Advertisement

ރިޓަޔާކުރަން ނިންމި ނިންމުން ބަދަލުކޮށް 40 އަހަރުގެ ޗެތުރީ އެނބުރި އިންޑިއާ ގައުމީ ޓީމަށް

6 މާރިޗު 2025 - 22:35 1


ރިޓަޔާކުރަން ނިންމި ނިންމުން ބަދަލުކޮށް 40 އަހަރުގެ ޗެތުރީ އެނބުރި އިންޑިއާ ގައުމީ ޓީމަށް

6 މާރިޗު 2025 - 22:35 1

ނިއު ދިއްލީ، އިންޑިއާ (މާޗް 6) - އިންޑިއާ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުން ހުއްޓާލި ތަޖުރިބާކާރު ފޯވާޑް، ސުނިލް ޗެތުރީ، ރިޓަޔާކުރަން ނިންމި ނިންމުން ބަދަލުކޮށް އަލުން އިންޑިއާ ޓީމަށް ކުޅެން ނިންމައިފި އެވެ.

މިދިޔަ އަހަރުގެ ޖޫން މަހު، އިންޑިއާ ޓީމުން ރިޓަޔާކުރި، އުމުރުން 40 އަހަރުގެ ޗެތުރީ ވަނީ މި މަހު އިންޑިއާ އިން ކުޅޭ ދެ މެޗަށް ނެގި ސްކޮޑަށް ނަގައިފަ އެވެ. އެއީ، މި މަހު 19 ވަނަ ދުވަހު އެކުވެރިކަމުގެ މެޗެއްގައި ރާއްޖެއާ ދެކޮޅަށާއި މި މަހު 25 ވަނަ ދުވަހު އޭޝިއަން ކަޕް ކޮލިފައިންގައި ބަންގްލަދޭޝާ ކުޅޭ މެޗަށް ނެގި ސްކޮޑަށެވެ.

ނަވާރަ އަހަރު އިންޑިއާ ޓީމަށް ކުޅުނު ޗެތުރީ ރިޓަޔާކުރީ މިދިޔަ އަހަރުގެ ޖޫން މަހު އިންޑިއާ އިން ވޯލްޑް ކަޕް ކޮލިފައިންގައި ކުވެއިތާ ކުޅުނު މެޗަށް ފަހު އެވެ. ކަލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމްގައި ކުޅުނު އެ މެޗު ބަލަން 60،000 އެއްހާ މީހުން ދަނޑަށް ވަނެވެ.

ޗެތުރީ، އިންޑިއާ ގައުމަށް ކުޅުން ހުއްޓާލިއިރު، 146 މެޗުން 94 ލަނޑު ޖެހި އެވެ. އޭނާ އަކީ ދުނިޔޭގެ ފުޓްބޯޅަ އަށް ބަލާއިރު، ގައުމީ ޓީމަށް ހަތަރު ވަނަ އަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. ޗެތުރީ އަށް ވުރެ ގިނައިން ގައުމީ ޓީމަށް ލަނޑު ޖެހީ، އީރާންގެ ލެޖެންޑް އަލީ ދާއީގެ އިތުރުުން، ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އާޖެންޓީނާގެ ތަރި، ލިއޮނަލް މެސީ އެވެ.

އިންޑިއާގެ ކޯޗު މަނޯލޯ މާކުއޭޒް ބުނީ، މި ވަގުތަށް ބަލާއިރު، އިންޑިއާ ފުޓްބޯޅަ އަށް މިއީ މުހިންމު ދަނޑިވަޅެއް ކަމަށާއި، އޭޝިއަން ކަޕަށް ކޮލިފައިވުމުގެ އަމާޒުގައި އިންޑިއާ އިން މަސައްކަތް ފަށާއިރު، ޗެތުރީ ޓީމަށް ގެންނަން ގައުމީ ޓީމުން އެދުމުން އޭނާ އެކަމަށް އެއްބަސްވީ ކަމަށެވެ.

"ޔަގީނުން ވެސް ޗެތުރީއާ އެކު މި ޓީމު ވަރަށް ވަރުގަދަވާނެ،" މާކުއޭޒް ބުންޏެވެ.

މި ވަގުތު އިންޑިއަން ސުޕަ ލީގަށް ބަލާއިރު، އެންމެ ގިނަ ގޯލު ޖެހި އިންޑިއާ ކުޅުންތެރިއަކީ ޗެތުރީ އެވެ. ޗެތުރީ ވަނީ، 23 މެޗުން 12 ގޯލު ޖަހައިފަ އެެވެ. އޭގެ ތެރޭގައި، ކެރަލާ ކޮޅަށް ހެދި ހެޓްރިކް ވެސް ހިމެނެ އެވެ.

އިންޑިއާގެ ފިރިހެން ފުޓްބޯޅަ ޓީމަށް މިދިޔަ އަހަރަކީ އެންމެ ރަނގަޅު އަހަރެއް ނޫނެވެ. އެ ޓީމުން ކުޅުނު، 11 މެޗުގެ ތެރެއިން މޮޅެއް ލިބިފައިނުވެ އެވެ. ފަސް މެޗުން އެއްވަރުވިއިރު، ހަ މެޗުން ވަނީ ބަލިވެފަ އެވެ. މިއީ 2014 ވަަަނަ އަހަރަށް ފަހު، ކަލަންޑަރު އަހަރެއްގައި، އިންޑިއާ އަށް މޮޅެއް ނުލިބި ނިންމާލަން ޖެހުނު ފުރަތަމަ އަހަރެވެ.