17 ފެބުރުވަރީ 2025 - 15:50 0
މިދިޔަ އަހަރު ރާއްޖޭގައި ހޯސްޓްކުރި ކާވާ ވިމެންސް ޗެމްޕިއަންޝިޕްގެ ތެރެއިން.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް
17 ފެބުރުވަރީ 2025 - 15:50 0
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން މި އަހަރު ބާއްވާނެ މުބާރާތްތަކުގެ ކަލަންޑަރުގައި, ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ގެ ބައިނަލްއަގްވާމީ ހަތަރު މުބާރާތް ރާއްޖޭގައި ހޯސްޓްކުރަން ހިމަނައިފި އެވެ.
މިދިޔަ އަހަރު ވެސް ރާއްޖޭގައި ކާވާގެ ބައިނަލްއަގްވާމީ ތިން މުބާރާތެއް ބޭއްވި އެވެ. އެއީ ކާވާ 23 އަހަރުން ދަށުގެ ސެންޓްރަލް އޭޝިއާ ވޮލީބޯލް މުބާރާތާއި، ކާވާ ވިމިންސް ވޮލީބޯލް ޗެމްޕިއަންޝިޕް އަދި ކާވާ ވިމެންސް ވޮލީބޯލް ކްލަބް ޗެމްޕިއަންޝިޕް އެވެ.
މި އަހަރަށް ތާވަލުކުރި ކަލަންޑަރުގައި، ބައިނަލްއަގްވާމީ ފުރަތަމަ މުބާރާތެއްގެ ގޮތުގައި ހިމަނާފައިވަނީ ކާވާ މެންސް ޗެމްޕިއަންސް ލީގު 2025 އެވެ. މި މުބާރާތް ކުރިއަށް ދާނީ 18-24 ޖުލައި އަށް, ޒުވާނުންގެ މަރުކަޒު އެތެރޭ ހޯލުގަ އެވެ.
ދެ ވަނަ މުބާރާތެއްގެ ގޮތުގައި ހިމަނާފައިވަނީ ކާވާ ބީޗް ވޮލީބޯލް ނޭޝަންސް ލީގު އެވެ. އައްޑޫ ސިޓީގައި ބާއްވާ މި މުބާރާތް ކުރިއަށްދާނީ 9-11 އޮގަސްޓަށެވެ. އަދި އެއް ފަހު ކާވާ ބީޗް ވޮލީބޯލް ޗެމްޕިއަންސް ލީގު ވެސް އައްޑޫގައި ބާއްވަން ހިމަނާފައިވާއިރު، އެ މުބާރާތް ކުރިއަށް ދާނީ 13-15 އޮގަސްޓަށެވެ.
ބައިނަލްއަގްވާމީ ފަހު މުބާރާތެއްގެ ގޮތުގައި ހިމަނާފައިވަނީ ކާވާ ވިމެންސް ޗެމްޕިއަންޝިޕް އެވެ. ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުރިއަށް ގެންދަން ނިންމާފައިވާ މި މުބާރާތް ބާއްވާނީ ސެޕްޓެމްބަރު މަހުގެ 24- 30 އަށެވެ. މި މުބާރާތުގެ އެންމެ ފަހުގެ ރަނަރަޕަކީ ރާއްޖެ އެވެ.
މީގެ އިތުރުން މި އަހަރުގެ ކަލަންޑަރުގައި މުޅިން އައު ދެ މުބާރާތެއްވެސް ވަނީ ހިމަނައިފަ އެވެ. އެއީ ރާއްޖެ ބީޗް ވޮލީބޯލް ލީގާއި, 21 އަަހަރުން ދަށުގެ ބީޗް ވޮލީބޯލް ޗެމްޕިއަންޝިޕް އެވެ.
Comment