20 ފެބުރުވަރީ 2025 - 14:26 5
މުހައްމަދު ޝަހްޒާން
މަސްދަޅު ބަހަން ސިޓީ ކައުންސިލް ތައްޔާރުވެފައި: މަސްދަޅު ބެހުން މާލެ ސިޓީ ކައުންސިލަށް މަނާކުރީ ހުރިހާ އިންތިޒާމުތަކެއް ހަމަޖައްސައި އިއުލާނު ވެސް ކޮށްފައި އޮއްވައި -- ފޮޓޯ: އަދަދު
20 ފެބުރުވަރީ 2025 - 14:26 5
ކުރިއަށް އޮތް ރޯދަ މަހަށް ސަރުކާރުން ހިލޭ ބަހަން ނިންމާފައިވާ މަސްދަޅު ކޭސްތައް މާލެ ސަރަހައްދުގައި ބަހަން ފަށަން މާލެ ސިޓީ ކައުންސިލުން ތައްޔާރުވެފައި ވަނިކޮށް، މަސްދަޅު ކޭސްތައް ބެހުން ސަރުކާރުން އެ ކައުންސިލަށް މަނާކޮށްފި އެވެ.
މާލެ ސިޓީ ކައުންސިލުގެ މޭޔަރު، އާދަމް އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް ކުރާ ގޮތަށް އޮތީ އެ މާލެ ސިޓީ ކައުންސިލާއި މިފްކޯގެ އިތުރުން އެސްޓީއޯ ގުޅިގެން ކަމަށެވެ. ނަމަވެސް މަސްދަޅު ކޭސްތައް ސިޓީ ކައުންސިލުގެ އެއްވެސް ތަނަކުން ބަހައިގެން ނުވާނެ ކަމަށް އެންގީ މިއަދު ހެނދުނު ކުއްލިއަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ހެނދުނު އަޅުގަނޑުމެންނަށް އެ ބޭފުޅުން އަންގަނީ މާލެ ސިޓީ ކައުންސިލުގެ އެއްވެސް ތަނަކުން މަސްދަޅު ރައްޔިތުންނަށް ނުބަހަން، ދެން އެކަމަކު އޭރު އިއުލާނު ވެސް ކޮށްފައި އޮތީމާ ރައްޔިތުން ވަރަށް ކަންތައް ބޮޑުވެގެން އުޅެނީ،" އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ މަސްދަޅު ކޭސްތައް ބަހަން ތައްޔާރުވެ، އިއުލާނު ވެސް ކޮށްފައި އޮއްވައި ކުއްލިއަކަށް މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް އެހެން ގޮތަކަށް ކުރަން ނިންމައި ގަޑި ބަދަލު ކުރުމަކީ ރައްޔިތުންނަށް ތަކުލީފު ޖެއްސުން ކަމަށެވެ.
"މި ތަނަށް އެބަ އާދޭ، ރައްޔިތުން އެ މީހުންގެ ފައިސާއިން ގަނެފައި ހުރި މަސްދަޅު ބަލައި، ދެން އެމީހުންގެ ފައިސާއިން ގަތް މަސްދަޅެއް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ އަޅުގަނޑުމެން އެންމެންގެ ވެސް ޒިންމާއެއް ދެއްތޯ، ތަކުލީފު ޖައްސާކަށް ނުވާނެތާ،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ވަރަށް ކަންބޮޑުވޭ އަސްލުގައި ރައްޔިތުންނަށް އެހައި އޮޅޭ ގޮތަށް ކަންތައްތައް ސަރުކާރުން ކުރައްވާތީ."
މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް މަސްދަޅު ކޭސް ބަހަން ފަށަން ކުރިން އިއުލާނު ކޮށްފައި އޮތީ މިއަދު މެންދުރުފަހު 2:30 ގައި މާލެ ސިޓީ ކައުންސިލުންނެވެ. ނަމަވެސް ކުއްލިއަކަށް އެކަން ބަދަލުކޮށް، މަސްދަޅު ކޭސްތައް ބަހަން ފަށާ ގަޑި މިރެއަށް ވަނީ ބަދަލުކޮށްފަ އެވެ.
މާލެ ސަރަހައްދުގައި މަސްދަޅު ބަހަން ނިންމާފައި ވަނީ ހަތަރު ތަނަކުންނެވެ. އެއީ:
އާޒިމް ވިދާޅުވީ މަސްދަޅު ކޭސް ބެހުން ސިޓީ ކައުންސިލަށް މަނާކުރީ އެކަމަށް ވާންޖެހޭ އެންމެހައި ތައްޔާރީތައްވެ، މަސްދަޅުތައް ސިޓީ ކައުންސިލަށް ގެންގޮސްފައި ވެސް ވަނިކޮށް ކަމަށެވެ.
"ހަމަ [މަސްދަޅު ކޭސްތައް] ގެންގޮސް ހުރިހާ ކަމެއް ރެޑީ ކޮށްފައި މި ހުރީ، ހަމަ ގޮނޑި ޖަހައި ކޮމްޕިއުޓަރުތައް ރެޑީކޮށް ހަމަ ދޫކުރަން ފަށަން އަޅުގަނޑުމެން ރެޑީ،" އާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާލެ ސިޓީ ކައުންސިލާ ކަމެއް ހަވާލު ކޮށްފި ނަމަ އެކަމެއް ކޮށް ވަގުތުން ނިންމާނެ ކަމަށެވެ.
ރޯދަ މަހަށް ހާއްސަކޮށް ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދިނުމަށް ނިންމެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.
Comment