Advertisement

ސްޕެއިންގައި ޕައިލެޓުކަން ކިޔަވާ ދިވެހި ދަރިވަރުންގެ ކަންބޮޑުވުންތަކަށް ސަރުކާރުން ދިނީ ބީރު ކަންފަތެއް

Advertisement

ސްޕެއިންގައި މިވަގުތު ކިޔަވަމުންދާ ދަރިވަރުންތަކެއް : ދަރިވަރުންނަށް މާލީ ގޮތުން ގިނަ ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ --- ފޮޓޯ: ދަރިވަރުން


ސްޕެއިންގައި ޕައިލެޓުކަން ކިޔަވާ ދިވެހި ދަރިވަރުންގެ ކަންބޮޑުވުންތަކަށް ސަރުކާރުން ދިނީ ބީރު ކަންފަތެއް

Advertisement

Advertisement

ސަރުކާރުގެ ސްޓޫޑެންޓް ލޯނުގެ ދަށުން ސްޕެއިންގެ ބާސެލޯނާގައި ޕައިލެޓުކަން ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ކުރިމަތިވެފައިވާ ދަތިތައް ބަޔާންކޮށް ސަރުކާރަށް ހުށަހެޅި ޕެޓިޝަނަށް އެއްވެސް ޖަވާބެއް ނުދޭތީ އެ ދަރިވަރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މިވަގުތު ބާސެލޯނާގައި 50 އެއްހާ ދަރިވަރުން ކިޔަމުންދާއިރު އެ މީހުން ސަރުކާރަށް ޕެޓިޝަނެއް ހުށަހެޅީ ވިސާގެ ކަންކަމުގައި ދިމާވެފައިވާ ދަތިތަކާއި މާލީ ގޮންޖެހުންތައް ފާހަގަ ކުރުމަށްފަހެވެ.

Advertisement

ފެބްރުއަރީ 22، ގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަށް ރައްދުކޮށް ހުށަހެޅި މި ޕެޓިޝަނުގައި ބާސެލޯނާގައި ތިބި ގިނަ ދަރިވަރުން ސޮއިކޮށްފައިވެ އެވެ. ނަމަވެސް، ޕެޓިޝަން ހުށަހެޅިތާ ތިން ހަފުތާ ވެފައިވާއިރު މިނިސްޓްރީން އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމަށް ދަރިވަރުން ބުނެ އެވެ.

"ވަރަށް ގިނަ ކުދިންތަކެއް ތިބީ ކިޔެވުން ނުނިމި އަނބުރާ ރާއްޖެ ދާން ޖެހޭ ހާލަތެއްގަ. މާޔޫސް ކަމުގަ. ސަރުކާރުން އެއްވެސް ޖަވާބެއް އަދިވެސް ނުލިބޭ. އަޅުގަނޑު ބޭނުން ވަނީ މިކަން މިހެން ހިނގާކަށް ރައްޔިތުންނަށް އަންގައިދޭން،" ދަރިވަރުންގެ ފަރާތުން މި ނޫހާ ވާހަކަ ދެއްކި އަހުސަން ނާޒިމް ބުންޏެވެ.

ޕެޓިޝަންގައި ފާހަގަކޮށްފައިވާ ކަންބޮޑުވުންތައް

Advertisement

ސްޕެއިންގައި ތިބި ދަރިވަރުން ހުށަހެޅި ޕެޓިޝަންގައި ފާހަގަކޮށްފައިވާ ގޮތުން ރާއްޖޭގައި ސްޕެއިންގެ އެމްބަސީއެއް ނެތުމުން ވިސާގެ ކަންކަމުގައި ދާން ޖެހުނީ އިންޑިއާއަށެވެ. ނިއުދިއްލީން ވިސާ ޕްރޮސެސް ކުރިއިރު ލިޔެކިޔުންތަކުގައި ދިމާވި މައްސަލައަކުން 18 މަހަށް އޮންނަންޖެހޭ ވިސާ ބައެއް ކުދިންނަށް ލިބުނީ 12 މަހަށެވެ.

ވިސާގެ މުއްދަތު އިތުރުކުރުމަށް ގާނޫނީ ގޮތުންނާއި އެހެން ގޮތްގޮތުން ކުރަން ޖެހޭ މަސައްކަތަށް ކޮންމެ ދަރިވަރެއްގެ އަތުން 2000 އެއްހާ ޑޮލަރު ގޮސްފައިވާ ކަމަށް ވެސް އެ މީހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.

މީގެއިތުރުން، ހަޔާ އެޑިއުކޭޝަނުން ސްޕެއިންގައި ކިޔަވާ ދަރިވަރުންނަށް ސްޓައިޕެންޑުގެ ގޮތުގައި މިހާރު ދޭ 1420 ޑޮލަރަކީ އެކަށީގެންވާ އަދަދެއް ނޫންކަން ދަރިވަރުން ފާހަގަކުރެ އެވެ. މި އަދަދު ޖަމާވަނީ ރުފިޔާއިން ކަމަށާއި އެ ފައިސާ ޔޫރޯއަށް ބަދަލުކޮށް ސްޕެއިންގެ ބޭންކުތަކަށް ފޮނުވުމުގައި ނަގާ ޗާޖުތަކާއެކު ވަރަށް ބޮޑު އަދަދެއް ގެއްލޭކަން ވެސް އެ މީހުން ފާހަގަކުރި އެވެ.

ސްޕެއިންގައި ދިރިއުޅުމުގެ ހަރަދު އެންމެ ބޮޑު އެއް ސިޓީ ކަމަށްވާ ބާސެލޯނާގައި ކުއްޔަށް އެކަނި މަހަކު 1300 އެއްހާ ޑޮލަރު ހޭދަވާ ކަމަށާއި އެ ހަރަދަށްފަހު ކެއިން ބުއިމާއި އެހެން ކަންކަމަށް ލޯނު ނަގައިގެން ކިޔަވާ ކުދިންނަށް ހައްލެއް ނެތް ކަމަށް ޕެޓިޝަނުގައި ބުނެފައިވެ އެވެ.

"މެޑިކަލްގެ ހަރަދަކީ ވެސް ލޯނުގެ ދަށުން މާލީ އެހީތެރިކަދް ދުލިބޭ އަޅުގަނޑުމެން ކުރަންޖެހިފައިވާ އިތުރު ބޮޑު ހަރަދެއް. ކޮންމެ 10 މަހަކުން މެޑިކަލް ސެޓްފިކެޓް އާކުރަން ޖެހޭއިރު މިކަމަށް އަޅުގަނޑުމެންގެ އަތުން ގާތްގަނޑަކަށް 822 ޑޮލަރު ހޭދަވޭ،" ދަރިވަރުން ބުނެފައިވެ އެވެ.

އޭގެ އިތުރުން، ކޯހުގައި ހޭދަވާ މުއްދަތާއި ލޯނު ދީފައިވާ މުއްދަތު ދިމާނުވާ ކަމަށާއި އެކަމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުން ފުރިހަމަކުރެވޭނެ ކަމާމެދު ސުވާލު އުފެދިފައިވާ ކަމަށް ވެސް އެ މީހުން ފާހަގަކޮށްފައިވެ އެވެ.

ސަރުކާރުގެ ވެރިންނަށް އެތައް މެސެޖެއް، ޖަވާބެއް ނެތް

ދަރިވަރުން ބުނި ގޮތުގައި މި ކަންބޮޑުވުންތައް އެކި ދަރިވަރުން ވެގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ވަޒީރުން އަދި ސަރުކާރުގެ އެހެން އިސްވެރިންނަށް ވެސް ހިއްސާކޮށްފައިވެ އެވެ.

މެންބަރުންނާއި ވަޒީރުންގެ ތެރެއިން ބައެއް ބޭފުޅުން ވަނީ މިކަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަމާލުކަމަށް ގެންނަވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް ސަރުކާރުން އެކަށީގެންވާ އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.

މަދު މަޖިލިސް މެންބަރުން ކޮޅެއް ދަރިވަރުންގެ މެސެޖުތަކަށް ޖަވާބު ދެއްވި ނަމަވެސް، ސަރުކާރުގެ ތެރެއިން މިކަމަށް ފިޔަވަޅެއް އަޅާ މަންޒަރު ނުފެންނަ ކަމަށާއި ދަރިވަރުން ތިބީ ކަންބޮޑުވުމާއި މާޔޫސް ކަމުގެ ތެރޭގައިކަން މި ނޫހާ ވާހަކަދެއްކި އަހުސަން ބުންޏެވެ.

ދަރިވަރުންގެ ޕެޓިޝަން ނިންމާލަމުން އެދިފައިވަނީ މިނިސްޓަރު ހައިދަރު އާއެކު ވީޑިއޯ ކޮންފަރެސްގެ ޒަރިއްޔާއިން ބައްދަލުވުމެއް ބޭއްވުމަށެވެ.