27 ޖަނަވަރީ 2025 - 08:00 0
ޣައްޒާގައި އިޒްރޭލުން ހިންގި ޖެނޮސައިޑްގައި ބިމާހަމަކޮށްލާފައިވާ ސަރަހައްދެއް. އިޒްރޭލުން ވަނީ ޣައްޒާގެ 80 ޕަސެންޓް ހަލާކުކޮށް، ލައްކައެއްހާ މީހުން މަރައިލައިފައި. ފޮޓޯ: ރޮއިޓާސް
27 ޖަނަވަރީ 2025 - 08:00 0
ފަލަސްތީނުގެ ގާޒާގައި ކުރިއަށް ގެންދިޔަ ޖެނޮސައިޑް މެދުކަނޑާލައި އެކަމުގެ ބަދަލުގައި ރަހީނުން މިނިވަން ކުރަން ހަމާސްޖަމާއަތާ އެކު ވެފައިވާ އެއްބަސްވުމާ އިޒްރޭލުން ހިލާފުވެ، ގާޒާގެ އާއްމުންނަށް ބަޑިން ހަމަލާދީފި އެވެ.
ހަމާސްގެ އޮފިޝަލުންނާ ހަވާލާދީ އަލްޖަޒީރާ ބުނި ގޮތުގައި އުތުރު ގާޒާއަށް ފަލަސްތީނު މީހުން އެނބުރިދާން ކުރާ މަސައްކަތަށް އިޒްރޭލު ސިފައިން ހުރަސް އަޅަައި، ބަޑިޖެހުމުގެ ސަބަބުން އާއްމުންގެ އެކަކު މަރުވި ކަމަށެވެ. ހަމަލާތައް ހުށްޓައިލުމުގެ އެއްބަސްވުން އިޒްރޭލުން ތަންފީޒުނުކުރާތީ ހަމާސް އިން ގެންދަނީ ނުރުހުން ފާޅުކުރަމުންނެވެ.
އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ އުތުރު ގާޒާއަށްް މީހުން އެނބުރި ދިއުމުގެ ފުރުސަތު ނުދެނީ ހަމާސްއިން ރަހީނުކުރި މީހުންގެ ތެރޭގައި ހިމެނޭ އާއްމުންގެ އަންހެނަކު މިނިވަން ނުކުރާތީ ކަމަށެވެ.
އޭނާ މިހެން ބުނެފައި ވާއިރު ހަމާސް އިން ހިފަހަށްޓައިފައި ތިބި އިޒްރޭލު މީހުންގެ ތެރެއިން އަންހެން ސިފައިންގެ ހަތަރުމީހަކު ހަމާސް އިން އިއްޔެ މިނިވަންކުރި އެވެ. އޭގެ ބަދަލުގައި އިޒްރޭލުން ފަލަސްތީނުގެ 200 މީހުން މިނިވަންކުރި އެވެ.
އިޒްރޭލުން ގާޒާގައި ހިންގި ޖެނޮސައިޑްގައި މަރުވި ކަމަށް ގާޒާގެ ސިއްހީ ވުޒާރާއިން ރެކޯޑްކޮށްފައިވާ މީހުންގެ އަދަދަކީ 47،283 އެވެ. ޒަހަމްވި މީހުންގެ އަދަދަކީ 111،472 އެވެ. އެހެން ނަމަވެސް އިނގިރޭސިވިލާތުގެ ރިސާޗަރުން ދާދި ފަހުން ކުރި ދިރާސާއަކަށް ފަހު ބުނެފައިވާ ގޮތުގައި ގާޒާގެ ސިއްހީ އިދާރާއަށް މަރުވި މީހުންގެ އަދަދު ރެކޯޑްކުރެވިފައި ވަނީ 40 ޕަަސެންޓް މަދުންނެވެ.
ގާޒާގައި ހިންގި ޖެނޮސައިޑް މަޑުޖައްސައިލުމާ އެކު އިޒްރޭލުން މިހާރު ގެންދަނީ ހުޅަނގު އައްސޭރީގައި ފަލަސްތީނުމީހުން މަރަމުންނެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment