Advertisement

އަހަރަކަށް ވުރެ އަހަރެއް ގޯލްޑަން ފުޓްސަލް ޗެލެންޖް ދަނީ ވަރުގަދަވަމުން

about 12 hours 0

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ކަނޑިތީމުން މަރޮށިއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ


އަހަރަކަށް ވުރެ އަހަރެއް ގޯލްޑަން ފުޓްސަލް ޗެލެންޖް ދަނީ ވަރުގަދަވަމުން

about 12 hours 0

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ގޯލްޑަން ފުޓްސަލް ޗެލެންޖް އަހަރަކަށް ވުރެ އަހަރެއް ދަނީ ވަރުގަދަވަމުން ކަމަށް ށ. ކަނޑިތީމުގެ ތަރި، އިބްރާހިމް ނަދާދު (ކުޑައްޓޭ) ބުނެފި އެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މި ފަހަރު ވެސް ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 129 ޓީމު ވަނީ ބައިވެރިވެފަ އެވެ. މިއީ، ރާއްޖޭގައި ކޮންމެ އަހަރަކު ހެން ބޭއްވޭ އެންމެ ގިނަ ޓީމު ބައިވެރިވާ ކުޅިވަރު މުބާރާތެވެ.

ށ. އަތޮޅުގެ އެންމެ ކާމިޔާބު ފުޓްސަލް ޓީމު ކަމަށްވާ ކަނޑިތީމުން މިދިޔަ އަހަރު އަތޮޅު ޗެމްޕިއަންކަން ހޯދިއިރު، އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދި ކުޑައްޓޭ ބުނީ، ގޯލްޑަން އަހަރަކަށް ވުރެ އަހަރެއް ކުރިއަށްދާ މަންޒަރު ފެންނަ ކަމަށެވެ.

"ގޯލްޑަން އަހަރަކަށް ވުރެ އަހަރެއް ކުރިއަށްދާތަން މި ފެންނަނީ، 100 އަށް ވުރެ ގިނަ ޓީމުތައް ބައިވެރިވަމުން ދާ ވަރަށް ފޯރިގަދަ މުބާރާތަކަށް ވެފައި މި އޮންނަނީ. އެހެންވީމަ ވަރަށް ގިނަ ކުޅުންތެރިންނަށް ޓެެލެންޓް ދައްކާލަން ލިބޭ ފުރުސަތެއް މިއީ. ވަރަށް ސަޅި އެހެންވީމަ، ކޮންމެ ޓީމަކުން ވެސް ދޮޅު މަހެއް ވަންދެން ޕްރެކްޓިސް ކުރޭ މި އަށް، ވަަރަށް ވަރުގަދަ މުބާރާތެއް ގޮތަށް މި ފެންނަނީ،" ކުޑައްޓޭ ބުންޏެވެ.

މި އަހަރަކީ، ށ. އަތޮޅު ފޯރިގަދަވާނެ އަހަރެކެވެ. ގިނަ ޓީމުތަކެއް ވާދަކުރާއިރު، ދެ ގްރޫޕު ވެސް ފެންނަނީ ވަރުގަދަކޮށެވެ. ކުޑައްޓޭ ބުނީ އަތޮޅު ތަށި ދިފާއުކުރަން އޮތް ޗެލެންޖު ބޮޑު ކަމަށެވެ.

"ށ. އަތޮޅަށް މި ފަަހަރު ބަލާއިރު، މި ފަހަރު އެބައޮތް އަށް ޓީމު، އެހެން ފަހަރުތަކަށް ވުރެ ތަންކޮޅެއް ގިނަކޮށް މި ފެންނަނީ، ޓީމުތައް ވެސް ވަރަށް ވަރުގަދަކޮށް ނުކުމެފައި ހުރީ، އަހަރެމެންނަށް ވަރުގަދަ ޗެލެންޖަކަށް ވާނެ މި ފަހަރު ތަށި ނަގަން. އަހަރެމެން ޕްރެކްޓިސްގައި އެެހެން އަހަރުތަކަށް ވުރެ ތަންކޮޅެއް ދަށްކޮށް ގޮސްފައި އިން އަހަރެން، އެހެން ނަމަވެސް މި ބަލަނީ، އިރާދަކުރެއްވިއްޔާ އަތޮޅު ޗެމްޕިއަންކަން ކާމިޔާބު ކުރެވޭނެ ކަމަށް އެ އަށް މަސައްކަތް ކުރުން އޮތީ،" ކުޑައްޓޭ ބުންޏެވެ.

ކަނޑިތީމުން ކުޅޭ ދެ ވަނަ މެޗުގައި، މާދަމާރޭ ފޭދޫއާ ދެކޮޅަށް ކުޅޭނެ އެވެ. މިދިޔަ އަހަރު ކަނޑިތީމުން ތަށި ހޯދީ ފައިނަލުގައި ފޭދޫ ބަލިކޮށްފަ އެވެ. މި ފަހަރުގެ މުބާރާތުގައި ފުރަތަމަ މެޗުން ކަނޑިތީމުން 1-0 އިން މަރޮށި ބަލިކުރިއިރު، ފޭދޫ ވަނީ 2-1 އިން މިލަންދޫ އަތުން ބަލިވެފަ އެވެ.