Advertisement

އަނިޔާގެ ސަބަބުން ސިޓީގެ އަކަންޖީ ދެ މަހަށް ކުޅުމާ ދުރަށް

15 ފެބުރުވަރީ 2025 - 10:00 0


އަނިޔާގެ ސަބަބުން ސިޓީގެ އަކަންޖީ ދެ މަހަށް ކުޅުމާ ދުރަށް

15 ފެބުރުވަރީ 2025 - 10:00 0

މެންޗެސްޓާ (ފެބްރުއަރީ 15) - ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން މެންޗެސްޓާ ސިޓީ އަށް ކުޅޭ ސްވިޒަލެންޑްގެ މިޑްފީލްޑަރު، މެނުއަލް އަކަންޖީ، ދެ މަހެއްހާ ދުވަހަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ އެވެ.

މިދިޔަ ބުދަ ދުވަހުގެރޭ، ޗެމްޕިއަންސް ލީގުގެ ނޮކައުޓް ޕްލޭއޮފްގައި، ފަހު ވަގުތު ރެއާލް މެޑްރިޑް އަތުން 3-2 އިން ސިޓީ ބަލިވި މެޗުގައި، އަކަންޖީ، 29، ގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާ އިން ރަނގަޅުވުމަށް އޭނާ ވަނީ އޮޕަރޭޝަނެއް ކޮށްފަ އެވެ.

"އަކަންޖީ އޮޕަރޭޝަނެއް ކޮށްފި، އޭނާ ކުޅުމާ ދުރުގައި، 8 ނޫނީ 10 ހަފްތާ ހޭދަކުރަން ޖެހޭނެ .ކަމަށް ބެލެވޭ،" ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުންޏެވެ.

ރެއާލާ ދެކޮޅަށް ކުޅުނު މެޗުގައި، ސިޓީގެ ޖެކް ގްރީލިޝްގެ އުކުޅުވަޅަށް ލިބުނު އަނިޔާ އެހާ ސީރިއަސް ނޫން ކަމަށް ވެސް ސިޓީން ވަނީ ބުނެފަ އެވެ. އެކަމަކު، ގާޑިއޯލާ ބުނީ، ލީގުގައި މި ހަފްތާގައި ސިޓީން ނިއުކާސަލް ޔުނައިޓެޑާ ކުޅޭ މެޗުގައި، ގްރީލިޝް އަށް ނުކުޅެވޭނެ ކަމަށެވެ.

ސިޓީން މި ސީޒަނުގައި ހުރިހާ މުބާރާތެއްގައި ކުޅުނު، 30 މެޗުގައި އަކަންޖީ ވަނީ ކުޅެފަ އެވެ. އޭގެ ތެރޭގައި، ސިޓީން އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު 24 މެޗުގެ ތެރެއިން، 20 މެޗުގައި، އަކަންޖީ ވަނީ ކުޅެފަ އެވެ. އެހެންކަމުން، ޕްރިމިއާ ލީގުގައި ސިޓީން މެޖޯރިޓީ މެޗުތަކުގައި ބޭނުންކުރި ކުޅުންތެރިއަކު މި ވަނީ މުހިންމު ދުވަސްވަރެއްގައި ޓީމުން ގެއްލިފަ އެވެ.

މި ސީޒަނުގައި ސިޓީ އަށް އަނިޔާގެ މައްސަލަ ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފަ އެވެ. އެ ޓީމުގެ ސްޕެއިން މިޑްފީލްޑަރު، ރޮޑްރީ ކަކުލުގެ ސީރިއަސް އަނިޔާއަކާ ހެދި ކުޅުމާ ދުރުގައި ހުރިއިރު، ސިޓީގެ ޑިފެންޑަރުން ކަމަށްވާ، ޖޯން ސްޓޯންސް، ރުބެން ޑިއާސް އަދި ނޭތަން އަކޭ އަށް އަނިޔާއާ ހެދި ގިނަ މެޗުތަކެއް ގެއްލިފައިވެ އެވެ.

މީގެ ތިން އަހަރު ކުރިން، ސިޓީން އަކަންޖީގެ ސޮއި ހޯދީ ބޮރޫޝިއާ ޑޯޓްމަންޑަށް 20 މިލިއަން ޑޮލަރުގެ ފީއެއް ދީފަ އެވެ.