Advertisement

ފޮރެސްޓް އަތުން ކުރިން ބަލިވި މެޗަކީ ޝޮކެއް ނޫން ކަން މިހާރު ސްލޮޓް އަށް ވިސްނޭ

14 ޖަނަވަރީ 2025 - 10:33 0


ފޮރެސްޓް އަތުން ކުރިން ބަލިވި މެޗަކީ ޝޮކެއް ނޫން ކަން މިހާރު ސްލޮޓް އަށް ވިސްނޭ

14 ޖަނަވަރީ 2025 - 10:33 0

ލަންޑަން (ޖެނުއަރީ 14) - ލިވަޕޫލުން އަމިއްލަ ދަނޑުގައި ނޮޓިންހަމް ފޮރެސްޓް އަތުން ބަލިވި މެޗުގެ ނަތީޖާ އަކީ ޝޮކެއް ނޫން ކަން އެ ޓީމު މި ވަގުތު ލީގުގައި އޮތް ހިސާބުން އެނގޭ ކަމަށް ލިވަޕޫލްގެ ކޯޗު އާނާ ސްލޮޓް ބުނެފި އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ލިވަޕޫލް ވަނީ އަމިއްލަ ދަނޑުގައި ނޮޓިންހަމް ފޮރެސްޓް އަތުން 1-0 އިން ބަލިވެފަ އެވެ. އެއީ މި ފަހަރު ލީގުގައި ލިވަޕޫލް ބަލިވި ހަމައެކަނި މެޗެވެ. ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލުން މިރޭ ނޮޓިންހަމް ފޮރެސްޓާ ކުޅޭއިރު، ފޮރެސްޓް މި ވަގުތު އޮތީ ލީގުގެ ތިން ވަަނައިގަ އެވެ. އެއީ، ދެ ވަނައިގައި އޮތް އާސެނަލާ އެއްވަރަށް ޕޮއިންޓް ހޯދައިގެންނެވެ.

"ލިވަޕޫލް އަމިއްލަ ދަނޑުގައި މެޗަކުން ބަލިވުން މި އޮންނަނީ ބޮޑު ކަމަކަށް ވެފައި ނަތީޖާ ވަނީ ޝޮކަކަށް، އެކަމަކު، މި ސީޒަނުގައި އަހަރެމެން ބަލިވި މެޗަކީ، (ނޮޓިންހަމް މެޗަކީ) ޝޮކެއް ނޫންކަން އެ ޓީމު މިހާރު އެ އޮތް ހިސާބުން އެބަ ސާފުވޭ،" ނޮޓިންހަމް ފޮރެސްޓް ދަނޑުގައި މިރޭ އެ ޓީމާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ސްލޮޓް ބުންޏެވެ.

ވުލްވްސް އާއި ޓޮޓެންހަމް ހޮޓްސްޕާސް އަށް ކުރިން ކޯޗުކޮށްދިން ނޫނޯ އެސްޕިރީޓޯ ސަންޓޯގެ ކޯޗުކަމުގައި ފޮރެސްޓް އިން ކުޅެނީ ވަރަށް ރަނގަޅު ގޭމެއްކަން ފާހަގަކޮށް، ސްލޮޓް ބުނީ، ފޮރެސްޓް ދަނޑުގައި ލިވަޕޫލުން ނަތީޖާ ނެރޭނަމަ ވިސްނަން ޖެހޭ ވަރަށް ގިނަ ކަންތައްތައް އެބަހުރި ކަމަށެވެ.

އެ ގޮތުން، އެންމެ ފަހުން ލިވަޕޫލަށް ނަތީޖާ ނުނެރެވި ދިޔަ މެޗުތަކުގައި ކަންކަން ހިނގައިދިޔަ ގޮތްތަކަށް ވިސްނައި، ހެދުނު ގޯސްތައް ތަކުރާރުނުވާނެ ގޮތަކަށް ކޮންފިޑެންސާ އެކު ނުކުތުން މުހިންމު ކަމެއްގެ ގޮތުގައި ސްލޮޓް ފާހަގަކުރި އެވެ.

ލީގުގެ އެއް ވަނައިގައި ލިވަޕޫލް އޮތީ 19 މެޗުން 46 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އާސެނަލާއި ތިން ވަަނައިގައި އޮތް ފޮރެސްޓަށް ވަނީ 20 މެޗުން 40 ޕޮއިންޓް ލިބިފަ އެވެ.