5 ފެބުރުވަރީ 2025 - 12:05 12
އަހުމަދު އާއިދު
އާޓް ވޯކް: އިސްމާއިލް އިމްދާދު / އަދަދު
5 ފެބުރުވަރީ 2025 - 12:05 12
ރާއްޖޭގެ އެންމެ ބޮޑު އެއް ނޫސް، "މިހާރު" ނޫސް ވަނީ ސަރުކާރުގެ ނުފޫޒުގައި "ބަނދަވިފައި" ކަމާއި ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގައިގެން ހަބަރާއި ރިޕޯޓުތައް ބަދަލު ކުރާ ކަމަށް ތުހުމަތުކޮށް، އެ ނޫހުގެ ސީނިއާ ނޫސްވެރިއެއް ކަމުގައިވާ، މޫސާ ރަޝީދު އިސްތިއުފާ ދީފި އެވެ.
މިހާރު ނޫހުގައި މިނިވަންކަމާއެކު ނޫސްވެރިކަން ކުރުމުގެ މާހައުލެއް ނެތްކަމާއި "އަނގަ މަތީ ޓޭޕް އަޅައިގެން ނިއުސްރޫމްގެ ތެރޭގައި އިނުމަކީ ވަރަށް ދަތިކަމެއް" ކަމަށް ބުނެ މޫސާ ރަޝީދު ލިޔެފައިވާ ފަސް ސަފުހާގެ އިސްތިއުފާގެ ސިޓީ ސޯޝަލް މީޑިއާއަށް ވަނީ ލީކްކޮށްލައިފަ އެވެ.
އެއީ އަސްލު ސިޓީއެއްކަން މިހާރު ނޫހުގެ ބައެއް ނޫސްވެރިން، ކަށަވަރުކޮށް ދިނެވެ.
ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔާ މޫސާ ރަޝީދު ސުވާލު ކުރަނީ. -- ފޮޓޯ: ރައްޔިތުންގެ މަޖިލީސް
މިހާރު ނޫހުގެ ވެރިޔާ ވާއިލް ޒާހިރު ހުސައިން އަށް އެޑްރެސްކޮށް މޫސާ ރަޝީދު ފޮނުވި ސިޓީގައި، އެ ނޫހުގެ ހަބަރުތަކާއި ރިޕޯޓުތައް، ސަރުކާރުގެ ނުފޫޒު އެޑިޓުކުރާ ކަމާއި ޑިލީޓް ކުރާކަން އަދި ބައެއް ލިޔުންތައް ޝާއިޢު ނުކޮށް ހިފަހައްޓާކަމަށް ބުނެފައިވެ އެވެ.
ސަރުކާރަށް ފާޑުކިޔާފައިވާ ލިޔުންތައް ނުލިޔެވޭ ކަމާއި ސަރުކާރުގެ ވަޒީރުންނާއި އިސްވެރިން ގުޅާ ހަބަރުތައް ބަދަލުކުރަން ނޫސްވެރިންނަށް، އެޑިޓަރުން އަންގާ ކަމަށް ވެސް ބުނެފައިވެ އެވެ.
"ވަރަށް ގިނަ ހަބަރުތަކާއި ކޮމެންޓުތަކުގެ މައްސަލާގައި ސީދާ ރައީސުލްޖުމްހުރިއްޔާ ގުޅައިގެން ބަދަލު ކުރަން އަންގާ ކަމަށް އެންމެ ސީނިއާ އެޑިޓަރުން އަޅުގަނޑާއި ވަކިވަކި ނޫސްވެރިން ކައިރި ބުނެފަ އެބަހުރި،" މޫސަގެ ސިޓީގެ ހަތަރުވަނަ ސޮފުހާގައި ލިޔެފައިވެ އެވެ.
ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔައި ރިޕޯޓެއް ލިޔުމުން، ސަރުކާރުން އަންގައިގެން ރައްޔިތުން ކުށްވެރިވާ ފަދަ ގޮތަކަށް އެ ރިޕޯޓެއް ބަދަލުކުރާ ކަމަށާއި ސަރުކާރުގެ އިސްވެރިންނަށް ފާޑުކިޔާ ނޫސްވެރިން އެ ދާއިރާގެ ހަބަރުތައް ލިޔުމުން އެކަހެރި ކުރާކަން ވެސް މޫސަ ފާހަގަކޮށްފައިވެ އެވެ.
އެންސްޕާގެ ސީއީއޯ ހީނާ ވަލީދު މައުލޫމާތު ނުދީގެން އޭނާ ޓެގްކޮށް މިހާރު ނޫހުގެ އާސިމާ ނިޒާރު އެކްސްގައި ޕޯސްޓެއް ކުރުމުން، އާސަންދައިގެ ހަބަރުތަކާއި މައްސަލަތައް ލިޔުމުން އޭނާ ވަކިކުރި ކަމަށް މޫސަގެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.
ސަރުކާރުގެ ނުފޫޒުން ޑިލީޓުކުރި ހަބަރުތަކުގެ ތެރެއިން މޫސަގެ ސިޓީގައި ފާހަގަކޮށްފައި ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ރައީސް އޮފީހުން ހާމަކުރި މުލިއާގޭ ހަރަދާ ގުޅޭ ހަބަރެވެ.
"އެ ހަބަރު ނެގި ސަބަބެއް އެޑިޓަރުން ސާފުކޮށް ނުދޭ. މިފަދަ ކަންކަން ގިނަ ނޫސްވެރިން ވަނީ ތަޖުރިބާކޮށްފައި،" މޫސަގެ ސިޓީގައިވެ އެވެ.
ސަރުކާރަށް ފާޑުކިޔުންތުން ސީދާ ގޮތެއްގައި އަމާޒު ނުވާ ރިޕޯޓުތަކުގައި ވެސް، ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ އަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައި ހުންނަ ޖުމުލަތައް ހިމަނާ ކަމަށް މޫސަ ބުނެފައިވެ އެވެ. އަދި އިގުތިސާދީ އެތައް މައްސަލަތަކެއް ކުރިމަތިވެފައި ވާއިރު ގައުމު އަސްލު އޮތް ހާލަތު ބަޔާންކޮށްދީ ރިޕޯޓުތައް ގެނައުމަށް ހުރަސް އަޅާ ކަމަށް ވެސް މޫސަ ބުނެފައިވެ އެވެ.
މި ހާލަތު ބަދަލުވެދާނެ ކަމުގެ ޔަގީންކަން މިހާރު ނޫހުގެ މެނޭޖުމެންޓުން ނުދޭ ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި އެ ނޫސް ކޮންޓްރޯލްކުރަން ސަރުކާރުން ކުރަމުންދާ މަސައްކަތް ފުޅާކުރާނެ ކަމަށް މޫސަ ގަބޫލުކުރެ އެވެ.
"މިހާރުގެ މެނޭޖުމެންޓާއި އެޑިޓަރުން ތިބީ އެ ނުފޫޒުތައް ހުއްޓުވަން މަސައްކަތްކުރާ ގޮތަކަށް ނޫންކަން އަޅުގަނޑު ގަބޫލު ކުރަމެވެ،" މޫސަގެ ސިޓީގައިވެ އެވެ.
Comment