Advertisement

ގޯލްޑަން ފުޓްސަލް ޗެލެންޖް: ދިއްގަރު އާއި މުލަކުން ފެށުން ރަނގަޅު ކޮށްފި

13 ޖަނަވަރީ 2025 - 10:01 0

އަތޫފް އާތިފް

އަތޫފް އާތިފް

މުލަކާއި ވޭވަށް ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ


ގޯލްޑަން ފުޓްސަލް ޗެލެންޖް: ދިއްގަރު އާއި މުލަކުން ފެށުން ރަނގަޅު ކޮށްފި

13 ޖަނަވަރީ 2025 - 10:01 0

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ރޭ މ އަތޮޅުގެ ގްރޫޕް އޭގެ މެޗުތަކުން ދިއްގަރު އާއި މުލަކުން ކުޅުނު ފުރަތަމަ މެޗުތައް ކާމިޔާބުކޮށް ފެށުން ރަނގަޅު ކޮށްފި އެވެ.

މި އަތޮޅުގެ ފުރަތަމަ މެޗުގައި ރޭ މުލަކުން ނުކުތީ ވޭވަށާ ދެކޮޅަށެވެ. މި މެޗު މުލަކުން ކާމިޔާބުކުރީ 3-1 ގެ ނަތީޖާ އަކުންނެވެ.

މި މެޗުގެ ފަސް ވަނަ މިނެޓުގައި މުލަކަށް ލީޑު ނަގައިދީ ސުޖާން ހުސެއިން ޖެހި ގޯލުންނެވެ. އެކަމަކު އޭގެ ފަސް މިނެޓު ފަހުން ވޭވަށުގެ ދައްޔާން އަހުމަދު ވަނީ ގޯލު ޖަހައި ވޭވަށަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން މުލަކަށް ލީޑު އަލުން ނަގައިދިނީ އަހުމަދު އިބްރާހީމް ޖެހި ގޯލުންނެވެ. އަދި ދެ ވަނަ ހާފުގެ ހަތަރު ވަނަ މިނެޓުގައި މުލަކުގެ ލީޑު ފުޅާކޮށްދިނީ ސުޖާން ޖެހި ގޯލުންނެވެ.

މި ގްރޫޕްގެ އަނެއް މެޗުގައި ދިއްގަރުން މަޑުއްވަރި ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ 11 ވަނަ މިނެޓުގައި ދިއްގަރަށް ލީޑު ނަގައިދިނީ އަހުމަދު މިދުހަތު މަހްމޫދު ޖެހި ގޯލުންނެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން މަޑުއްވަރީގެ ހުސެއިން ޒަހުވާން ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

އެކަމަކު ދިއްގަރުން ދެ ވަނަ ފަހަރަށް ލީޑު ދެ ވަނަ ހާފުގެ 10 ވަނަ މިނެޓުގައި ކެޕްޓަން އިބްރާހީމް ރިއްފަތު ޖެހި ގޯލުންނެވެ. އަދި ދިއްގަރުގެ ލީޑު ފުޅާކޮށްދިނީ ހުސެއިން ފާރިޝް ޖެހި ގޯލުންނެވެ. މި މެޗުގައި މަޑުއްވަރިން ޖެހި ދެ ވަނަ ގޯލު އެ ޓީމަށް ޖަހާދިނީ މުހައްމަދު އާޒިމް އަލީ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭ ކުޅޭ މެޗުތައް:

20:00: ހަނިމާދޫ - ނޮޅިވަރަންފަރު

20:00: ފިނޭ - ނޭކުރެންދޫ

21:00: ނެއްލައިދޫ - ވައިކަރަދޫ

21:00: ނައިވާދޫ - ނޮޅިވަރަން

22:00: ހޯރަފުށި - މާރަންދޫ

22:00: ކެލާ - ފިއްލަދޫ

23:00: މުރައިދޫ - ވަށަފަރު

23:00: އުތީމު - އިހަވަންދޫ