Advertisement

މޫސުމުގެ ސަބަބުން ކޮންމެ ވެސް ވަރަކަށް ކުޅުމަށް އަސަރުކުރި: ސުޒޭން

20 މާރިޗު 2025 - 13:28 1


މޫސުމުގެ ސަބަބުން ކޮންމެ ވެސް ވަރަކަށް ކުޅުމަށް އަސަރުކުރި: ސުޒޭން

20 މާރިޗު 2025 - 13:28 1

ސައުދީ އަރަބިއްޔާގައި 2027 ވަނަ އަހަރު ބާއްވާ އޭޝިއަން ކަޕްގެ ކޮލިފައިންގެ ކުރިން ރޭ އިންޑިއާގައި ކުޅުނު އެކުވެރިކަމުގެ މެޗު ކުރިއަށްދިޔައިރު، މޫސުމުގެ ސަބަބުން ވެސް ގައުމީ ޓީމުގެ ކުޅުމަށް އަސަރުކުރި ކަމަށް ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

އިންޑިއާގެ ގައުމީ ޓީމުން ފުރަތަމަ ފަހަރަށް ޝިލޯންގައި ކުޅުނު މެޗުގައި، ރޭ ރާއްޖެ އަތުން މޮޅުވީ 3-0 އިންނެވެ. މީގެ ކުރިން، ރާއްޖޭން އިންޑިއާގެ އެ ސަރަހައްދުގައި ކުޅެފައިވަނީ 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގަ އެވެ. އެ ފަހަރު، މެޗުތައް ކުޅުނީ، ގުވަހާޓީގަ އެވެ.

ރޭގެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، ސުޒޭނަށް އަމާޒުވި އެއް ސުވާލަކީ، މެޗު ކުޅުނު ޝިލޯން ސަރަހައްދުގައި ފިނި ގަދަވުމުން އޭގެ އަސަރު ކުޅުންތެރިންނަށް ކުރިތޯ އެވެ. ޖަވާބުގައި ސުޒޭން ބުނެފައިވަނީ، ބެލެވޭ ގޮތުގައި ކުޅުމަށް ކޮންމެ ވެސް ވަރެއްގެ އަސަރެއް އޭގެ ސަބަބުން ކުރި ކަމަށެވެ.

"(ގިނަ ދުވަސްތަކެއް ވަންދެން މެޗެއް ނުކުޅެތިބެފައި އައިސް) އެއީ (ފިނިވުމަކީ) ވެސް ކުުޅުމަށް އަަސަރުކުރި ކަމެއް،" ސުޒޭން ބުންޏެވެ.

އިންޑިއާ އިން ރޭ ރާއްޖެ ކޮޅަށް ފުރަތަމަ ދެ ގޯލު ޖެހީ ކޯނަރުންނެވެ. ތިން ވަނަ ގޯލު ޖެހީ އަރިމަތިން ނެގި ހުރަހަކުންނެވެ.

ސުޒޭން ބުނީ، ފަސް ދުވަސް ފަހުން، ފިލިޕީންސާ ދެކޮޅަށް އޭޝިއަން ކަޕް ކޮލިފައިންގައި ކުޅޭ މެޗަށްދާއިރު، ހިލޭޖެހުމާއި ކޯނަރުތަކުން ޑިފެންސް ކުރުމުގައި ކަންކަން ކުރަންޖެހޭނެ ގޮތަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި، އިންޑިއާއާ ދެކޮޅަށް ރޭ ބަލިވި މެޗުގައި އެންމެ ބޮޑަށް ފެނުނީ، ބޯޅަ ހިފަހައްޓައިގެން ރަނގަޅު ކުޅުމެއް ދައްކާލެވޭ ވަރު ނުވުންކަން ސުޒޭން ފާހަގަކުރި އެވެ.

"ދެން، އަހަރެމެންނަށް ގޯލު ޖަހާނެ މާ ބައިވަރު ފުރުސަތެއް ވެސް ހޯދުނު މެޗެއް ނޫން މިއީ،" ސުޒޭން ބުންޏެވެ.

އިންޑިއާ އިން ގައުމީ ޓީމު އެނބުރި އަންނާނީ މާދަމާ އެވެ. އޭގެ އަނެއް ދުވަހު ފިލިޕީންސަށް ދިއުމަށް ފުރާނެ އެވެ.