20 ފެބުރުވަރީ 2025 - 12:30 0
ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން އެ ކޮޮމިޓީގެ މެމްބަރުން.--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
20 ފެބުރުވަރީ 2025 - 12:30 0
ރައްޔިތުންގެ މަޖިލީހުގައި އޮތް ކުޅިވަރު ގާނޫނުގެ އިސްލާހަށް ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ލަފާޔާއި ހިޔާލު ހޯދުމަށް ފޮނުވައި، ހަފްތާއެއްގެ މުއްދަތު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ނިންމައިފި އެވެ.
ސަރުކާރުގެ ފަރާތުން ކުޅިވަރު ގާނޫނަށް އިސްލާހު ހުށަހެޅުއްވީ، މިދިޔަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު، ދިއްދޫ ދާއިރާގެ މެމްބަރު، އަބްދުއްލަތީފް މުހައްމަދު އެވެ. އެ ގޮތުން، ގާނޫނު ނަމްބަރު 30/2015، ކުޅިވަރު ގާނޫނަށް ސަރުކާރުން ގެންނަން ހުށަހަޅާފައިވާ އިސްލާހުތައް ހިމެނޭ މި ބިލްގައި، 72 އިސްލާހެއް ވަނީ ހިމަނައިފަ އެވެ. އެކަމަކު، ފުޅާދާއިރާއެއްގައި މަޝްވަރާ ކުރުމަށާާއި ދިރާސާ ކުރަން ވަގުތު ނެގުމަށްޓަކައި، މަޖިލީހުން ވަނީ ކުޅިވަރު ގާނޫނުގެ މަސައްކަތް މި އަހަރަށް ފަސްކޮށްފަ އެވެ.
އެ ގޮތުން، ރާއްޖޭގެ ކުޅިވަރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ގުޅިގެން، މި ކަމާގުޅުންހުރި ފަރާތްތަކުގެ ޚިޔާލު ހޯދުމަށް ބާއްވާ ފޯރަމެއް މިއަދު މަޖިލީހުގައި ކުރިއަށްދިޔަ އެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަން ހުޅުވާލި ފުރުސަަތުގައި، ބައެއް އެސޯސިއޭޝަންތައް ތަމްސީލްކުރެއްވި ފަރާތްތަކުން ވަނީ، އެ އެސޯސިއޭޝަންތަކުގެ ހިޔާލު މި ކަމުގައި އަދި ހޯދާފައިނުވާ ކަމަށް ހާމަކޮށްފަ އެވެ. އެ ގޮތަށް ފާހަަގަކުރި އެސޯސިއޭޝަންތަކުގެ ތެރޭގައި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ އިތުރުން، މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން ހިމެނެ އެވެ. މީގެ ތެރެއިން، އެފްއޭއެމް މިދިޔަ އޮގަސްޓް މަހުން ފެށިގެން ފީފާ އިން އައްޔަންކުރި ނޯމަލައިޒިން ކޮމިޓީއެއްގެ ދަށުން ހިންގަމުން އަންނައިރު، ވީއޭއެމްގެ ލީޑަޝިޕް ހޮވުމުގެ ދެ އިންތިހާބެއް، މިދިޔަ އަހަރެއްހާ ދުވަސްތެރޭ ވަނީ ކުރިއަށްގޮސްފަ އެވެ.
މީގެ އިތުރުން، ބައެއް އެސޯސިއޭޝަންތަކުން ވަނީ، މީގެ ކުރިން، ކުޅިވަރު ގާނޫނުގެ އިސްލާހާ ގުޅޭގޮތުން، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން އެސޯސިއޭޝަންތަކާ މަޝްވަރާކުރެވި ހިމެނި ކަންކަން، އެޓާނީ ޖެނަރަލް އޮފީހުން ބަދަލުކޮށްފައި، މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި ފަހުން، މަޖިލީހުން އަލުން މި އިސްލާހަށް ލަފާ ހޯދަން ހުޅުވާލި ފުރުސަތުގެ ތެރޭގައި، އެކަން ކުރެވޭނެ އެކަށީގެންވާ މުއްދަތެއް ނެތް ކަމަށް ވެސް އެސޯސިއޭޝަންތަކުން ފާހަގަކުރި އެވެ.
މި ހުރިހާ ކަމަަށް އަލި އަޅުވާލައި، އެސޯސިއޭޝަންތައް ތަމްސީލްކުރި ފަރާތްތަކުން ދެއްކި، ވާހަކަތައް އަޑުއަހައި، ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ ނައިބު މުގައްރިރު، މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު، ޕީއެންސީގެ މުހައްމަދު މުސްތަފާ އިބްރާހިމް ވިދާޅުވީ، އެސޯސިއޭޝަނުން އެދޭ ގޮތަށް، މި އިސްލާހާ ގުޅޭގޮތުން، ހިޔާލު ހުށަހެޅުމަށް، ހަފްތާއެއްގެ މުއްދަތު ލިބޭ ގޮތަށް ފުރުސަތު ދޭނެ ކަމަށެެވެ.
އަދި މިއީ، ވަރަށް އަވަހަށް ނިންމަންޖެހޭ ބިލެއް ކަމަށްވާތީވެ، އެސޯސިއޭޝަންތަކުން ދީފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތް ފުރިހަމަކުރެއްވުމަށް، މެމްބަރު މުސްތަފާ އިލްތިމާސް ކުރެއްވި އެވެ.
މީގެ އިތުރުން، މިއަަދުގެ ފޯރަމްގައި ވާހަކަ ދައްކަމުން، ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އިން ވަނީ، ކުޅިވަރު ގާނޫނުގެ އިސްލާހުގައި، ޖިސްމާނީ ނުކުޅެދުންތެރިކަމަށް އެކަނި އަލި އަޅުވާލައި ކަންކަން ހިމަނާފައިވާއިރު، ނަފްސާނީ ނުކުޅެދުންތެރިކަމާ ގުޅޭ ސްޕެޝަލް އޮލިމްޕިކްސްގެ ދައުރު ވެސް މި ގާނޫނުގެ ތެރެއިން ވަކިވެގެން އަންނަން ޖެހޭ ކަމަށް ފާހަގަކޮށްފަ އެވެ.
އަދި، ކުޅިވަރު ގާނޫނުގެ މި އިސްލާހުގެ ތެރެއިން، ސްޕޯޓްސް ކޯޕަރޭޝަން އުވާލައި ސްޕޯޓްސް ޗެނަލްގެ މަސައްކަތް ވެސް ނިމުމަކަށް ގެންނައިރު، މި ގާނޫނުން ބާރު ލިބޭ ގޮތަށް، ސްޕޯޓްސް ޗެނަލުން ކުރަމުން އަންނަ ކަންތައްތައް ދެން ކުރާނެ ގޮތެއް ވެސް ހިމެނުން އެއީ މުހިންމު ކަމެއް ކަމަށް ކުޅިވަރު އެސޯސިއޭޝަނަކުން ވަނީ ފާހަގަކޮށްފަ އެވެ.
މީގެ އިތުރުން، 2015 ވަނަ އަހަރު އެންމެ ފުރަތަމަ ކުޅިވަރު ގާނޫނެއް ގެނައީ ވަރަށް އަވަސް އަރުވެލިގެން ކުރެވުނު މަސައްކަތެއްގެ ގޮތުގައި ކަމަށްވާއިރު، މި ފަަހަރު މި ގާނޫނަށް ބޮޑެތި ބަދަަލުތަކެއް ގެންނައިރު، އެންމެ ރަނގަޅަށް މި ކަން ކުރަން ޖެހޭ ކަމަށް ވެސް އެސޯސިއޭޝަންތަކުން ފާހަގަކުރެއްވި އެވެ.
އިޖުތިމާއީ ކޮމިޓީގެ ނައިބު މުގައްރިރު، މުސްތަފާ ވިދާޅުވީ، ބޭނުމަކީ، ވީ އެންމެ ރަނގަޅަށް ގައުމަށް މަންފާ ކުރާނެހެން ކުޅިވަރުގެ ބިލްގެ ކަންކަން ނިމިގެންދިއުން ކަމަށެވެ.
Comment