Advertisement

އިންފްލޭޝަން މަތިވާނެ ކަމަށް ލަފާކޮށް، މާލީ އިސްލާހީ ފިޔަވަޅުތައް އަވަސްކުރަން އައިއެމްއެފް އިން ގޮވާލައިފި

19 ފެބުރުވަރީ 2025 - 11:57 2

އަހުމަދު އާއިދު

އަހުމަދު އާއިދު

މި މަހު ރާއްޖެ ޒިޔާރަތްކުރި އައިއެމްއެފް ގެ ވަފުދު މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


އިންފްލޭޝަން މަތިވާނެ ކަމަށް ލަފާކޮށް، މާލީ އިސްލާހީ ފިޔަވަޅުތައް އަވަސްކުރަން އައިއެމްއެފް އިން ގޮވާލައިފި

19 ފެބުރުވަރީ 2025 - 11:57 2

ރާއްޖޭގައި ތަކެއްޗާއި ހިދުމަތުގެ އަގުތައް ނުވަތަ އިންފްލޭޝަން މަތިވާނެ ކަމަށް ލަފާކޮށް، މާލީ އިސްލާހީ ފިޔަވަޅުތައް ވަރަށް އަވަސްކުރަން އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ދިވެހި ސަރުކާރަށް ގޮވާލައިފި އެވެ.

މި ހިނގާ ފެބްރުއަރީ 3، އިން ފެބްރުއަރީ 16، އަށް އައިއެމްއެފްގެ ޓީމަކުން ރާއްޖެ އައިސް މައުލޫމާތު ސާފުކުރުމަށްފަހު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މި އަހަރުގެ ތެރޭ ރާއްޖޭގެ އިންފްލޭޝަން 2.3 ޕަސެންޓު މަތިވާނެ ކަމަށެވެ.

"ކަރަންޓު އެކައުންޓު ޑެފިސިޓް އަދި އެތެރޭގެ ދަރަނިތައް ވެސް މަތިވާނެ ކަމަށް ލަފާކުރެވޭތީ ވީހާވެސް އަވަހަކަށް ސިޔާސަތުތައް ހަރުދަނާކުރަން ޖެހޭ. އިސްލާހީ ފިޔަވަޅުތައް އަޅަންޖެހޭ،" ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

ރާއްޖޭގެ މާލީ އިގްތިސާދީ ހާލަތު ދަށްވުމުގެ ފުރުސަތު މާ ބޮޑު ކަމަށް ވެސް އައިއެމްއެފް އިން ލަފާ ކުރެ އެވެ.

މާލީ ގޮތުން ނުތަނަވަސްކަން އޮތް ނަމަވެސް މި އަހަރުގެ ތެރޭ ރާއްޖޭގެ އިގުތިސޯދު ފަސް ޕަސެންޓު ކުރިއަރާނެ ކަމަށް އައިއެމްއެފް އިން ލަފާކުރެ އެވެ. އިގުތިސޯދު ކުރިއަރާ ސަބަބެއް ކަމަށް އައިއެމްއެފް އިން ބުނަނީ ފަތުރުވެރިކަން ކުރިއެރުމެވެ.

އެގޮތުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވުމާއެކު ޓޫރިޒަމަށް ބޮޑު ލުޔެއް ލިބި އެކަމުގެ ނަފާ އިގުތިސޯދަށް ކުރާނެކަން ބައިނަލްއަގުވާމީ މާލީ އިދާރާއިން ފާހަގަކޮށްފައިވެ އެވެ.

މީގެއިތުރުން، އިގްތިސޯދީ ހަމަޖެހުން ލިބޭނީ ހަރަދުކުޑަކުރަން ބަޖެޓުގައި ހުށަހަޅާފައިވާ ސިޔާސަތުތައް ވީހާވެސް އަވަހަކަށް ތަންފީޒުކޮށްގެންކަން އައިއެމްއެފް އިން ފާހަގަކޮށްފައިވެ އެވެ. މިއީ މިދިޔަ ހަފުތާ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވެސް އައިއެމްއެފް ގެ ވަފުދުން ތަކުރާރުކޮށް ފާހަގަކުރި ކަމެކެވެ.

ހަރުދަނާ ގޮތެއްގައި ދައުލަތުގެ ބަޖެޓުގެ ބޭނުންކޮށް އިސްރާފު މަދުކުރުމަށް ސަރުކާރުން މިހާރަށްވުރެ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށާއި ކޮންމެހެން ބޭނުންވާ ކަންކަމަށް ނޫނީ ހަރަދު ނުކުރުމަށް އައިއެމްއެފްގެ ވަފުދުގެ ވެރިޔާ ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.

އެގޮތުން، ޕީއެސްއައިޕީ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި އިސްކަންދޭ ގޮތް ބަދަލުކުރަން ޖެހޭކަން އައިއެމްއެފް އިން ވަނީ ފާހަގަކޮށްފަ އެވެ.

އައިއެމްއެފްގެ ވަފުދުން ރާއްޖެ އައީ އެ އިދާރާއިން ކޮންމެ އަހަރަކު އެއް ފަހަރު ގައުމުތަކުގެ މާލީ ސިއްހަތު ވަޒަންކުރަން ކުރާ "އާޓިކަލް 4 މިޝަން" ގެ ދަށުންނެވެ. މި ދަތުރުގައި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގެ އިތުރުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު، އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު އަދި އަމިއްލަ ވިޔަފާރިތަކާވެސް އެ ވަފުދުން ބައްދަލުކުރި އެވެ.