17 ޖަނަވަރީ 2025 - 11:52 0
17 ޖަނަވަރީ 2025 - 11:52 0
އިސްތަންބޫލް، ތުރުކީ (ޖެނުއަރީ 17) - ތުރުކީ ސުޕަ ލީގުގެ ކްލަބް ބެސިކްޓާސްގެ ކޯޗަކަށް މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ހަމަޖައްސަން އެ ކްލަބްގެ މެނޭޖްމަންޓުން ނިންމައިފި އެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުން، 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވަކިވި ފަހުން، ސޯލްޝެއާ މިހާތަަށް ހުރީ ޓީމަކާ ހަވާލުނުވެ އެވެ. އެ މުއްދަތުގައި ތެރޭގައި ގިނަ ޓީމުތަކެއްގެ އޮފާ ސޯލްޝެއާ އަށް ލިބުނެވެ.
މީގެ ކުރިން، ދި އެތުލެޓިކް އަށް ދިން އިންޓަވިއުއެއްގައި ސޯލްޝެއާ ބުނީ، ސައުދީ އަރަބިއްޔާ އާއި ތުރުކީގެ ކްލަބްތަކުން ދާދި ފަހުން، ވެސް ހުށަހެޅުން ލިބުނު ކަމަށެވެ. އެ ގޮތުން، އެއް ކްލަބަކީ މިހާރު މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ ހުރި ފެނަބާޗޭ އެެވެ.
ބެސިކްޓާސްގެ ކޯޗުކަމުން މިދިޔަ ނޮވެމްބަރު މަހު، ޖިއޮވާނީ ވެން ބްރޮންކޯސްޓް ވަކިވި ފަހުން، އެ ޓީމުން ކުރިއަށްދިޔައީ، ވަގުތީ ކޯޗު، ސަރުދާރު ތޮކްރަޕްތެޕޭއާއެކު އެވެ. އެކަމަކު، އެ ކްލަބްގެ މެނޭޖްމަންޓުން ދާއިމީ ކޯޗެއް ހޯދުމުގެ މަސައްކަތުގައި ސޯލްޝެއާއާ އެ ޓީމު ހަވާލުކުރަން ނިންމީ އެވެ.
ކުރިން މޯލްޑާ އާއި ކާޑިފް ސިޓީ އަށް ކޯޗުކޮށްދިން ސޯލްޝެއާ، ބެސިކްޓާސްއާ ހަވާލުވާނީ، ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ނިމޭނެ ކަމަށް ބެލެވެ އެވެ.
Comment