27 ޖަނަވަރީ 2025 - 09:20 0
ލީވާން އަލީ ނާސިރު
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތި ނައްތާލަނީ: ރާއްޖެ އެތެރެކުރަން އުޅުނު 12 ކިލޯގެ މަސްތުވާތަކެތި އިންޑިއާއިން ވަނީ އަތުލައިގަނެފައި -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު
27 ޖަނަވަރީ 2025 - 09:20 0
އިންޑިއާ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 12 ކިލޯގެ މަސްތުވާތަކެތި އިންޑިއާއިން މިދިޔަ ބުރާސްފަތި ދުވަހު ހިފަހައްޓައިފި އެވެ.
ޑިރެކްޓޮރޭޓް އޮފް ރެވެނިއު އިންޓެލިޖެންސް (ޑީއާރްއައި) އިން ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަނުގައި ކަނޑުމަގުން ރާއްޖެއަށް އެތެރެ ކުރަން އުޅުނު މަސްތުވާތަކެއްޗާ އެކު ހަތަރު މީހަކު ހައްޔަރު ކުރި އެވެ.
އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އެ މަސްތުވާތަކެތި އަތުލައިގަތީ ސައިކަލެއްގައި ދިޔަ ދެ މީހަކު އެ ތަކެތި ބަނދަރަށް ގެންދިޔުމާ އެކުގަ އެވެ.
މި ދެ މީހުންގެ އިތުރުން, ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އެހީތެރިވާން ހުރި ބޯޓުގެ ފަޅުވެރިޔަކާއި ބަނދަރުތަކުގެ ސެކިއުރިޓީ ބަލަހައްޓާ އިންޑިއާގެ ސެންޓްރަލް އިންޑަސްޓްރިއަލް ސެކިއުރިޓީ ފޯސްގެ އޮފިސަރަކު ވެސް ހައްޔަރުކުރި އެވެ.
ޑީއާރްއައި އިން ހިފެހެއްޓި ދެ މީހުން އަތުގައި އޮތް ދެ ދަބަހުން 12 ދަޅު ފެނިފައިވާއިރު، އެ ތަކެތީގެ ތަހުލީލު ހެދުމުން ކެނަބިސްއަށް ވަނީ ޕޮޒިޓިވްވެފަ އެވެ.
ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން "އަދަދު" އަށް ވިދާޅުވީ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅުނު މައްސަލައާ ގުޅިގެން މައުލޫމާތު ސާފުކުރަން ރަސްމީކޮށް އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުގައި އެދިފައިވާ ކަމަށާއި މިހާތަނަށް ތަފްސީލެއް ލިބިފައި ނުވާ ކަމަށެވެ.
ޑީއާރުއައި އިން ބުނެފައިވާ ގޮތުގައި ބައިނަލްއަގުވާމީ ބާޒާރުގައި އެއް ކިލޯގެ ކެނަބިސްގެ މަގުމަތީ އަގަކީ 10 މިލިއަން އިންޑިއާ ރުޕީސް އެވެ. މިހެންކަމުން އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު ޖުމްލަ 120 މިލިއަން އިންޑިއަން ރުޕީސްއަށް އަރަ އެވެ. އެއީ 21 މިލިއަން ދިވެހި ރުފިޔާ އެވެ.
Comment