ސުލޫކީ މައްސަލައިގެ އަޑުއެހުންތައް ހުޅުވާލައިގެން ބޭއްވުމަށް އަޒްމިރާލްދާ އެދިއްޖެ

9 މާރިޗު 2025 - 08:15 0

ސާއިފް ޝިޔާދު

ސ

ސުޕްރީމް ކޯޓުގެ އަޑުއެހުމެއްގައި އަޒްމިރަލްދާ ފަނޑިޔާރުންގެ ބެންޗުގައި. އޭނާއަކީ ރާއްޖޭގެ އެންމެ މަތީ ކޯޓަށް މިހާތަނަށް އައްޔަނު ކުރެވުނު އަންހެން ދެ ފަނޑިޔާރުންގެ ތެރެއިން އެކަކު


ސުލޫކީ މައްސަލައިގެ އަޑުއެހުންތައް ހުޅުވާލައިގެން ބޭއްވުމަށް އަޒްމިރާލްދާ އެދިއްޖެ

9 މާރިޗު 2025 - 08:15 0

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރަށް ސުލޫކީ މައްސަލަތަކެއްގެ ތުހުމަތުކޮށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރިއަށްގެންދާ ތަހުގީގުގައި ބާއްވާ އަޑުއެހުންތައް އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދިޔުމަށް ވަކީލުން މެދުވެރިކޮށް އޭނާ އެދިވަޑައިގަންނަވައިފި އެވެ.

އަޒްމިރަލްދާގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީން ބަލަން ފެށީ ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލު ކުރަން ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ދަނިކޮށެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަނު (އޭސީސީ)ން ޖިނާއީ ތަހުގީގެއް ހިންގާ ކަމަށް ބުނެ, އަޒްމިރަލްދާ ހިމެނޭހެން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކުރީ އެ މައްސަލައިގެ އަޑުއެހުމަކަށް ކުޑަތަން ވެފައި ވަނިކޮށެވެ.

ޖޭއެސްސީން މިހާރު ބަލަމުން ގެންދާ ސުލޫކީ މަައްސަލަތައް ބަލަން ފެށީ ކޮޮރަޕްޝަން ހިނގި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ސަސްޕެންޑުކުރި ފަހުންނެވެ. އެ ކޮމިޝަނުން ބަލަމުންދަނީ އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި މައްސަލަ އެވެ.

ޖޭއެސްސީން ފުރަތަމަ އެންގީ ފަނޑިޔާރު އަޒްމިރަލްދާ މިއަދު ހެނދުނު 11:00 އަށް އެ ކޮމިޝަނަށް ހާޒިރުވުމަށެވެ. ނަމަވެސް، މާދަމާގެ ގަޑިއަކަށް ތަހުގީގު އަޑުއެހުން ވަނީ ފަސްކޮށްފަ އެވެ.

އާންމުކޮށް ހުޅުވާލައިގެން އަޑުއެހުންތައް ބޭއްވުމަށް އަޒްމިރަލްދާގެ ގާނޫނީ ވަކީލުން ޖޭއެސްސީގައި އެގޮތަށް އެދުނީ އެ ކޮމިޝަންގެ ގާނޫނުގެ 28 ވަނަ މާއްދާއިން އެ ފުރުސަތު ތަނަވަސްވާތީ އެވެ.

"ތިޔަ ކޮމިޝަނުން ތަހުގީގު ކުރައްވާ ކަމަށް އަންގަވާފައިވާ ސުލޫކީ މައްސަލައިގެ އެންމެހާ އަޑުއެހުންތައް އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދެވޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުން އެދެން. އަދި މި ހުށަހެޅުމާ ގުޅިގެން ތިޔަ ކޮމިޝަނުން ނިންމަވާ ނިންމެވުމެއް އަވަސް ގޮތެއްގައި އަންގަވައި ދެއްވުން އެދެން" ވަކީލުންގެ ފަރާތުން ޖޭއެސްސީގައި އެދިފައިވެ އެވެ.

މީގެ ކުރިން އަޒްމިރާލްދާގެ ގާނޫނީ ވަކީލުންގެ ފަރާތުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އަޒްމިރާލްދާ ސަސްޕެންޑުކޮށް، ހަމަ އެ ދުވަހުގެ ވަގުތެއްގައި އޭނާގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން އަންގާފައިވާއިރު، އެ މައްސަލަތަކަކީ އަސްލެއް އަދި އަސާސެއް ނެތި ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވުމަށް އުފައްދާފައިވާ ހާލަތެއް ކަމަށެވެ.

އަޒްމިރަލްދާ ފިރިކަލުން ދޫކޮށްލަން ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކުރާ މައްސަލައިގައި އެ ކޯޓުގެ ފަނޑިޔާރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރުކޮށް, ބަޔާން ވަނީ ނަގާފަ އެވެ.

އެ ކަމުގައި ޖޭއެސްސީގެ ރަސްމީ ބަހެއް ނުލިބުނު ނަމަވެސް "އަދަދު" އަށް އެނގިފައިވާ ގޮތުގައި އެ ކޮމިޝަނުން ވަނީ ކްރިމިނަލް ކޯޓުގެ ގާޒި އިބްރާހިމް ޒިހުނީގެ ބަޔާނާއި ގާޒީ ސަފްއަތު ހަބީބުގެ ބަޔާން ނަގާފަ އެވެ.

ފަނޑިޔާރުންގެ މައްސަލަތަކެއް ފެންމަތިކޮށް، ގޮނޑި ގެއްލުވައިލެވޭ މާއްދާ ބާތިލް ކުރަން ހުށަހެޅި މައްސަލައިގެ ޝަރީއަތަށް ޖޭއެސްސީން ހުރަސްއެޅިއިރު، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކި ކުރަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފެބްރުއަރީ 26، ގައި ގައިރު ގާނޫނީ ބިލެއް ފާސްކޮށްފަ އެވެ. ބިލުގެ މަސައްކަތް އަވަސް އަރުވާލައިގެން ކުރި ނަމަވެސް, މިއަދާ ހަމައަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ބިލު ތަސްދީގުނުކުރައްވަ އެވެ.