6 މާރިޗު 2025 - 12:03 0
އަހުމަދު އާއިދު
ފުލުހުންގެ އޮޕަރޭޝަނުގައި ރެއިޑު ޖެހި ވޭޕު ފިހާރަ: މިތަނާ ގުޅޭ އެއްވެސް ތަފުސީލެއް ހާމައެއް ނުކުރޭ --- ފޮޓޯ: ފުލުހުން
6 މާރިޗު 2025 - 12:03 0
މާލޭގައި ގާނޫނާ ހިލާފަށް ވޭޕުގެ ވިޔަފާރި ކުރަމުންދިޔަ ދެ ތަނަކަށް ރެއިޑު ޖަހައި, ގިނަ އަދަދެއްގެ ވޭޕާއި ވޭޕު ކާޓްރިޖުތަކެއް ފުލުހުން އަތުލައިގެންފި އެވެ.
ފުލުހުން މިއަދު ބުނީ އެ ހިދުމަތުގެ އިންޓެލިޖަންސަށް ލުބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ބަލާ ފާސްކުރީ ވޭޕުގެ ވިޔަފާރި ކުރާ ކަމަށް ތުހުމަތުކުރެވޭ މީހަކު ދިރިއުޅެ ތަނަކާއި އޭނާ މަސައްކަތްކުރާ ކެފޭ ކަމަށެވެ.
އެ ތަންތަނުން 84 ވޭޕު ކާޓްރިޖާއި އެ ވިޔަފާރިން ލިބިފައިވާ ފައިސާ ފެނުނު ކަމަށް ފުލުހުން ބުންޏެވެ. ފައިސާގެ ޖުމްލަ އަދަދެއް ހާމައެއް ނުކުރެ އެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އެމްޑީ އަބޫ ސުފްޔާން، 27، ބަންގްލަދޭޝް، އެވެ.
މި އޮޕަރޭޝަނުގައި ފުލުހުން ދެން ބަލާފާސްކުރީ ގަލޮޅުގައި ހުންނަ ފިހާރައެކެވެ. އެތަނާ ގުޅޭ އެއްވެސް ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ. މިތަނުން ގިނަ އަދަދެއްގެ ވޭޕު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އެ ހިދުމަތުން ބުނި ނަމަވެސް ވޭޕުގެ އަދަދެއް ފުލުހުން ނުބުނެ އެވެ.
މި އޮޕަރޭޝަނުގައި ފުލުހުން ހައްޔަރުކުރި ބަންގްލަދޭޝް މީހާ --- ފޮޓޯ: އަދަދު
ވޭޕު ގެ ވިޔަފާރީގެ މި ދެ މައްސަލަ ތަހުގީގުކުރަމުންދާއިރު މި އޮޕަރޭޝަނުގައި ފުލުހުންގެ އިތުރުން ހެލްތު މިނިސްޓްރީ އަދި އިކޮނޮމިކް މިނިސްޓްރީން ބައިވެރިވި އެވެ.
ގާނޫނަށް ކުއްލި ބަދަލެއް ގެނެސް ރާއްޖެއަށް ވޭޕު އެތެރެކުރުމާއި ވޭޕު ބޭނުންކުރުމާއި ގެންގުޅުން އަދި އޭގެ ވިޔަފާރި ކުރުން މަނާކުރީ މިދިޔަ އަހަރު ފަހުކޮޅު އެވެ. ވޭޕު އެތެރެކުރުން ނޮވެމްބަރު 15، 2024 ގައި މަނާކުރިއިރު ވޭޕާ ގުޅޭ އެހެން ކަންކަން މަނާކުރީ އޭގެ މަހެއް ފަހުންނެވެ.
ސަރުކާރުން ހުށަހަޅާ ގާނޫނަށް ގެނައި ބަދަލާއެކު ވިއްކައިފި މީހަކު ނަމަ 20،000ރ. އިން ޖޫރިމަނާ ކުރުމާއެކު، ވިއްކި ކޮންމެ ވޭޕަކަށް 10،000ރ. ގެ ޖޫރިމަނާއެއް ވެސް ގާނޫނުގެ ދަށުން އަންނާނެ އެވެ.
ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އެ އެތަކެތި ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް އެތެރެކޮށްފި ނަމަ، 50،000ރ. އިން ޖޫރިމަނާ ކުރެވޭއިރު، އެތެރެކުރި ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތަކަށް 10،000ރ. ގެ މަގުން ޖޫރިމަނާ ކުރެވެ އެވެ.
Comment