11 ފެބުރުވަރީ 2025 - 14:08 0
ފެނަކައިގެ އޮފީހެއް: މިދިޔަ ޖެނުއަރީ އަދި ނޮވެމްބަރު މަހުގެ ތެރޭގައި ވެސް ފައިސާ ދެއްކުމުގެ ހުކުމެއް ފެނަކައިގެ މައްޗަށް ވަނީ ކޮށްފައި -- ފޮޓޯ: އަދަދު ފައިލް
11 ފެބުރުވަރީ 2025 - 14:08 0
އަމިއްލަ ކުންފުންޏަކުން ގިނަ އަދެދެއްގެ މުދާ ނެގުމަށްފަހު ދައްކަންޖެހި ނުދައްކާ އޮތް 44 މިލިއަން ރުފިޔާ ދެ މަސްދުވަސް ތެރޭގައި ދައްކަން ފެނަކަ ކޯޕަރޭޝަންގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ފެނަކާއާ ދެކޮޅަށް އެ މައްސަލައިގައި ދައުވާ ކުރީ ކްލެސިކޯ ލިމިޓެޑުންނެވެ. އެ ކުންފުނިން އެދުނީ ފެނަކައިން ދައްކަންޖެހޭ 44،014،801ރ. ދައްކަން ފެނަކައިގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.
އެ ފައިސާއަކީ ކްލެސިކޯއަށް ދައްކަންޖެހޭ ފައިސާއެއް ކަމަށް ފެނަކައިން ވަނީ ޝަރީއަތުގައި އެއްބަސްވެފަ އެވެ. އެހެންކަމުން ކޯޓުން ހުކުމް ކުރީ އެ ފައިސާ 14 މަސްދުވަހަށް ބަހާލައިގެން ދެއްކުމަށެވެ. އެއީ ކޮންމެ މަހަކު ތިން މިލިއަން ރުފިޔާ އަދި 15 ވަނަ މަހު 2.01 މިލިއަން ރުފިޔާ އެވެ.
ފެނަކައިން ފައިސާ ނުދެއްކުމުގެ ސަބަބުން ލިބުނު ކަމަށް ބުނާ ގެއްލުމުގެ ބަދަލުގައި 6.9 މިލިއަން ރުފިޔާ ހޯދުމަށް ވެސް ކްލެސިކޯއިން ފުރަތަމަ އެދުނެވެ. ނަމަވެސް މުދަލުގެ އަގަށްވާ ފައިސާ ދައްކަން ފެނަކައިން އެއްބަސްވުމުން ކްލެސިކޯއިން ފަހުން ބުނީ ގެއްލުމުގެ ބަދަލު ނުނަގައިދިން ނަމަވެސް ވަރިހަމަ ކަމަށެވެ.
އެއީ ކޮން އިރަކު ފެނަކައަށް ދޫކުރި މުދަލެއް ކަމެއް ސިވިލް ކޯޓުގެ ހުކުމަކުން ނޭނގެ އެވެ. އަދި ފެނަކައިން ހޯދާފައި ވަނީ ކޮން މުދަލެއް ކަމެއް ވެސް ހުކުމަކުން ނޭނގެ އެވެ.
އެއީ މިފަހުން ފެނަކައިން ފައިސާ ދައްކަން އަމުރުކޮށް ސިވިލް ކޯޓުން ކުރި ތިން ވަނަ ހުކުމެވެ. އެގޮތުން ދިމަހް ޕްރައިވެޓް ލިމިޓެޑަށް 28 މިލިއަން ރުފިޔާ ދައްކަން ޖެނުއަރީ، 2025، ގައި އަދި އެޕޯލޯ ހޯލްޑިންސްގްއަށް 27 މިލިއަން ރުފިޔާ ދައްކަން ނޮވެމްބަރު، 2024، ގައި ކޯޓުން ވަނީ ފެނަކައަށް އަމުރުކޮށްފަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment