Advertisement

ރިވައިވަލް ސްޕޯޓްސްގެ މުބާރާތް ސްޕެޝަލް އޮލިމްޕިކްސް އަށް ވެސް ހާއްސަ

1 ފެބުރުވަރީ 2025 - 11:30 0

ސްޕެޝަލް އޮލިމްޕިކްސް ކެޓަގަރީގެ ކުުޅުންތެރިއަކު ރިވައިވަލް ސްޕޯޓްސް ބެޑްމިންޓަން ޗެލެންޖްގެ މުބާރާތުގައި ވާދަކުރަނީ.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް


ރިވައިވަލް ސްޕޯޓްސްގެ މުބާރާތް ސްޕެޝަލް އޮލިމްޕިކްސް އަށް ވެސް ހާއްސަ

1 ފެބުރުވަރީ 2025 - 11:30 0

ރާއްޖޭގެ އެންމެ ވަރުގަދަ އަށް ހިންގާ ބެޑްމިންޓަން ކްލަބް، ރިވައިވަލް ސްޕޯޓްސް އިން އިންތިޒާމުކުރާ މުބާރާތްތަކުގައި ސްޕެޝަލް އޮލިމްޕިކްސް އަށް ހާއްސަ އަހައްމިއްޔަތުކަމެއް ދޭތީވެ، އެކަން ސްޕެޝަލް އޮލިމްޕިކްސް އިން ވަރަށް ބޮޑަށް ފާހަގަކޮށް ޝުކުރު އަދާކޮށްފި އެވެ.

މާލޭ ކުޅިވަރު އެކުވެނީގައި 300 އަށް ވުރެ ގިނަ ކުޅުންތެރިންނާ އެކު ކުރިއަށްދާ ރިވައިވަލް ސްޕޯސް ބެޑްމިންޓަން ޗެލެންޖުގައި ހާއްސަ އެހީއަށް ބޭނުންވާ ކުޅުންތެރިންނަށް ހާއްސަ ސްޕެޝަލް ކެޓަގަރީގައި ގިނަ ކުޅުންތެރިންތަކެއް ވާދަކުރެ އެވެ.

އެ ގޮތުން ބަލާއިރު، ސްޕެޝަލް އޮލިމްޕިކްސްގެ ފިރިހެން ސިންގަލްސް ބައިގައި ނުވަ ކުދިން، ސްޕެޝަލް އޮލިމްޕިކްސް އަންހެން ސިންގަލްސްގައި ފަސް ކުދިން، ފިރިހެން ޑަބަލްސްގައި ދެ ޕެއާ އަދި އަންހެން ޑަބަލްސްގައި ދެ ޕެއާގެ އިތުރުން، މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީން ބައިވެރިވާ، ފަސް އެތުލީޓުން ހިމެނެ އެވެ.

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ ޓެކްނިކަލް ޑިރެކްޓަރު، އިބްރާހިމް ރަމީޒް ބުނީ މިއީ ސްޕެޝަލް އޮލިމްޕިކްސް އަށް ވަރަށް މުހިންމު ފުރުސަތެއް ކަމަށާއި މި ކަމުގެ އުފާވެރިކަން ފަހަރެއްގައި އެހެން ބޭފުޅުންނަށް ނުވެސް އެނގިދާނެ ކަމަށެވެ. އަދި، މިއީ މި ކަހަލަ ފުރަތަމަ ފުރުސަތެއް ނޫން ކަމަށާއި މީގެ ކުރިން، ރިވައިވަލް އިން ވަނީ ހަމަ ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އަށް އަތޮޅު ތެރޭގައި ވެސް މި ކަހަލަ ފުރުސަތެއް ހޯދައިދީފައި ކަމަށާއި އެއީ މި ކަމުގެ ފެށުން ކަމަށް އިބްރާހިމް ފާހަގަކުރި އެވެ.

"މިހާރު އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރިވައިވަލް އިން ބާއްވާ މި ކަހަލަ ކޮންމެ މުބާރާތަކުން ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އަށް ހަމަ ވަކިން މި ގޮތަށް ބާއްވަދޭނެ. މިއީ އަސްލުގަ އަޅުގަނޑުމެން މި އުފާވެރިކަން، ނުވަތަ މި އެތި އަގުވަޒަންކުރާނެ ގޮތެއް ސީދާ ބަހުރުވައަކުން ނުވެސް އެނގޭ، އަޅުގަނޑު ހަމަ ވަރަށް އިހުލާސްތެރިކަމާ އެކު ޝުކުރު ދަންނަވަން މި ކަހަލަ ކުދިން ތިބޭފުޅުން މި ގޮތަށް ބޭނުންކުރާތީ،" އިބްރާހިމް ބުންޏެވެ.

އޭނާ ބުނީ، މި ގޮތަށް ސްޕެޝަލް އޮލިމްޕިކްސް އަށް ހާއްސަ ކެޓަގަރީއެއް މުބާރާތްތަކުގެ ތެރެއިން ބޭއްވުމަކީ، ކުރިން އެއްވެސް މީހަކަށް އެނގޭނެ ނުވަތަ އެނގެން ވެސް ބޭނުންވާ އެއްޗެއް ނޫން ކަމަށެވެ.

"މި ކުދިންނަކީ އެއްލާލެވިފައި އަޅާނުލެވިފައި ތިބި ބައެއް، އެކިއެކި ފުޓްބޯޅަ އާއި އެކިއެކި މުބާރާތްތަކުގައި ވާދަކުރަމުން އައިސް ބެޑްމިންޓަން ވެސް މި އޮތީ މި ހިސާބަށް އައިސްފައި މި ކުދިން ބެޑްމިންޓަން ކުޅެގެން ރަން ވަނަ ތައް ހޯދައި މި ހުރިހާ ކަމަކީ ވެސް މީގެ ފަަހަތުގައި ރިވައިވަލް ކަހަލަ ބައިވަރު ފަރާތްތަކެއް ތިބެގެން ވާކަމެއް. އުންމީދުކުރަނީ ރިވައިވަލް މިސާލަކަށް ބަލައިގެން އެހެން ހުރިހާ ކުދިން ވެސް ހުރިހާ ކްލަބްތަކުން ވެސް މި ކަންތައް ކުރިއަށްގެންދާނެ ކަމަށް،" އިބްރާހިމް ބުންޏެވެ.

ސްޕެޝަލް އޮލިމްޕިކްސްގެ ފަރާތުން ވާހަކަ ދެއްކި ކުޅުންތެރިއެއްގެ މަންމަ، އައިމިނަތު މުނާ ބުނީ، ރިވައިވަލް ސްޕޯޓްސް އިން މި ފުރުސަތު ތަނަވަސްކޮށްދިނުމުގެ މުހިންމު ކަމަކީ، މުސްތަގުބަލުގައި ސްޕެޝަލް އޮލިމްޕިކްސް ކުދިން ކުރިއަށްދާއިރު، އެހެން ކުދިންނާ އެކު މުބާރާތެއް އެއްކޮށް ކުޅެލަން ލިބިގެން ދިއުމަކީ އެ ކުދިން ވެސް ކެރިއަރެއް ބިނާކުރަން ލިބިގެންދާ ހިތްވަރެއް ކަމަށެެވެ.

ރިވައިވަލް ސްޕޯޓްސް ބެޑްމިންޓަން ޗެލެންޖްގައި މިއަދު ކުރިއަށްދަނީ ސެމީ ފައިނަލާއި ފައިނަލް މެޗުތަކެވެ. ފައިނަލް މެޗުތައް ފަށާނީ މިއަދު މެންދުރު ފަހު 14:00 ގަ އެވެ.