Advertisement

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރާ ބިލަށް ވޯޓު ނުދޭން އަޒާން ތަޅުމުން ނުކުންނަވައިފި

26 ފެބުރުވަރީ 2025 - 10:25 2

އަހުމަދު އާއިދު

އަހުމަދު އާއިދު

ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން : ޕީއެންސީގެ ޕީޖީގެ ވަޓްސްއެޕް ގްރޫޕުން އޭނާ ވަނީ ބޭރުކޮށްލާފަ --- ފޮޓޯ: ރައްޔިތުންގެ މަޖިލިސްހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން : ޕީއެންސީގެ ޕީޖީގެ ވަޓްސްއެޕް ގްރޫޕުންވެސް އޭނާ ވަނީ ބޭރުކޮށްލާފަ --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރާ ބިލަށް ވޯޓު ނުދޭން އަޒާން ތަޅުމުން ނުކުންނަވައިފި

26 ފެބުރުވަރީ 2025 - 10:25 2

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކޮށް، އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލު ކުރަން ސަރުކާރުން ހުށަހެޅި ބިލާ ދެކޮޅު ހައްދަވާ ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަޖިލީހުގެ ތަޅުން ދޫކުރައްވާ ނުކުންނަވައިފި އެވެ.

އެއްވެސް އުނިއިތުރެއް ނުގެނެސް ރޯލްކޯލް ވޯޓަކުން ފާސްކުރީ މިއަދު ބޭއްވި ޖަލްސާގަ އެވެ. ވަކިވަކި މެންބަރުންނާ ސުވާލުކުރަމުން ދިޔަ ވަގުތު އަޒާން މަޖިލީހުގެ ތަޅުން ދޫކުރައްވާ ވަޑައިގެންނެވި މަންޒަރު ޖަލްސާގެ ލައިވް ސްޓްރީމުން ފެނެ އެވެ.

އެވަގުތު އޭނާއާއެކު އިދިކޮޅު އެމްޑީޕީގެ މެންބަރުންވެސް މަޖިލީހުގެ ބައެއް މެންބަރުން ތަޅުން ދޫކުރައްވާ ނުކުމެވަޑައިގެންނެވި އެވެ.

މަޖިލީހުގެ ތަޅުމުގައި އެ ބިލު ފާސްކުރީ އިދިކޮޅު އެމްޑީޕީގެ ތިން މެންބަރުންގެ ނަން އިއްވުމަށްފަހު ރޯލް ކޯލް ވޯޓަކުންނެވެ. މި ބިލާ އެއްކޮޅަށް ވޯޓު ދިނީ 68 މެންްބަރުންނެވެ. އެއީ މުޅިން ވެސް މަޖިލީހާއި ސަރުކާރު ކޮންޓްރޯލް ކުރާ ޕީއެންސީގެ މެންބަރުންނެވެ.

މި ބިލު ބަލައިގަތުމަށް ނެގި ވޯޓުގައިވެސް އަޒާން ބައިވެރިވެފައެއް ނުވެ އެވެ. އެ ބިލު ބަލައިގަންނަން ވޯޓު ދިން މެންބަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް ޕީއެންސީން ބުނެފައި އޮއްވާ, ރައްޔިތުންގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން އެ ޕާޓީގެ މެންބަރުން ތިބޭ ވަޓްސްއެޕް ގްރޫޕުން ވަނީ ބޭރުކޮށްފަ އެވެ.

އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީއެންސީގެ މަޖިލިސް މެންބަރުން މުއާމަލާތް ކުރުމަށް ބޭނުންކުރާ ގްރޫޕުން އަޒާން ބޭރުކުރީ އިއްޔެ ހަވީރުގެ ވަގުތެއްގަ އެވެ. މި ގްރޫޕުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް އިންނަވަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލު ކުރަން ބިލް ހުށަހެޅުއްވީ ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ. އާދިއްތަ ދުވަހުގެ ރޭ މަޖިލީހަށް ވެއްދި މި ބިލު ބަލައިގަންނަން ފާސްކުރީ މިއަދު އެވެ.

އެ ބިލުގައި ބުނެފައި ވަނީ ފަނޑިޔާރުންގެ އަދަދު މަދު ކުރުމުގެ ސަބަބުން ކޯޓުން ވަކި ކުރާނެ ދެ ފަނޑިޔާރުން ކަނޑައަޅަންޖެހޭނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަމަށެވެ. ގާނޫނަށް އަމަލު ކުރަންފަށާތާ ފަސް ދުވަހުގެ ތެރޭގައި ވަކި ކުރާނެ ފަނޑިޔާރުންގެ ނަންތައް ޖޭއެސްސީން މަޖިލީހަށް ފޮނުވަންޖެހެ އެވެ.

ބިލުގައިވާ ގޮތުން، ސުޕްރީމް ކޯޓުން ވަކި ކުރާ ދެ ފަނޑިޔާރުން ކަނޑައެޅުމަށްޓަކައި، އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކުން އެފަދަ މަސައްކަތް ކުރަން ދީފައިވާ މުއްދަތުތަކަށް ޖޭއެސްސީން ބަލާކަށް ނުޖެހެނޭ އެވެ.