ބީއެމްއެލްގެ ބޯޑަށް އާންމު ތިން މެންބަރުން ކުރިމަތިލާން ހުޅުވާލައިފި

27 ޖަނަވަރީ 2025 - 09:13 0

ލީވާން އަލީ ނާސިރު

ލ

ބޭންކް އޮފް މޯލްޑިވްސް: ބޯޑަށް އާންމު ތިން މެންބަރުން ކުރިމަތިލާން ވަނީ ހުޅުވާލާފައި -- ފޮޓޯ: އަދަދު ފައިލް


ބީއެމްއެލްގެ ބޯޑަށް އާންމު ތިން މެންބަރުން ކުރިމަތިލާން ހުޅުވާލައިފި

27 ޖަނަވަރީ 2025 - 09:13 0

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ތެރެއިން ތިން ޑިރެކްޓަރުން އިންތިހާބު ކުރުމަށް ކުރިމަތިލާން އެ ބޭންކުން ހުޅުވާލައިފި އެވެ.

ބީއެމްއެލްއިން ބުނީ ބޯޑަށް ކުރިމަތިލާން ފޯމު ހުށަހަޅަން ހުޅުވާލީ އިއްޔެ އިން ފެށިގެން ފެބްރުއަރީ 24، ވާ ހޯމަ ދުވަހުގެ މެންދުރު 2:00 ޖެހުމާ ހަމައަށް ކަމަށެވެ. ބީއެމްއެލްގެ ހެޑް އޮފީހުގެ ހަވަނަ ފަންގިފިލާގައި ހުންނަ ކޯޕަރޭޓް އެފެއާޒް ޔުނިޓުން ފޯމު ބަލައިގަންނާނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

މީގެއިތުރުން ބީއެމްއެލްގެ ސެކްރެޓަރީ samah@bml.com.mv އަށް މެއިލް ކޮށްގެން ވެސް، ކުރިމަތިލެވޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ. އަދި ފޯމު ބީއެމްއެލްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލްގެ ޑިރެކްޓަރުން ބޯޑުގެ އާންމު މެންބަރަކަށް ކުރިމަތިލެވޭނީ 30 އަހަރާއި 70 އަރަހާ ދެމެދުގެ މީހުންނަށެވެ. އަދި އެ މީހުންގެ ކިބައިގައި އެމްއެމްއޭގެ ޕްރެޑެންޝިއަލް ރެގިއުލޭޝަންގެ "ފިޓް އެންޑް ޕްރޮޕާ ރިކުއާމަންޓްސް" ގައި ބަޔާން ކޮށްފައިވާ މިންގަނޑުތަކާއި ސިފަތައް ހުރުން ލާޒިމުވާނެ އެވެ.

ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލާ މީހުންގެ ގައިގައި ހުންނަން ޖެހޭ ޝަރުތުތައް:

  • ފަންނީ ގޮތުންނާއި އަމިއްލަ ހައިސިއްޔަތުން ކުރާ މުއާމަލާތްތަކުގައި ތެދުވެރި އަމާނާތްތެރިޔަކު ކަމުގައިވުން.
  • ކަންކަމުގައި އެންމެ ރަނގަޅު ނިންމުންތައް ހިޔާރު ކުރުމަށް ބޭނުންވާ ހިކުމަތްތެރިކަމާއި ގާބިލުކަން ހުރުން.
  • މާލީ ރިޕޯޓްތައް ކިޔައި، ދެނެގަތުމުގެ ގާބިލުކަން ލިބިފައިވުން.
  • ކުންފުނީގެ މެނޭޖްމަންޓް ހަރުދަނާކުރުމުގައި އެހީތެރިވެދެވޭނެފަދަ ތަޖުރިބާ އާއި ނަތީޖާ، ވިޔަފާރީގެ ދާއިރާގައި ހާސިލުކޮށްފައިވުން.
  • އެހެންމީހުންނާ އެކު ކުރެވޭ މުއާމަލާތްތަކުގައި ޒިންމާދާރު ގޮތެއްގައި، ހަރުދަނާ ކަމާ އެކު ގުޅިގެން މަސައްކަތް ކުރުމުގެ ގާބިލުކަން ލިބިފައިވާ މީހެއް ކަމުގައިވުން.
  • ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށް، ކުންފުނީގެ މުވައްޒަފުންނާ މުއާމަލާތްކޮށް މަޝްވަރާ ކުރުމުގެ ގާބިލުކަން ލިބިފައިވުން.
  • ތަފާތު ފަންނުތަކާއި ތަޖުރިބާ ރިކޯޑެއް އޮތުމާއި ކުންފުނީގެ ކުރިމަގާމެދު ސްޓްރެޓެޖިކްކޮށް އަދި މުސްތަގުބަލަށް ރިއާއަތްކޮށް، ވިސްނުން ބެހެއްޓުމުގެ ގާބިލުކަން ލިބިފައިވާ މީހަކަށްވުން.
  • މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްްގައި ލިސްޓު ކުރެވިފައިވާ ކުންފުނިތަކުގެ ތެރެއިން ގިނަވެގެން ތިން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މީހަކަށް ނުވުން.