Advertisement

ޑަބްލިއުޑީސީތަކަށް ހަރަދުކުރުމަކީ އިސްރާފެއްގެ ގޮތުގައި ހުސެއިން ޝަރީފު ސިފަކޮށްފި

11 ފެބުރުވަރީ 2025 - 12:56 5

އަހުމަދު އާއިދު

އަހުމަދު އާއިދު

ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު، ހުސެއިން ޝަރީފު --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ޑަބްލިއުޑީސީތަކަށް ހަރަދުކުރުމަކީ އިސްރާފެއްގެ ގޮތުގައި ހުސެއިން ޝަރީފު ސިފަކޮށްފި

11 ފެބުރުވަރީ 2025 - 12:56 5

އަންހެންނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކަށް ކުރާ ހަރަދަކީ އިސްރާފެއްގެ ގޮތުގައި ސިފަކުރައްވާ، ދައުލަތް ފުނޑި ހަރާބުވަމުންދަނީ މިފަދަ އިސްރާފުތަކުގެ ސަބަބުން ކަމަށް ހުޅުމާލެ އުތުރު ދާއިރާގެ މަޖިލިސް މެންބަރު، ހުސެއިން ޝަރީފު ވިދާޅުވެއްޖެ އެވެ.

ޑަބްލިއުޑީސީ ތަކުގެ މެންބަރުންނަށް ރޯދަ އެލަވަންސް ލިބޭނެހެން ލާމަރުކަޒީ ގާނޫނު އިސްލާހުކުރަން ސަރުކާރުން ހުށަހަޅާފައިވާ ބިލަށް ބަހުސްކުރައްވަމުން ހުސެއިން ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނައިރު ދައުލަތާމެދު ވިސްނަން ޖެހޭ ކަމަށެވެ.

"މިކަހަލަ ތާކުންތާކު ނުޖެހޭ އަޅުގަނޑުމެންނަށް ބޭނުންނުވާ ހަމަ ބަޔަކު ދައްކާ ގޮތަކަށް އަންހެނުން ބާރުވެރި ކުރުން. ފިރިހެނުން ވަރުގަދަކުރުން. އަންހެނުން ފުޅާކުރުން. މިގޮތަށް އަޅުގަނޑުމެން ބޭނުންކުރާ އެކި ޝިއާރުތަކުގަ ނަންތަކުގަ މަސައްކަތް ކުރުމުގެ ސަބަބުން އަޅުގަނޑުމެން ދައުލަތް މިދަނީ ފުނޑި ހަރާބުވަމުން،" އޭނާ ވިދާޅުވި އެވެ.

އަދި، ކުރަން ނުޖެހޭ ހަރަދުތައްކޮށް އިސްރާފުކުރުމުގެ ސަބަބުން ދައުލަތަށް ހަމަ ފަޔަށް ނުތެދުވެވޭ ކަމަށާއި އެކަމާ މެދު މަޖިލީހުގެ މެންބަރުން ވިސްނަން ޖެހޭ ކަމަށެވެ.

"އަންހެނުން ބާރުވެރިވެއްޖެ. ވަރަށް ފުރިހަމައަށް ބާރުވެރިކޮށްފަ އެ ތިބީ،" އޭނާގެ ވާހަކަ ނިންމާލަމުން ވިދާޅުވި އެވެ.

އަންހެނުންގެ ކޮމިޓީތަކުގެ އިތުރުން ލޯކަލް ކައުންސިލްތަކަށް ބޭނުންނުވާ އަދަދަށް މެންބަރުން އިންތިހާބުކުރާ ކަމަށްވެސް ހުސެއިން މިއަދުގެ ބަހުސްގައި ވިދާޅުވި އެވެ. އެގޮތުން ކައުންސިލަރުން ތިބެނީ ރަށްރަށުގެ ޖޯލިފަތިތަކާއި ހޮޅިއަށިތަކުގައި ކަމަށާއި ދެން ލިބޭ ވަގުތެއްގައި އެމީހުން ދަނީ މަހަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"މިގޮތަށް [ކައުންސިލަރުންނަށް] ފައިސާ ދިނުމަށްވުރެ ރަނގަޅުވާނެ އަޅުގަނޑުމެންގެ އެވަރުގެ ހަކަތަ ހުރިކަމުގަ ވާނަމަ ކޮންމެ ބޭފުޅަކަށް ސިޓީއުރައަކަށް ލާފަ ގެއަށް އަޅުގަނޑުމެން ގިފްޓު ޕެކެއް މުސާރައިގެ ގޮތުގަ ދިނިއްޔާ،" ކައުންސިލަރުންނަށް ކުރާ ހަރަދުވެސް ބޭކޭރެއްގެ ގޮތުގައި ސިފަކުރައްވަމުން ވެރިކަންކުރާ ޕީއެންސީ އަށް ނިސްބަތްވާ މެންބަރު ވިދާޅުވި އެވެ.

ނަމަވެސް، މި ހުރިހާ ވާހަކައަކަށްފަހު އޭނާވެސް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުގެ ދަށުން މަޖިލީހަށް ހުށަހަޅާފައިވާ މި ބިލަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ކުރިއަށް އޮތް ރޯދައިން ފެށިގެން ޑަބްލިއުޑީސީގެ މެންބަރުންނަށް އިނާޔަތް ދޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޑިސެމްބަރު 14، 2024 ގައި އދ. ގެ އަތޮޅުތަކަށް ކުރެއްވި ދަތުރުގެ ތެރެއިން އެ އަތޮޅު ދަނގެތީގައި ވާހަކަދައްކަވަމުންނެވެ.