަރިޒަމްގެ ބޮޑު އޮޕަރޭޝަނެއް ހިންގުމަށް ފަހު އެއްވެސް މައުލޫމާތެއް ނެތް

23 މާރިޗު 2025 - 11:37 4

ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަނުގައި މާލޭގައި ހުރި ގެއެއް ބަލައިފާސްކުރަނީ: ފުލުހުން އެ ރޭ ބުނި ގޮތުގައި އެހާތަނަށް އެ އޮޕަރޭޝަނުގެ ދަށުން ހައްޔަރުކުރީ ތިން މީހުން -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


ޓެރަރިޒަމްގެ ބޮޑު އޮޕަރޭޝަނެއް ހިންގުމަށް ފަހު އެއްވެސް މައުލޫމާތެއް ނެތް

23 މާރިޗު 2025 - 11:37 4

ގައުމީ ސަލާމަތާ ގުޅޭ ޓެރަރިޒަމްގެ ބޮޑު އޮޕަރޭޝަނެއް ހިންގިތާ ދެ ހަފުތާ ވާން ގާތްވީއިރު, އެ އޮޕަރޭޝަނާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުންނާއި ސިފައިން ވެސް ހާމަނުކުރި އެވެ.

ސަލާމަތީ ބާރުތަކުން މި އޮޕަރޭޝަން ހިންގީ ފުލުހުންގެ އިންޓެލިޖެންސަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ކަމަށް ބުނެ އެވެ. އެ އޮޕަރޭޝަނުގައި މާލެ އާއި ހުޅުމާލޭން ތަންތަން ބަލައިފާސްކޮށް ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.

މި އޮޕަރޭޝަނުގެ ދަށުން އެންމެ ފުރަތަމަ ބަލައި ފާސްކުރީ ޖުމްހޫރި މައިދާން ސަރަހައްދުން ދިޔަ ލޮރީތަކެކެވެ. ހައްޔަރުކުރި އެކަކަކީ މި ތަނުން އެއް ލޮރީ ދުއްވަން ހުރި މީހާ ކަން އެ ރޭ އެއްކުރި މައުލޫމާތުން ވަނީ ދެނެގަނެވިފަ އެވެ.

ސަލާމާތީ ބާރުތަކުން ބަލައިފާސްކުރި އެހެން ތަންތަނުގެ ތެރޭގައި ހިމެެނެނީ ވިނަރެސް ފްލެޓަކާއި ޝަބްނަމް މަގުގައި ހުރި ގެއަކާއި ހެންވޭރު ރާޅުގަނޑު ސަރަހައްދުގައި ހުރި ގެއެއްގެ އިތުރުން ހުޅުމާލެ ފޭސް ދޭކައި އެއްވެފައި އޮންނަ ފަރުކޮޅުފުށި ސަރަހައްދެވެ.

މި އޮޕަރޭޝަން ހިންގި ދުވަހު ފުލުހުން ނެރުނު ކުރި ބަޔާނެއްގައި ބުނީ, އޮޕަރޭޝަން ކުރިއަށް ދިޔަ މިންވަރަކުން, މި އޮޕަރޭޝަނާ ގުޅޭ އިތުރު މައުލޫމާތު, ހާމަކުރެވެން ހުރި މިންވަރަކުން އާންމުކުރަމުން ގެންދާނެ ކަމަށެވެ. ނަމަވެސް އެ ފަހުން މި އޮޕަރޭޝަނާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން ހާމަނުކުރެ އެވެ.

މި ފަހަކަށް އައިސް ފުލުހުން އަމަލުކުރަމުން އަންނަ އުސޫލުގެ ދަށުން ބޮޑެތި ކުށްތަކުގައި ހައްޔަރުކުރާ މީހުންގެ ވަނަވަރު ހާމަކޮށް, އެ މީހުންނަށް ތުހުމަތުކުރެވޭ މައްސަލައިގެ ބައެއް ތަފުސީލުތައް އާންމުކުރެ އެވެ. ނަމަވެސް މި މައްސަލައިގައި އެ ގޮތަށް އަމަލުކޮށްފައި ނުވަނީ ކީއްވެގެން ކަމެއް ނޭނގެ އެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދަން ފުލުހުންގެ މީޑިއާ އޮފިޝަލަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ, ފުލުހުންގެ ބަހެއް ނުލިބުނެވެ.