20 މާރިޗު 2025 - 21:58 0
ޖަރުމަނުގެ ގޮރެޓްޒްކާ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.
20 މާރިޗު 2025 - 21:58 0
އަމްސްޓެޑަމް، ނެދަލެންޑްސް (މާޗް 21) - ޔުއެފާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ފަހު ވަގުތު ލަނޑު ޖަހައި ސްޕެއިނުން 2-2 އިން ނެދަލެންޑްސްއާ އެއްވަރުކުރިއިރު، ޖަރުމަނުން ފަހަތުން އަރައި 2-1 އިން އިޓަލީ ބަލިކޮށްފި އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު އިޓަލީ އަށް މިރޭގެ މެޗުގެ އަށް ވަނަ މިނިޓްގައި ލީޑުނަގައިދިނީ މިޑްފީލްޑަރު ސަންޑްރޯ ޓޮނާލީ އެވެ. އިޓަލީން ވަނީ މި ލަނޑާ އެކު ފުރަތަމަ ހާފު ކުރީގައި އޮވެގެން ނިންމާލައިފަ އެވެ. ޖަރުމަނުން އެޓޭކް ކުރި ނަމަވެސް މި ހާފުގައި އިޓަލީގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއްނުވި އެވެ.
ޖަރުމަނުން ނަތީޖާ އަނބުރާލީ ދެ ވަނަ ހާފުގަ އެވެ. އެ ޓީމުން އެއްވަރުކުރީ ދެ ވަނަ ހާފުގެ ކުޅުން ފެށިތާ ހަތަރު މިނިޓް ތެރޭގަ އެވެ. މި ލަނޑު ޖެހީ ބަދަލަކަށް ކުޅެން އެރި ޓިމް ކްލެއިންޑެއިންސްޓް އެވެ. މިއީ، ޖޯޝުއާ ކިމިކް ދިން ބޯޅައަކުން ކްލެއިންޑެއިންސްޓް ކާމިޔާބުކުރި ގޯލެކެވެ.
ފުރަތަމަ ލެގުގައި ޖަރުމަނު މޮޅުކޮށްދީ ސެމީގެ ފުރުސަތު ބޮޑުކޮށްދިން ގޯލު ޖެހީ، މެޗުގެ 76 ވަނަ މިނިޓްގައި ލެއޯން ގޮރެޓްޒްކާ އެވެ. މި ލަނޑު ޖަހަން ވެސް ފުރުސަތު ހޯދައިދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ކިމިކް އެވެ.
އާދިއްތަ ދުވަހުގެރޭ ދެ ވަަނަ ލެގުގައި އަމިއްލަ ދަނޑުގައި އެއްވަރުކޮށްލައިގެން ވެސް ޖަރުމަނަށް ސެމީ އަށް ދެވޭނެ އެވެ.
ނެދަލެންޑްސް ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގައި، އެންމެ ފަހުގެ ޗެމްޕިއަން، ސްޕެއިނުން ވަނީ ނުވަ މިނިޓް ތެރޭ ލީޑުނަގައިފަ އެވެ. މި ގޯލު ޖެހީ، ޕެޑްރީ ދިން ބޯޅައަކުން ނިކޯ ވިލިއަމްސް އެވެ.
އެކަމަކު، ނެދަލެންޑްސް އިން ވަނީ ފުރަތަމަ ހާފުގައި އެއްވަރުކޮށްފަ އެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ ޖަސްޓިން ކްލައިވަޓް ދިން ބޯޅައަކުން ކޯޑީ ގަކްޕޯ ޖެހި ގޯލުންނެވެ.
ދެ ވަނަ ހާފު ފަށައިގެން މިނިޓެއް ތެރޭ ނެދަލެންޑްސް އިން ލީޑުނެގި އެވެ. މި ލަނޑު ޖެހީ، ޖެރެމީ ފްރިމްޕޮން ދިން ބޯޅައަކުން ޓިޖާނީ ރައިންޑާސް އެވެ. މެޗުގައި ނެދަލެންޑްސް އަށް މައްސަލަ ދިމާވީ، ކުޅުންތެރިއަކު މަދުވި ހިސާބުންނެވެ. އެ ޓީމުން މެޗުގެ ޕްރެޝަރު ވަގުތުގައި ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުނީ، 82 ވަަނަ މިނިޓްގައި ޖޮރެލް ހަޓޯ އަށް ރަތެއް ދެއްކި ހިސާބުންނެވެ.
އެއް ކުޅުންތެރިއަކު މަދުކޮށް ވެސް މޮޅުވެވޭތޯ މަސައްކަތް ކުރަމުންދިޔަ ނެދަލެންޑްސް ކޮޅަށް ސްޕެއިނުން ލަނޑު ޖެހީ އިތުރު ވަގުތުގެ ތިން ވަނަ މިނިޓްގަ އެވެ. މި ގޯލު ޖެހީ ވިލިއަމްސް ދިން ބޯޅައަކުން މިކޭލް މެރީނޯ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment