ޕީސީބީގެ ރައީސަކަށް ފިނޭންސްގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުރި އަނަސް އައްޔަންކޮށްފި

13 މާރިޗު 2025 - 12:31 0

އަހުމަދު އާއިދު

އ

ޕީސީބީގެ ރައީސަކަށް އައްޔަންކުރި އަނަސް: އޭނާއަކީ ފިނޭންސްގެ ޑެޕިއުޓީ މިނިސްޓަރު --- ފޮޓޯ؛ ސޯޝަލް މީޑިއާ


ޕީސީބީގެ ރައީސަކަށް ފިނޭންސްގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުރި އަނަސް އައްޔަންކޮށްފި

13 މާރިޗު 2025 - 12:31 0

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސްގެ މަގާމަށް، ފިނޭންސްގެ ޑެޕިއުޓީ މިނިސްޓަރު ކަމުގައި ހުންނެވި މުހައްމަދު އަނަސް އައްޔަންކޮށްފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަގާމަށް އަނަސް އައްޔަންކުރެއްވީ މިއަދު ކަމަށެވެ.

ޕީސީބީ އަކީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި މޮނިޓަކޮށް، އިވެލުއޭޓް ކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ބޯޑެކެވެ.

ޕީސީބީއަށް ރައީސަކު އައްޔަންކޮށްފައި މިވަނީ އެ މަގާމު ހުސްކޮށް އޮންނަތާ މަހެއް ފަހުންނެވެ. ފެބްރުއަރީ 13، ގައި އެ މަގާމު ހުސްވީ ޕީސީބީގެ ރައީސްކަމުގައި ހުންނެވި ހަމްދީ އަގީލް މަގާމުން ވަކިކުރުމުންނެވެ.

ރައީސް މުއިއްޒު އެކަން ކުރެއްވި ސަބަބެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ހަމްދީ ވަކިކުރަން ނިންމެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާ ދެމެދު އޮތް ގާތް ގުޅުމުގެ ސަބަބުން ކަމަށް އޭރު ސަރުކާރުގެ އޮފިޝަލުން ބުންޏެވެ.

ރައީސް އާއި އަބްދުއްރަހީމް ގެ ދެމެދުގައި އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަމުގެ ތެރެއިން ސަރުކާރުގެ އެކި މަގާމުތަކާއި ސަރުކާރު ކުންފުނިތަކުގެ އިސް ސަފުގައި ތިބި އަބްދުއްރަހީމް އާ ގުޅުންހުރި ގިނަ ބަޔަކު ރައީސް މުއިއްޒު ވަކިކުރައްވާފައިވެ އެވެ.

ޕީސީބީގެ ރައީސް ކަމަށް އަލަށް އައްޔަންކުރި އަނަސް އަކީ އެމްއެންޔޫ އިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ފިނޭންސްގެ ނައިބުކަމުގެ އިތުރުން އެޗްޑީސީގެ މެނޭޖަރުކަމާއި މޯލްޑިވްސް ބިޒްނަސް ސްކޫލުގެ އެސޯސިއޭޓް ޕްރޮފެސާކަންވެސް އޭނާ ކުރައްވާފައިވެ އެވެ.