އެފްއޭއެމް ނޯމަލައިޒިން ކޮމިޓީން އަހުމަދު އިސްތިއުފާދީފި

13 ފެބުރުވަރީ 2025 - 17:54 0


އެފްއޭއެމް ނޯމަލައިޒިން ކޮމިޓީން އަހުމަދު އިސްތިއުފާދީފި

13 ފެބުރުވަރީ 2025 - 17:54 0

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ނޯމަލައިޒިން ކޮމިޓީގެ މެމްބަރު، އަހުމަދު އަލީ އިސްތިއުފާ ދީފި އެވެ.

ފީފާ އިން މިދިޔަ ޖުލައި މަހު ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން ހިންގުން ނޯމަލައިޒިން ކޮމިޓީއެއްގެ ދަށަށް ގެންނަން ނިންމައި، އޭގެ އެއް މަސް ފަހުން، ފަސް މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލައި، މަގާމުގެ ޒިންމާތައް ހަވާލުކުރި އެވެ.

އެ ގޮތުން، ނޯމަލައިިޒިން ކޮމިޓީގެ މަގާމަށް ހަމަޖެއްސި، އަހްމަދު އަލީ އަކީ ގާނޫނީ ދާއިރާ އަށް ފަރިތަ ބޭފުޅެކެވެ. ފައިނޭންޝިއަލް ކްރައިމްސްއާ ގުޅޭ ކަންކަން ހޯދުމުގެ ގާބިލުކަން ވެސް ހުންނެވި އަހުމަދު ކުރިން ވަނީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ އެސިސްޓެންޓް ކޮމިޝަނާ ޖެނަރަލްގެ މަގާމު އަދާކުރައްވައިފަ އެވެ.

އޭނާ މަގާމުން އިސްތިއުފާ ދިންކަން އެފްއޭއެމް އަށް ވެސް އަންގާފައިވާއިރު، ސަބަބެއްގެ ގޮތުގައި، ހާމަކޮށްފައިވަނީ، އަމިއްލަ ކަންތައްތައް މި ވަގުތު ހުރި ގޮތުން، އެފްއޭއެމް ނޯމަލައިޒިން ކޮމިޓީގައި ކުރަން ހުރި މަސައްކަތްތަކަށް އެކަށީގެންވާ ވަގުތު ދެވެން ނެތުމެވެ.

ފީފާ އިން ހަމަޖެއްސި ނޯމަލައިޒިން ކޮމިޓީގައި މިހާރު ތިއްބެވީ، ޗެއާމަން، އަހުމަދު ޒުހޫރުގެ އިތުރުން، ފަރީހާ ޝަރީފް، އަހުމަދު މުއިއްޒު އަދި އިސްމާއިލް ސިމަން އެވެ.

އަންނަ ޖުލައި މަހުގެ ނިޔަލަށް ފީފާއިން ނޯމަލައިޒިން ކޮމިޓީ އަށް މެންޑޭޓްތައް ދީފައިވާއިރު، އެ ޒިންމާތައް އަދާކުރަން ނޯމަލައިޒިން ކޮމިޓީން މިހާތަނަށް ކުރި މަަސައްކަތްތަކުގައި، ފުޓްބޯޅަ އަލުން ފަށަން ކުރި ކަމެއްގެ ނަތީޖާ އަދި ފެނިފައެއް ނެތެެވެ.