ރޯދަ މަހު ތަކެތީގެ އަގު ބޮޑުކުރާނަމަ ސަރުކާރުން އެ މައްސަލައިގެ ތެރެއަށް ވަންނާނެ: ސައީދު

16 ފެބުރުވަރީ 2025 - 06:58 0

އަހުމަދު އާއިދު

އ

މިދިޔަ ރޯދަމަހު މާލޭ މާރުކޭޓުގައި ބަޔަކު ވިޔަފާރިކުރަނީ : އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ ރޯދަމަހު ތަކެތީގެ އަގު ބޮޑުކުރާނަމަ ސަރުކާރުން އެ މައްސަލާގެ ތެރެއަށް ވަންނާނެ ކަމަށް --- ފޮޓޯ: އަދަދު


ރޯދަ މަހު ތަކެތީގެ އަގު ބޮޑުކުރާނަމަ ސަރުކާރުން އެ މައްސަލައިގެ ތެރެއަށް ވަންނާނެ: ސައީދު

16 ފެބުރުވަރީ 2025 - 06:58 0

ކުރިއަށް އޮތް ރޯދަމަހު ތަކެތީގެ އަގު ބޮޑުކުރާނަމަ އެ މައްސަލާގެ ތެރެއަށް ސަރުކާރުން ވަދެ 'އިންޓަވީން' ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.

ސައީދު މިހެން ވިދާޅުވީ ރައްޔިތުންގެ ސުވާލުތަކަށް ވަޒީރުން ޖަވާބުދޭން ބާއްވާ އަހާ ފޯރަމުގެ ރޭގެ ޕްރޮގްރާމުގައި އާންމުކޮށް ރޯދަމަހު ތަކެތީގެ އަގު އުފުލޭ މައްސަލަ ހައްލުކުރަން ސަރުކާރުން އަޅާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިދިޔަ އަހަރުގެ ރޯދަ މަހަކީ މި ފަހުގެ ތާރީހެއްގައި ކާބޯތަކެތީގެ އަގު ހިފެހެއްޓުނު ފުރަތަމަ އަހަރު ކަމަށްވެސް ސައީދު ވިދާޅުވި އެވެ. ނަމަވެސް މިދިޔަ ރޯދަމަހު ތަކެތީގެ އަގު އުފުލި ބައެއް ތަކެތި މާލޭގެ ބާޒާރުން ހުސްވި އެވެ.

މި އަހަރު ސަރުކާރުގެ އަމާޒަކީ ތަކެތީގެ އަގު ބޮޑުވާ މައްސަލައެއް ފެންމަތިވުމުން އެކަމަކަށް އެޓެންޑުވުން ކަމަށާއި ވިޔަފާރިތަކަށް ސަރުކާރުން ކުރާ އިލްތިމާސް އަކީ އަސާސީ އެއްވެސް އެއްވެސް އެއްޗެއްގެ އަގު ބޮޑުނުކުރުން ކަމަށްވެސް ސައީދު ރޭ ވިދާޅުވި އެވެ.

"އަޅުގަނޑު ޔަގީންކަން އަރުވަން ރަމަޟާން މަހުގެ އަގުތައް ވަރަށް ގާތުން ބަލަމުން ދާނީ އަގުބޮޑުވާ ބާވަތެއް އައިސްފިއްޔާ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަމަކަށް އިންޓަވީން ކުރާނަން،" ސައީދު ވިދާޅުވި އެވެ.

ރޯދަމަހު ތަކެތީގެ އަގު ކޮންޓްރޯލްކުރުމަށާއި އަގުބޮޑުވިޔަ ނުދިނުމަށް އަމިއްލަ ވިޔަފާރިތައް ހިމެނޭހެން ކައުންސިލެއް އެކުލަވާލެވި މަޝްވަރާކުރެވެމުންދާ ކަމަށާއި ސަރުކާރުގެ ސިޔާސަތުތައް ބިނާކުރަނީ އެ ބޭފުޅުންގެ ހިޔާލުތައްވެސް ހިމަނައިގެން ކަމަށް އިކޮނޮމިކް މިނިސްޓަރު ވިދާޅުވި އެވެ.

ރޯދައަށް ބާކީ ދެ ހަފުތާ އޮތް އިރު ބައެއް ތަކެތީގެ އަގުތައް މިހާރު ދަނީ މަތިވަމުންނެވެ. އެގޮތުން ހިކި ކިރުގެ އަގު ފުދޭވަރަކަށް ބޮޑުވެ އެކަމުގެ ޝަކުވާތައްވެސް ސޯޝަލް މީޑިއާގައި ދަނީ އިތުރުވަމުންނެވެ.

މީގެއިތުރުން، ކޮންމެ އަހަރަކާ އެއްގޮތަށް މި އަހަރުވެސް މާރުކޭޓުގައި ތަރުކާރީ އާއި މޭވާގެ އަގުތައް މަތިވާނެ ކަމަށް ބެލެވެ އެވެ.