Advertisement

ތާރީހީ ދުވަހެއް؛ ދެ މިލިއަން ޓޫރިސްޓުން މިއަދު ހަމަވާނެ

ރާއްޖޭގެ ރިސޯޓެއް. ޓޫރިޒަމް ދިގު ތާރީހުގައި މިއަދަކީ ފުރަތަމަ ފަހަރަށް ރާއްޖެ އަށް ދެ މިލިއަން ޓޫރިސްޓުން ހަމަވާ ތާރީހީ ދުވަސް.


ތާރީހީ ދުވަހެއް؛ ދެ މިލިއަން ޓޫރިސްޓުން މިއަދު ހަމަވާނެ

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިއަދު ދެ މިލިއަނަށް އަރައި، ތާރީހުގައި ލިޔެވިގެން ދާނެ އެވެ.

ރާއްޖޭގެ ޓޫރިޒަމްގެ 52 އަހަރުގެ ދިގު ތާރީހުގައި މީގެ ކުރިން އަހަރު ދުވަހުގެ ތެރޭގައި ދެ މިލިއަން ޓޫރިސްޓުން ޒިޔާރަތް ކޮށްފައި ނެތެވެ.

ދެހާސް ތޭވީސް ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 1.8 މިލިއަނަށް އެރުމާއެކު، ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްގެ އަމާޒަކަށް ކަނޑައެޅުއްވީ 2024 ގައި ދެ މިލިއަން ޓޫރިސްޓުން ހަމަކުރުމެވެ.

އިއްޔެގެ ނިޔަލަށް ރާއްޖެ އަަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދަށް ބަލާއިރު، ދެ މިލިއަން ހަމަކުރަން މަދުވަނީ 841 ޓޫރިސްޓުންނެވެ. މި ޑިސެންބަރު މަހުގެ ކޮންމެ ދުވަހަކު 1800-1900 އާ ދެމެދުގެ އަދަދަކަށް ޓޫރިސްޓުން ޒިޔާރަތް ކުރެ އެވެ.

އެހެންވެ، ދެ މިލިއަން ވަނަ ފަތުރުވެރިޔާ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ރާއްޖެ އަށް ޒިޔާރަތް ކުރާނެ އެވެ. އެ މީހާއަށް މަރުހަބާ ކިޔުން ކުލަ ގަދަ ގޮތެއްގައި އެއާޕޯޓުގައި އޮންނާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

އެންމެ ކުރީގައި އުޅޭ 10 މާކެޓު އަދި ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު

  1. ޗައިނާ - 261،821
  2. ރަޝިއާ - 217،724
  3. ޔޫކޭ - 176،312
  4. ޖަނަރުމަނު - 153،319
  5. އިޓަލީ - 136،916
  6. އިންޑިއާ - 127،594
  7. އެމެރިކާ - 67،743
  8. ފްރާންސް - 52838
  9. ސްޕޭން - 46،544
  10. ސްވިޒަލޭންޑު - 39،914

ގޮންޖެހުން ބޮޑު، ނަމަވެސް ކާމިޔާބުވީ އެންމެންގެ މަސައްކަތުން

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް -- ފޮޓޯ: އަދަދު


މި އަހަރު ރާއްޖެ އަށް ދެ މިލިއަން ޓޫރިސްޓުން ގެނައުމުގެ އަމާޒު، ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އިއުލާނު ކުރެއްވީ މިދިޔަ އަހަރުގެ ޑިސެންބަރު ފަހު ހަފުތާގަ އެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައިިސަލް އޭރު ވިދާޅުވީ މި ފަތުރުވެރިކަމުގެ އަމާޒަށް ވާސިލްވުމަށްޓަކައި، ބައިނައްލަގުވާމީ ފެންވަރުގައި ރާއްޖެ އިތުރަށް މާކެޓު ކުރަން ޖެހޭ ކަމަށެވެ.

އެކަން ކުރަމުން ދަނިކޮށް، ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ސޯޝަލް މީޑިއާގައި ކުރި ފުރައްސާރައާއެކު، އިންޑިއާ ރައްޔިތުންނާއި ފިލްމީ ތަރިން، ރާއްޖެ ބޮއިކޮޓްކުރަން ސޯޝަލް މީޑިއާގައި ޖެއްސި ވަރުގަދަ ކެމްޕޭނެ އެވެ.

އޭގެ އަސަރު ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އަށް ހިތިކޮށް ކުރި އެވެ. ނަތީޖާއަކަށް ވީ 2023 ގައި ރާއްޖޭއަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކުރީ އިންޑިއާއިން ކަމަށް ވިޔަސް، މި އަހަރު އެ ނަންބަރު ވަރަށް ބޮޑަށް ވެއްޓުމެވެ.

ޓޫރިޒަމް ދާއިރާގެ ބައެއް ވިޔަފާރިވެރިން ބުނި ގޮތުގައި އިންޑިއާގެ މާކެޓު ދަށްވުމުން، 1 ބިލިއަން ރުފިޔާގެ ގެއްލުން މުޅި އިންޑަސްޓްރީ އަށް ލިބޭނެ އެވެ. އެހެންވެ، އިންޑިއާގެ މާކެޓު ރަނގަޅު ކުރަން ފައިސަލް މަސައްކަތް ކުރެއްވި އެވެ.

"އަޅުގަނޑު ތިން ފަހަރު އިންޑިއާ އަށް ޒިޔާރަތް ކުރިން، ރޯޑް ޝޯ ބޭއްވިން. އެހެންވެ، އިންޑިއާ މާކެޓު ދަށްވިޔަސް، އެކަށީގެންވާ ވަރެއްގައި ހިފެހެއްޓުނީ،" ފައިސަލް ވިދާޅުވި އެވެ.

ދެ މިލިއަން ފަތުރުވެރިން ހަމަކުރެވުނީ މުޅި ޓޫރިޒަމް އިންޑަސްޓްރީ އާއި، ސަރުކާރުގެ ކަމާ ގުޅޭ މުއައްސަސާތަކުގެ ބުރަ މަސައްކަތުން ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.

"މިއީ ވަރަށް ބޮޑު ކުރިއެރުމެއް، އުފަލެއް. ރާއްޖޭގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ދެ މިލިއަން ޓޫރިސްޓުން ހަމަވެގެން މިދިޔައީ މުޅި އިންޑަސްޓްރީގެ ބުރަ މަސައްކަތުން. ރިސޯޓުތަކުގެ މާކެޓިން ޓީމުތަކުގެ ހިތްވަރުން، އަދި ކަމާ ގުޅޭ މުއައްސަސާތަކުގެ މަސައްކަތުން،" ފައިސަލް ވިދާޅުވި އެވެ.

"އެކަމަށްޓަކައި އެ އެންމެންނަށް ޝުކުރު އަދާކުރަން. މިއީ މުޅި ގައުމަށް، އަދި އިންޑިސްޓްރީ އަށް ލިބޭ ފަހުރެއް."

ނިމިގެން ދިޔަ އަހަރު ރާއްޖެ އަށް 1.8 ޓޫރިސްޓުން ޒިޔާރަތް ކުރިއިރު، 2022 ގައި ޒިޔާރަތް ކުރީ 1.6 މިލިއަން ޓޫރިސްޓުންނެވެ. މި އަހަރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކުރީ ޗައިނާ، ރަޝިއާ އަދި އިނގިރޭސި ވިލާތުންނެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލާއެކު އަންނަ އަހަރު ރާއްޖެ އަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު އިތުރުވެގެންދާނެ އެވެ.