Advertisement

އެމްޑީޕީގެ ޕީޖީ ލީޑަރު ނާޒިލް އާއި އަބްދުއްރަހީމް ބައްދަލުކުރައްވައިފި

4 ފެބުރުވަރީ 2025 - 16:24 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އާޓް ވޯކް: އިސްމާއިލް އިމްދާދު / އަދަދު


އެމްޑީޕީގެ ޕީޖީ ލީޑަރު ނާޒިލް އާއި އަބްދުއްރަހީމް ބައްދަލުކުރައްވައިފި

4 ފެބުރުވަރީ 2025 - 16:24 0

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، މަޖިލީހުގެ އިދިކޮޅު ޕީޖީ ލީޑަރާ ބައްދަލުކުރައްވައިފި އެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އާއި އަބްދުއްރަހީމް ބައްދަލުކުރެއްވީ މިއަދު އެވެ. މި ބައްދަލުވުން ކުރިއަށް ގެންދިޔައީ މަޖިލީހުގެ އިދާރާގަ އެވެ.

މިކަމުގެ މައުލޫމާތު ލިބުމުން 'އަދަދު' ނޫހުގެ ފަރާތުން ސުވާލުކުރުމުން މި ނޫހާ ވާހަކަދައްކަވަމުން ނާޒިލް ވިދާޅުވީ، އަބްދުއްރަހީމާ ބައްދަލުކުރެއްވީ މަޖިލިސް ހުޅުވޭ ދުވަހުގެ އެޖެންޑާ ލިބުމާ އެކު މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކަމަށެވެ.

"މަޖިލީހުގެ ހިންގުމުގެ ކަންތަކުގެ ވާހަކަ ދެކެވުނީ. މި ދައުރު ފެށިގެން އަންނައިރު ހުރި މަސައްކަތްތަކުގެ ވާހަކަ ދެއްކީ. އިތުރު ވާހަކައެއް ނުދެކެވޭ،" ފޯނުން ވާހަކަދައްކަވަމުން ނާޒިލް ވިދާޅުވި އެވެ.

އިދިިކޮޅު ޕީޖީ ލީޑަރާއި އަބްދުއްރަހީމް ބައްދަލުކުރައްވާފައި މިވަނީ، އެމަނިކުފާނާއި ރައީސް ޑރ. މުހައްމަދު މުއިއްޒު އާ ދެމެދު އޮތް ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ. އަދި މަޖިލީހުގެ ރައީސްކަމުން އަބްދުއްރަހީމް ދުރުކުރުމުގެ މަސައްކަތްތަކެއް ޕީއެންސީގެ ތެރޭގައި ކުރެވެމުންދާ ކަމުގެ އަޑުތަކެއް ފެތުރިފައިވެސް ވަނިކޮށެވެ.

ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް އެންމެ ބުރަކޮށް މަސައްކަތްކުރި އަބްދުއްރަހީމާ ދެމެދު ސިޔާސީ ނުތަނަވަސްކަމެއް އޮތްކަމުގެ އަޑުތައް މީގެ މަސްތަކެއް ކުރިން ފެށިގެން ދިޔައީ ފެތުރެމުންނެވެ. އެ އަޑުތައް އަސްލަކަށްވެ މަންޒަރު ސާފުވީ، ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނެވި އަބްދުއްރަހީމުގެ ދަރިކަލުން، އިބްރާހިމް ފައިސަލް މަގާމުން ދުރުކުރަން ރައީސް މުއިއްޒު ނިންމެވުމާ އެކު އެވެ.

ޖެނުއަރީ 28، ގައި ފައިސަލް މަގާމުން ވަކިކުރި ސަބަބެއް ސަރުކާރުން މިހާތަނަށްވެސް ބަހެއް ނުބުނެ އެވެ. ރައީސް މުއިއްޒުވެސް މިކަމާ ގުޅޭގޮތުން ވާހަކަދައްކަވާފައެއް ނުވެ އެވެ.

ރައީސްގެ ނިންމެވުމާއެކު މެލޭޝިއާ ދަތުރު ކުރުކޮށްލާ އަބްދުއްރަހީމް ވަނީ ހަމަ އެ ރޭ މާލެ ވަޑައިގެންފަ އެވެ. ނަމަވެސް އެއާޕޯޓަށް ގޮސްތިބި ނޫސްވެރިންނާ ބައްދަލުނުކުރައްވާ، މަތިންދާބޯޓުން ކާރަށް އަރުއްވައިގެން ވަޑައިގެންނެވީ ސީދާ ގެއަށެވެ.

މަޖިލީހުގެ ރައީސްގެ އިތުރުން އަބްދުއްރަހީމް އަކީ ވެރިކަންކުރާ ޕީއެންސީގެ ޗެއާޕާސަން އެވެ. ޕާޓީގެ ހިންގުމުގެ މަސައްކަތުން ވެސް އަބްދުއްރަހީމް މިހާރު ވަނީ އެކަހެރިކޮށްފަ އެވެ.