ޔުނައިޓެޑުން ޓެން ހާގް ވަކިކުރި ގޮތް ހޮއިލުންޑަށް ކަމަކުނުދޭ

19 މާރިޗު 2025 - 03:11 0


ޔުނައިޓެޑުން ޓެން ހާގް ވަކިކުރި ގޮތް ހޮއިލުންޑަށް ކަމަކުނުދޭ

19 މާރިޗު 2025 - 03:11 0

ކޯޕެންހާގެން، ޑެންމާކް (މާޗް 19) - މިދިޔަ ނޮވެމްބަރު މަހު މެންޗެސްޓާ ޔުނައިޓެޑުން ނެދަލެންޑްސްގެ ކޯޗު އެރިކް ޓެން ހާގް ވަކިކުރިއިރު، ކަންކަން ކުރިއަށްގެންދިޔަ ގޮތް ކަމުނުދާ ކަމަށް ޔުނައިޓެޑަށް ކުޅޭ ޑެންމާކްގެ ފޯވާޑް، ރަސްމުސް ހޮއިލުންޑް ބުނެފި އެވެ.

މީގެ ކުރިން އަޔަކްސް އަށް ވެސް ކޯޗުކަންކޮށްދިން ޓެން ހާގް އަށް ޔުނައިޓެޑްގެ ކޯޗުކަމުގެ މަގާމުގައި ދެމިހުރެވުނީ ދެ އަހަރާއި ބައިގެ މުއްދަތެއް ވަންދެނެވެ. ޔުނައިޓެޑްގެ ކޯޗުކަމުން ޓެން ހާގް ވަކިކުރީ ސީޒަނުގެ ކުރީކޮޅު އެ ޓީމުން ނެރެމުންދިޔަ ދަށް ނަތީޖާތަކުގެ ސަބަބުންނެވެ. އޭނާ ވަކިކުރީ މިދިޔަ ނޮވެމްބަރު މަހު އެވެ. ޓެން ހާގް ވަކިކުރަން ޔުނައިޓެޑުން 20 މިލިއަން ޑޮލަރުގެ ހޭދައެއް ކުރަން ޖެހުނެވެ. އެއީ، އޭނާ އާއި ކޯޗިން ސްޓާފުންގެ ކޮންޓްރެކްޓް މުއްދަތުގެ ބާކީ ބަޔަށް ދައްކަން ޖެހުނު ފީ ހަމަޖައްސައިދިނުމުގެ ގޮތުންނެވެ.

ޔުނައިޓެޑުން ހޮއިލުންޑް، 22، ގަތީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހު، އެޓަލަންޓާ އަށް 78 މިލިއަން ޑޮލަރު ދައްކާގޮތަށެވެ. މިއީ، ޓެން ހާގްގެ އެދުމަށް ޔުނައިޓެޑުން ކުރި އިންވެސްޓެކެވެ.

ޑެންމާކުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ހޮއިލުންޑް ބުނީ، އޭނާ ޔުނައިޓެޑާ ގުޅުނު ސަބަބުތަކުގެ ތެރެއިން އެއް ކަމަކީ، ޓެން ހާގް ކަމަށެވެ.

"އަހަަރެން މި ވަގުތު ފޯކަސް އަކީ ރުބެން (މެންޗެސްޓާގެ މިހާރުގެ ކޯޗު އަމޮރިމް) އާ އެކު މި ހިނގާ ޝައުގުވެރި ޕްރޮޖެކްޓްގައި އަހަންނަށް ކުރެވުނު މަސައްކަތެއް ވިއްޔާ ކުރުން. އެކަމަކު، އަހަރެން ހަގީގަތަށް ބުނަންޏާ ކްލަބުން ޓެން ހާގާ މެދު އަމަލުކުރީ ގޯސްކޮށް. އޭނަ ދިޔައީ ރަނގަޅު މަސައްކަތްތަކެއް ކުރަމުން، އެކަމަކު، އެ އަށް ވަގުތެއް ނުލިބުނު،" ހޮއިލުންޑް ބުންޏެވެ.

އޭނާ ބުނީ، މިހާރު ހުރި ކޯޗު އަމޮރިމް އަށް އެކަށޭނެ ވަގުތު ލިބި ކްލަބް ހާލަތު ބަދަލުކުރެވޭނެ ކަމަށެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ޔުނައިޓެޑުން ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި، ހޮއިލުންޑް ގޯލު ޖެހިއިރު، އެއީ، އެންމެ ފަހުން ކުޅުނު 21 މެޗުގެ ތެރެއިން އޭނާގެ ފުރަތަމަ ލަނޑެވެ. ހޮއިލުންޑް ބުނީ ސީޒަނުގެ ބާކީ ބައިގައި ކުޅުން އިތުރަށް ރަނގަޅުކޮށް، ޔުނައިޓެޑުގައި އޭނާގެ މުސްތަގުބަލު އޮތްކަން ޔަގީންކުރަން ޖެހޭ ކަމަށެވެ.