އެޕަލްގެ ސިރީ އަޕްޑޭޓްވުން 2027 އަށް ލަސްވެދާނެ: ރިޕޯޓް

3 މާރިޗު 2025 - 03:26 0

އަހުމަދު ދާއޫދު

އ

އެޕަލްގެ ސިރީއަށް ގިނަބަޔަކު ދަނީ އިންތިޒާރު ކުރަމުން -- ފޮޓޯ: ޓެކްކްރަންޗް


އެޕަލްގެ ސިރީ އަޕްޑޭޓްވުން 2027 އަށް ލަސްވެދާނެ: ރިޕޯޓް

3 މާރިޗު 2025 - 03:26 0

ޓެކްނޮލޮޖީ ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެޕަލްއިން އެ ކުންފުނީގެ އާޓިފިޝަލް އިންޓެލިޖެންސް އެސިސްޓެންޓް ސިރީ އަޕްޑޭޓްކުރުމުގައި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ބްލޫމްބާގްގެ ރިޕޯޓަރު މާކް ގާމަން ހާމަކޮށްފިއެވެ. އޭނާ ބުނާ ގޮތުގައި ސިރީގެ ފުރިހަމަ އަޕްޑޭޓެއް ނުކުންނާނީ 2027 ވަނަ އަހަރު ނެރޭ އައިއޯއެސް 20 އާ އެކު އެވެ.

ނަމަވެސް މި މުއްދަތުގެ ތެރޭގައި ސިރީއަށް އެއްވެސް އަޕްޑޭޓެއް ނާންނާނެ ކަމަކަށް އޭނާ ނުބުނެއެވެ. މި އަހަރުގެ މޭ މަހު ސިރީގެ އާ ވާޝަނެއް ނެރޭނެ ކަމަށާއި، މިއީ ވޭތުވެދިޔަ އަހަރު އެޕަލްއިން އިއުލާނުކުރި އެޕަލް އިންޓެލިޖެންސް ފީޗާތައް ހިމެނޭ ވާޝަނެއް ކަމަށް ގާމަން ބުނެފައިވެ އެވެ.

މި އާ ވާޝަންގައި "ދެ ސިކުނޑިއެއް" ހުންނާނެ ކަމަށް ގާމަން ބުނެފައިވެއެވެ. އޭގެ ތެރެއިން އެއް ސިކުނޑިއަކީ ޓައިމަރު ސެޓްކުރުމާއި ފޯނު ކޯލްތައް ކުރުން ފަދަ ކުރީގެ ކޮމާންޑްތަކަށް ހާއްސަ ސިކުނޑިއެކެވެ. އަނެއް ސިކުނޑިއަކީ ޔޫޒަރުގެ ޑޭޓާ ބޭނުން ކޮށްގެން އިތުރަށް ތަރައްގީވެފައިވާ ސުވާލުތަކަށް ޖަވާބު ދޭ ސިކުނޑިއެކެވެ.

މި ދެ ސިކުނޑި އެއްކޮށްލައިގެން އުފައްދާ "އެލްއެލްއެމް ސިރީ"، ޖޫން މަހު ބޭއްވޭ ވޯލްޑްވައިޑް ޑިވެލޮޕާސް ކޮންފަރެންސްގައި އިޢުލާނުކުރާނެ ކަމަށާއި، މި ސިސްޓަމް ބޭނުންކުރަން ފެށޭނީ 2026 ވަނަ އަހަރުގެ ފަހުކޮޅު ކަމަށް ގާމަން ބުނެފައިވެއެވެ.

އެޕަލްއަށް ސިރީގެ އެޑްވާންސްޑް ކެޕޭބިލިޓީތައް ފުރިހަމައަށް ތަރައްގީކުރެވޭނީ އޭގެ ފަހުން ކަމަށާއި، އެ ފީޗާތައް ނެރެވޭނީ 2027 ވަނަ އަހަރު ކަމަށް ގާމަން ބުނެފައިވެ އެވެ.