4 މާރިޗު 2025 - 09:25 0
4 މާރިޗު 2025 - 09:25 0
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ޓެކްނިކަލް ޑިރެކްޓަރު އަދި ފީފާ/އޭއެފްސީގެ އިންސްޓްރަކްޓަރު، އަހުމަދު ޝަރީފް (ޑުންގާ)ގެ ބެލުމުގެ ދަށުން، އެސްޕަޔާ ފުޓްބޯލް އެކަޑަމީގެ ހުޅުމާލޭގެ ކަންކަން ވަރުގަދަ އަށް ކުރިއަށްގެންދިއުމަށް މަސައްކަތް ފަށައިފި އެވެ.
އެސްޕަޔާ ފުޓްބޯލް އެކަޑަމީން ބުނީ، ޑުންގާ ހަމަޖައްސާފައިވަނީ ހުޅުމާލޭގައި އެކަޑަމީން ކުރިއަށްގެންދާ ޓްރެއިނިންގެ ކަންކަން ބެލުމަށްޓަކައި، ސީނިއާ ކޯޗެއްގެ ރޯލުގައި ކަމަށެވެ.
ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު އެއް އިންސްޓްރަކްޓަރު އަދި އައްޑޫގެ ފުޓްބޯޅަ ކުޅުންތެރިން، ރާއްޖޭގެ މަތީ ފަންތިއާ ހަމައަށް ގެނެސްދިނުމުގައި ފާހަގަކުރެވޭ މަސައްކަތެއް ކޮށްފައިވާ، ޑުންގާގެ ބެލުމުގެ ދަށުން ކުޅުންތެރިން ޑިވެލޮޕްކޮށް، އެސްޕަޔާ އިން ބޭނުންވާ ލެވަލަށް ކުޅުންތެރިން ކުރިއަށްގެންދެވޭނެ ކަމަށް އެ އެކަޑަމީން ވަނީ ބުނެފަ އެވެ.
ގައުމީ ލެވަލްގެ ފެންވަރު ރަނގަޅު ގިނަ ފުޓްބޯޅަ ކުޅުންތެރިންތަކެއް އުފެއްދުމުގެ ވިސްނުމުގައި، މީގެ އެއް އަހަރު ކުރިން ފެށި އެސްޕަޔާ ފުޓްބޯލް އެެކަޑަމީގެ މަސައްކަތް ވަރަށް ފުޅާކޮށް މިހާރު ހިނގަ އެވެ. ކްލަބެއްގެ ދަށުން އެކަޑަމީގެ މަސައްކަތް ކުރުމަށްޓަކައި، އެސްޕަޔާ އިން ވަނީ ރާއްޖޭގެ އެންމެ ކާމިޔާބު ޔޫތު ޓީމު ކަމަށްވާ، ކްލަބް އީގަލްސްއާ ގުޅިފަ އެވެ.
ފެންވަރު ރަނގަޅު ގިނަ ކޯޗުންގެ ޕޫލެއްގެ ތެރެއިން މަސައްކަތް ކުރަމުން އަންނަ އެސްޕަޔާ އިން ގިނަ ސްކޫލްތަކާ ގުޅިގެން ވެސް އަންނަނީ ފުޓްބޯޅައިގެ ޑިވެލޮޕްމަންޓްގެ އިސް މަސައްކަތްތަކެއް ކުރަމުންނެވެ. އެސްޕަޔާގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމު ފުރަމުން އަންނަ، ޕްރޯ ލައިސަންސް ކޯޗު، މުހައްމަދު ޝިޔާޒް (މޯހަން)ގެ ބެލުމުގެ ދަށުން، އެ އެކަޑަމީގެ ކޯޗުންގެ ޑިވެލޮޕްމަންޓަށް ވެސް އެކި ކަހަލަ ޕްރޮގްރާމްތައް ހިންގަ އެވެ.
Comment