17 ފެބުރުވަރީ 2025 - 13:24 1
އަހުމަދު އާއިދު
ބ. މާރިކިލުގައި ފުލުހުން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު: މި މައްސަަލައިގައި ބަނގުރަލާއި މަސްތުވާތަކެތީގެ ބާވަތެއް ފެނުނު ކަމަށް ފުލުހުން ބުނޭ --- ފޮޓޯ: އަދަދު
17 ފެބުރުވަރީ 2025 - 13:24 1
ދަނޑުވެރިކަން ކުރަން ސަރުކާރުން ދޫކޮށްފައި އޮތް ބ. މާރިކިލުން މަސްތުވާތަކެއްޗާއެކު އަންހެނަކާއި އަށް ފިރިހެނުން ހައްޔަރުކޮށްފި އެވެ.
ފުލުހުން އާންމުކުރި މައުލޫމާތުގައި ބުނީ މިއީ މި އޮޕަރޭޝަން ހިންގީ އެ ހިދުމަތުގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ.
ފުލުހުން ބުނީ މި އެންމެންވެސް ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އަދި މަސްތުވަތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި އާދިއްތަ ދުވަހު އެ ރަށަށް އަރާ ފުލުހުން ހިންގި އޮޕަރޭޝަނުގައި 162 ދަޅާއި ފަސް ފުޅީގެ ބަނގުރަލާއި 12.8 ގްރާމުގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. މަސްތުވާތަކެތީގެ ބާވަތެއް ހާމައެއް ނުކުރެ އެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު އަދި ބ. އަތޮޅު ފުލުހުން ގުޅިގެން ކަމަށެވެ.
މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭގެތެރެއިން އަބްދުލް މުހްސިން ހަސަން ފިޔަވާ އެހެން އެންމެންގެ ބަންދަށް 15 ދުވަހަށް ވަނީ ބަންދުކޮށްފަ އެވެ. ކޯޓުން މުހުސިން ދޫކޮށްލީ ޝަރުތުތަކަކާއެކު އެވެ.
ދަނޑުވެރިކަމަށް ދޫކޮށްފައިވާ މި ރަށުގައި އެ މަސައްކަތް ކުރަމުންދާކަން ސެޓްލައިޓް ފޮޓޯތަކުން ފެނެ އެވެ. އަދި، ދަނޑުވެރިކަމުގެ މަސައްކަތް ހިނގާ ގޮތް ބެލުމަށް އެކަމާ ގުޅޭ ވުޒާރާއިން ނޮވެމްބަރު 2024 ގައި އެ ރަށަށް ޒިޔާރަތްކުރި ކަމަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާގެ ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.
Comment