19 ޖަނަވަރީ 2025 - 07:59 3
އަމަން ހަލީމް
މަންޓާ އެއާގެ ފްލައިޓެއް ހޯރަފުށީ އެއާޕޯޓުގައި ޖައްސާފައި: މަންޓާއިން އަންނަނީ ފަސް އެއާޕޯޓަކުން ދަތުރުތައް ކުރަމުން -- ފޮޓޯ: އަބްދުالله އިޔާން/އަދަދު
19 ޖަނަވަރީ 2025 - 07:59 3
މާފަރު އިންޓަނޭޝަލް އެއާޕޯޓުގައި މަރާމާތުގެ މަސައްކަތްތަކެއް ކުރިއަށްދާތީ މަންޓާ އެއާގެ ފްލައިޓުތައް އެ އެއާޕޯޓަށް ޖައްސަން ހުއްދަ ދެވެން ނެތް ކަމަށް އެ އެއާޕޯޓު ހިންގާ އައިލެންޑް އޭވިއޭޝަނުން އަންގާފައިވާ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.
މިކަމާ ގުޅޭ މައުލޫމާތު "އަދަދު" އާ ހިއްސާކުރަމުން މަންޓާ އެއާގެ ޑެޕިއުޓީ ސީއީއޯ އަހުމަދު މައުމޫން (މާނު) ވިދާޅުވީ މާފަރަށް ޝެޑިއުލް ދަތުރުތައް ފަށަން ނިންމީ އެ އެއާޕޯޓާ ކައިރި ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނާއި ގެސްޓުހައުސް ހިންގާ ވިޔަފާރިވެރިންނާއި ރިސޯޓުތަކުން އެދިގެން ކަމަށެވެ.
އެ ގޮތުން ހަފުތާގެ ހުރިހާ ދުވަހެއްގައި ދުވާލަކު ތިން ދަތުރުކުރާ ގޮތަށް ދަތުރުތައް ފަށަން މަންޓާއިން މިދިޔަ އަހަރުގެ ޑިސެމްބަރުގެ ކުރީކޮޅު އައިލެންޑް އޭވިއޭޝަނަށް ހުށަހެޅި އެވެ. ނަމަވެސް މި ވަގުތު މާފަރު އެއާޕޯޓުގައި މަންޓާގެ ފްލައިޓުތަކަށް ޖާގައެއް ނެތް ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނި ކަމަށް މާނު ވިދާޅުވި އެވެ.
"[ދަތުރުތައް ފަށަން ހުށެހެޅުމުން] އެ ބޭފުޅުން އެ ހިސާބުން ފެށިގެން ބުނަނީ އެ ތަނުގައި މަރާމާތެއް ކުރަނިއްޔޭ, އެ ތަނުގައި ޖާގައެއް ނެތޭ. އޭތި މުޅިއަކުން ގަބޫލު ކުރެވޭ ކަހަލަ ގޮތަކަށް ނޫން," އޭނާ ވިދާޅުވި އެވެ.
މަންޓާގެ ފްލައިޓުތަކަށް ހުއްދަ ނުދޭން މި ބަހަނާ ދެއްކުމަށް ފަހު އައިލެންޑް އޭވިއޭޝަނުން ބުނީ, މާނު ވިދާޅުވި ގޮތުގައި, މަރާމާތުގެ މަސައްކަތް ނިންމުމަށް ފަހު މަންޓާއާ މުއާމަލާތް ކުރާނެ ކަމަށެވެ. ނަމަވެސް ކުރަން ޖެހޭ މަސައްކަތްތައް ނިންމުމަށް ފަހު މަންޓާއަށް ހުއްދަ ދޭނެ އިރެއް އައިލެންޑް އޭވިއާޝަނުން ނުބުނާ ކަމަށް މާނު ވިދާޅުވި އެވެ.
އައިލެންޑް އޭވިއޭޝަނާ ވާހަކަ ދައްކައިގެން ކުރިއެރުމެއް ނުލިބުމުން މަންޓާއިން ވަނީ ޓްރާންސްޕޯޓު މިނިސްޓްރީ އާއި ވައިގެ އުދުހުންތަކުގެ ބެލެނިވެރި އިދާރާ, ސިވިލް އޭވިއޭޝަން އޮތޯރިޓީގައި މި މައްސަލަ އިލްތިމާސްކޮށްފަ އެެވެ. ޖަވާބުގައި މިނިސްޓްރީ އާއި ސިވިލް އޭވިއޭޝަނުން ވެސް އެންގީ އައިލެންޑް އޭވިއޭޝަނާ މުއާމަލާތްކޮށްގެން މައްސަލަ ހައްލުކުރުމަށް ކަމަށް މާނު ވިދާޅުވި އެވެ.
މަންޓާގެ ދަތުރުތަކަށް ހުއްދަ ނުދިނުމާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާކުރަމުން މާނު ވިދާޅުވީ, މިއީ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާއި ވިޔަފާރިތަކަށް ވެސް ފައިދާއެއް ކަމަށާއި, އެކަމަށް ހުރަސް އަޅަން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށެވެ. އަދި އައިލެންޑް އޭވިއޭޝަނުން ދައްކާ ބަހަނާތަކުގައި އެއްވެސް ބުރަދަނެއް ނެތް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންގެ އޭޓީއާރެއް ޖައްސާނީ ރަންވޭގައި. ޖައްސާފައި ޕާކިން ލޮޓުގައި ގާތްގަނޑަކަށް ވިއްސަކަށް މިނިޓު ވާނީ އެންމެ ގިނަ ވިޔަސް. އަޅުގަނޑަށް ވެސް އިނގޭ އެތާ ކޮންމެ ވެސް މަސައްކަތެއް ކުރާކަން. އެކަމަކު އެ މަސައްކަތަކީ އަޅުގަނޑުމެންގެ އޮޕަރޭޝަނަށް އެއްވެސް ދަތިވާނެ ކަމެއް ކަމަކަށް ނުބެލެވޭ," މާނު ވިދާޅުވި އެވެ.
"މިހާރު އުޅެނީ އޭޕްރަންގެ ކޮންމެ ވެސް ހިސާބެއްގެ އިތުރަށް ޖެޓު ޖައްސަން, އެއީ އެ ތަނަށް ފުދޭވަރަކަށް ޖެޓު އަންނާތީވެ އިތުރަށް ޖެޓު ޖައްސަން އިތުރު ޖާގަ ކްރިއޭޓު ކުރުމުގެ މަސައްކަތެއް ކުރޭ. އެކަމުގެ އެ ތަނުގައި މިސާލަކަށް ޑިޕާޗާ ހޯލް ނުވަތަ ކައުންޓަރުތަކާ އެއްޗެހި ވެސް, އޭގެ އެއްޗެއްގައި އެއްވެސް ދައްޗެއް ނެތް. އަޅުގަނޑުމެން ބަލަން ވެސް ބަލައިފިން."
މާނު އިތުރަށް ވިދާޅުވީ މަންޓާ އެއާއަކީ އައިލެންޑް އޭވިއޭޝަނުން ހިންގާ މޯލްޑިވިއަންގެ ވާދަވެރިއެއް ނަމަވެސް, އެ އެއާލައިނުން ދަތުރުތައް ފެށުމުން މޯލްޑިވިއަންއަށް ގެއްލޭ އެއްޗެއް ވެސް އޮންނާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. އަދި މި ކަމުން ހުރިހާ އެންމެނަށް ވެސް ލިބިގެން ދާނީ އިތުރު ލުުއިފަސޭހަތަކެއް ކަަމަށް އޭނާ ވިދާޅުވި އެވެ.
މިކަމާ ގުޅޭ ގޮތުން އައިލެންޑް އޭވިއޭޝަންގެ ބަހެއް ހޯދަން އޮފިޝަލަކަށް ތަކުރާރުކޮށް ގުޅުމުން ވެސް ފޯނަށް ޖަވާބު ނުދޭތީ އެ ކުންފުނީގެ ބަހެއް ނުލިބުނެވެ.
މަންޓާ އެއާއިން މިހާރު ވެސް އަންނަނީ ފަސް އެއާޕޯޓަކަށް ދަތުރުތައް ކުރަމުންނެވެ. އެއީ ދާލު އެއާޕޯޓާއި ދަރަވަންދޫ އެއާޕޯޓާއި މަޑިވަރު އެއާޕޯޓުގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި އިންޑިއާގެ ބެންގަލޫރޫގެ ކެމްޕެގޯޑާ އިންޓަނޭޝަނަލް އެއާޕޯޓެވެ. މަންޓާއިން ބެންގަލޫރޫއަށް ދަތުރުކުރަނީ ދާލު އެއާޕޯޓުންނެވެ.
މާފަަރު އެއާޕޯޓަކީ ޔޫއޭއީގެ އަބޫދާބީ ފަންޑުން ދިން ފައިސާ ބޭނުންކޮށްގެން ހަދާފައިވާ އެއާޕޯޓެކެވެ. މި އެއާޕޯޓު މަޝްހޫރު ވެފައި އޮންނަނީ ނޫނު އަތޮޅުގައި ހުންނަ މަތީ ފަންތީގެ ރިސޯޓުތަކަށް އަންނަ ޓޫރިސްޓުންގެ ޖެޓުތައް ޖައްސާ އެއާޕޯޓެއްގެ ގޮތުގަ އެވެ.
0.00%
33.33%
66.67%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
މަންތާ
about 2 months ago
މިހާރުވެސް މޯލްޑިވިއަންއިން ހިންގާ 2 އެއަރޕޯޓަށް މަންތާ ފްލައިޓްް ޖައްސާ، މަންތާ އަކީ ފޮނި ބައިސާ ކަނޑާ ބައެއް. އައްޑޫ އަށްވެސް ފޮނިކަނޑާފަ ފަށާފަ އެއްހަފްތާ ކޮށްފަ ހުޢްޓާލީ. ފޮނިކަނޑާފަ ފެށި ބެންގަލޯރ ވެސް މިހާރު ހުއްޓާލައިފި. ހޯރަފުށި ވެސް ހުއްޓާލައިފި. އެއްމެ ފަހުން ފެށި މަޑިވަރު އެއަޕޯޓަށް ވެސް ދުވާލަކު 3 ނުވަތަ 4 ފްލައިޓް ޖައްސާނެ ކަމަަަށް ފޮނިކެނޑީ، އެކަމު ޖައްސަނީ 1 ފްލައިޓް، އެވަރުންވެސް ޓިކެޓެއް ނުލިބެ.
ޮޫޫޫޮޮޮޫޫޫާާޭޭޭަޮޮޮޮޮޮޮޮޮޫޫޫާާީީީީއިޔާސް
about 2 months ago
މަންތާ އަކީ ފޮނި ބައިސާ ކަނޑާ ބައެއް. އައްޑޫ އަށްވެސް ފޮނިކަނޑާފަ ފަށާފަ އެއްހަފްތާ ކޮށްފަ ހުޢްޓާލީ. ފޮނިކަނޑާފަ ފެށި ބެންގަލޯރ ވެސް މިހާރު ހުއްޓާލައިފި.
ޜައްޔިތު އަހުމަދު
about 2 months ago
ދެން މަންތާގެ ބެލެނިވެރިޔާ ރިއަލްލޯ ގެ ދަށުން ކުޑަހުވަދޫގައި ހިންގާ ދާލު އެއަރޕޯޓަށް ދަތުރުކުރަން މޯލްޑިވިއަން އަށް ހުއްދަ ނުދެނީ ކީއްވެ
Comment