5 މާރިޗު 2025 - 20:15 4
މުހައްމަދު ޝަހްޒާން
މިފްކޯގެ ސީއީއޯއަކަށް މިއަދު އައްޔަނުކުރި ފަރުހަތު ޝަހީރު: އޭނާ ވަނީ މީގެ ކުރިން އައިޖީއެމްއެޗުގެ ސީއީއޯކަން ވެސް ކުރައްވާފައި -- ފޮޓޯ: އަވަސް
5 މާރިޗު 2025 - 20:15 4
ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ސީއީއޯއަކަށް ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް ފަރުހަތު ޝަހީރު މިއަދު އައްޔަނުކޮށްފި އެވެ.
މިފްކޯގެ ސީއީއޯއަކަށް ފަރުހަތު ހަމަޖައްސާފައިވާކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަ ކުރީ މިއަދު އެވެ.
ފަރުހަތު ޝަހީރު އަކީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަން މަގުމަތިން ބަދަލުކުރި އިރު އެމްއެންޑީއެފްގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި ބޭފުޅާ އެވެ. ވެރިކަން ބަދަލުވުމާއެކު، ހަމަ އެ އަހަރުގެ ފެބްރުއަރީ ތެރޭގައި އޭނާ އިސްތިއުފާ ދެއްވި އެވެ.
އޭގެފަހުން ރައީސް ޔާމީނުގެ ވެރިކަމުގައި ފަރުހަތު ޝަހީރު ހުންނެވީ އައިޖީއެމްއެޗުގެ ސީއީއޯގެ މަގާމުގަ އެވެ.
ކުރީގެ ސިފައިންގެ ބޭކަލަކާ މިފްކޯ ހިންގެވުން ހަވާލުކުރިއިރު، މީގެ ކުރިން ފެނަކަ އާއި އެމްޕީއެލް ފަދަ ބައެއް ކުންފުނިތަކުގެ ހިންގުން ވެސް މިލިޓަރީ ނުވަތަ ފުލުހުންގެ ތެރޭގައި މަސައްކަތް ކުރައްވާފައި ތިއްބެވި ބޭފުޅުންނާ މި ސަރުކާރުން ވަނީ ހަވާލު ކޮށްފަ އެވެ.
މިފްކޯގެ ސީއީއޯގެ މަގާމު ހުސްވީ އެ މަގާމަށް މިދިޔަ ޑިސެމްބަރު މަހު އައްޔަނުކުރި ޑރ. ވިޓަލީ ލިއުބިމޯވް މިދިޔަ ހޯމަ ދުވަހުގެރޭ ކުއްލި ގޮތަކަށް އެ މަގާމުން ވަކި ކުރުމުންނެވެ. ޑރ. ވިޓަލީ އަކީ 32 އަހަރުގެ ތާރީހުގައި މިފްކޯ ހިންގުމާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ ބޭރުގެ ސީއީއޯ އެވެ. އޭނާ އެ މަގާމުން ވަކިކުރި ސަބަބެއް މިހައިތަނަށް މިފްކޯއިން ވެސް އަދި ޕީސީބީން ވެސް ހާމައެއް ނުކުރެ އެވެ.
ވިޓަލީ މަގާމުން ވަކިކުރި ސަބަބެއް ހާމަނުކުރި ނަމަވެސް, މިފްކޯގެ ތެރެއިން ސިޔާސީ ނުފޫޒު ކުޑަކުރަން އޭނާ ކުރާ މަސައްކަތަށް ސަރުކާރުން އެކި ފިއްތުންތައް ކުރިމަތިކުރުވާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
މިފަހުން އެ ކުންފުނީގެ އެކި ޑިޕާޓްމަންޓުތައް ހިންގަމުން އައި ތިން ޖެނެރަލް މެނޭޖަރަކު ވެސް ވަނީ މަގާމުން ވަކިކޮށްފަ އެވެ.
މަގާމުން ވަކިކުރި މީހުންގެ ނަންތައް މިހާތަނަށް ހާމަނުކުރާއިރު, މިފްކޯއިން ބުނީ އެ މީހުން ވަކިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިފޯމު އެޖެންޑާގެ ދަށުން މިފްކޯގެ ހިންގުން ހަރުދަނާކުރުމަށް ކުރިއަށް ގެންދާ އިސްލާހީ އެޖެންޑާގެ ދަށުން ކަމަށެވެ.
ސަރުކާރުގެ މަސް ކުންފުނި ފިޝަރީޒް ޕްރޮޖެކްޓްސް އިމްޕްލިމެންޓޭޝަން ޑިޕާޓްމަންޓް (އެފްޕީއައިޑީ) ހިޔާނާތުގެ މައްސަލަ އަށް ފަހު، މިފްކޯ އުފެއްދީ 1993 ގަ އެވެ.
Comment