Advertisement

ސުޕްރީމް ކޯޓަށް ޝަހީދު އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި

19 މާރިޗު 2025 - 11:45 0

ޝަހީދު (ކ):


ސުޕްރީމް ކޯޓަށް ޝަހީދު އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި

19 މާރިޗު 2025 - 11:45 0

ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސެއިން ޝަހީދު ސުޕްރީމް ކޯޓަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓަށް ޝަހީދު އައްޔަން ކުރަން ފެންނަ ކަމަށް 64 މެންބަރުން ވޯޓު ދެއްވި އެވެ. އެއީ ވޯޓުގައި ބައިވެރިވި އެންމެނެވެ. އޭނާ ސުޕްރީމް ކޯޓަށް އައްޔަން ކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެ އެވެ.

ސުޕްރީމް ކޯޓަށް ޝަހީދު އައްޔަން ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދިނީ ޖުޑީޝަލް ސާވިސް ކޮމިޝަނުންނެވެ. އެ ކޯޓަށް ފަނޑިޔާރަކު މި އައްޔަން ކުރަނީ އެ ކޯޓުގައި ކުރިން ހުންނެވި ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުންނެވެ.

ފަނޑިޔާރު ސުއޫދު އިސްތިއުފާ ދެއްވީ އޭނާ ހިމެނޭ ގޮތަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކޮށް، ސުލޫކީ މައްސަލަތަކެއް ފެންމަތިކޮށް ތަހުގީގު ކުރަން ފެށުމުންނެވެ. އިސްތިއުފާ ދެއްވީ ރައީސް މުއިއްޒާއި ބަންޑާރަނައިބު އަހުމަދު އުޝާމް ފަނޑިޔާރުންނަށް ބިރު ދައްކަވާތީ އެކަމާ އިހުތިޖާޖު ކުރެއްވުމުގެ ގޮތުން ކަމަށް ސުއޫދު ވިދާޅުވި އެވެ.

ސުއޫދުގެ އިތުރުން ސަސްޕެންޑު ކުރީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރެވެ. އެ ތިން ފަނޑިޔާރުން ވެސް ސަސްޕެންޑު ކުރީ، ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލު ކުރަން ހުށަހެޅި މައްސަލައިގެ ޝަރީއަތް ފެށެން ކުޑަތަންވެފައި އޮއްވައި، ޝަރީއަތަށް ހުރަސްއެޅޭ ގޮތަށެވެ.

ފަނޑިޔާރުން ސަސްޕެންޑު ކުރި ދުވަހު، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން މަގާމުން ވަކި ކުރަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ގައިރު ގާނޫނީ ބިލެއް ވެސް ފާސް ކުރި އެވެ. ނަމަވެސް އެ ބިލު މިހާރު ވަނީ އަނބުރާ މަޖިލީހަށް ފޮނުވާލައިފަ އެވެ.

ފަނޑިޔާރުން ސަސްޕެންޑު ކުރީ އެ ފަނޑިޔާރުންގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަމުންދާ ކަމަށް ބުނެ އެވެ. ފަހުން އެނގުނު ގޮތުގައި އޭސީސީއިން ބަލަނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ވެސް ބަލަމުންދާ މައްސަލަ އެވެ.

އެ މައްސަލައިގައި ފަނޑިޔާރު އަޒްމިރާލްދާ ވަނީ އޭސީސީގެ ރައީސް އާދަމް ޝާމިލްއާ ދެކޮޅަށް އެ ކޮމިޝަނަށް މައްސަލައެއް ހުށަހަޅައިފަ އެވެ. އެ މައްސަލަ އެ ކޮމިޝަނުގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށް އޭސީސީއިން ބުނެ އެވެ.