21 މާރިޗު 2025 - 06:29 0
އަހުމަދު ދާއޫދު
ދުނިޔޭގެ އެންމެ ބޮޑު ޑިޖިޓަލް ކެމެރާ ---
21 މާރިޗު 2025 - 06:29 0
ދުނިޔޭގެ އެންމެ ބޮޑު ޑިޖިޓަލް ކެމެރާ ކަމަށްވާ ލާޖް ސިނޮޕްޓިކް ސަރވޭ ޓެލެސްކޯޕް (އެލްއެސްއެސްޓީ) ކެމެރާ ޗިލީގައި ހުންނަ ވެރާ ސީ. ރޫބިން އޮބްޒަވޭޓަރީގައި ހަރުކޮށްފިއެވެ.
ރޫބިން އޮބްޒަވޭޓަރީގައި ހުންނަ ސިމޯނީ ސަރވޭ ޓެލެސްކޯޕްގައި ހަރުކުރި މި ކެމެރާ މެދުވެރިކޮށް ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ދެކުނު ހެމިސްފިއާގެ ރޭގަނޑުގެ އުޑުގެ ފުޅާ ދާއިރާއެއްގެ މަންޒަރުތައް ނެގުމަށް ވަނީ ރޭވިފަ އެވެ.
މި ކެމެރާ ހަރުކުރުމާއެކު، އޮބްޒަވޭޓަރީގެ މަސައްކަތް ފުރިހަމައަށް ފެށުމުގެ ކުރިން ފަހު މަރުހަލާގެ ޓެސްޓުތައް ކުރިއަށްދާނެއެވެ. އޮބްޒަވޭޓަރީގެ މަސައްކަތް ފުރިހަމައަށް ފެށުމަށް ރޭވިފައިވަނީ 2025 ވަނަ އަހަރުއެވެ.
މި މަޝްރޫޢަކީ އެމެރިކާގެ ނޭޝަނަލް ސައިންސް ފައުންޑޭޝަން (އެންއެސްއެފް) އާއި ޑިޕާޓްމަންޓް އޮފް އެނަރޖީ (ޑީއޯއީ) ގުޅިގެން ހިންގާ މަޝްރޫޢެކެވެ. މި ޓެލެސްކޯޕް މެދުވެރިކޮށް ވަގުތާއެކު ބަދަލުވަމުންދާ ކައުނުގެ މަންޒަރުތަކުގެ ރެކޯޑެއް އުފެއްދުމަށް ވަނީ ރޭވިފައެވެ.
އެންއެސްއެފް-ޑީއޯއީ ވެރާ ސީ. ރޫބިން އޮބްޒަވޭޓަރީން މައުލޫމާތު ދީފައިވާ ގޮތުގައި، އެލްއެސްއެސްޓީ ކެމެރާ މެދުވެރިކޮށް ކޮންމެ ތިން ރެއަކުން އެއްފަހަރު މުޅި އުޑުގެ މަންޒަރު ނެގޭނެއެވެ. އަދި މި ގޮތަށް ނެގޭ ކޮންމެ މަންޒަރަކީވެސް ވަރަށް ސާފުކޮށް ފެންނަ މަންޒަރުތަކެއް ކަމަށް ވާނެއެވެ. އެ ފަރާތުން ބުނާ ގޮތުގައި، މި ކެމެރާއިން ނަގާ އެއް މަންޒަރު ދެއްކުމަށް 400 އަލްޓްރާ-ހައި-ޑެފިނިޝަން ޓީވީ ސްކްރީން ބޭނުންވާނެއެވެ.
މި ކެމެރާގެ ގާބިލުކަމާއެކު، ސުޕަރނޯވާ، އެސްޓަރޮއިޑް އަދި ޕަލްސޭޓިން ތަރިތައް ފަދަ އުޑުގެ މަންޒަރުތައް ފާހަގަކުރެވި، ކައުނުގައި ހިނގާ ކަންކަމާ ގުޅޭ މުހިންމު މަޢުލޫމާތުތައް ލިބޭނެ ކަމަށް ސައިންސްވެރިން ލަފާކުރެ އެވެ.
ވެރާ ސީ. ރޫބިން އޮބްޒަވޭޓަރީގެ ނަން ކިޔާފައިވަނީ ތަރި ދިރާސާކުރާ ޢިލްމުވެރިޔާ ވެރާ ރޫބިންގެ ނަމަށެވެ. މި އޮބްޒަވޭޓަރީ މެދުވެރިކޮށް ކައުނުގެ އެންމެ ސިއްރުވެރި ދެ ބައިކަމަށްވާ ޑާކް މެޓަރ އަދި ޑާކް އެނަރޖީ އާ ގުޅޭ ދިރާސާތައް ކުރެވޭނެއެވެ.
ވެރާ ރޫބިން ކެންޓް ފޯޑާ އެކު ކުރި ދިރާސާތަކުން ދައްކާގޮތުގައި، ގެލެކްސީތައް ދައުރުވަމުންދަނީ މިހާތަނަށް އެނގިފައިވާ ގްރެވިޓޭޝަނަލް މޮޑެލްތަކާ ތަފާތު ގޮތަކަށެވެ. މިކަމުން ދޭހަވަނީ ފެންނަން ނެތް މާއްދާއެއް (މިހާރު ޑާކް މެޓަރ ގެ ނަމުން މަޝްހޫރުވެފައިވާ އެއްޗެއް) ގެލެކްސީތަކުގެ ހަރަކާތަށް އަސަރުކުރާކަމެވެ.
އޮބްޒަވޭޓަރީގެ ޒަމާނީ އޮޕްޓިކްސް އަދި ޑޭޓާ ޕްރޮސެސިންގ ގާބިލުކަމުގެ ސަބަބުން މި ކައުނީ ބާރުތަކާ ގުޅޭގޮތުން މިހާރު އޮތް ދެނެގަތުން އިތުރަށް ފުރިހަމަވާނެ ކަމަށް ބެލެވެއެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment