8 ޖަނަވަރީ 2025 - 07:19 0
މަތިވެރި ޓީމުގެ އަލްސަން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ
8 ޖަނަވަރީ 2025 - 07:19 0
ގޯލްޑަން ފުޓްސަލް ޗެލެންޖު 2025 ގައި އއ. އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން، މަތިވެރި އާއި މިދިޔަ އަހަރުގެ ރަނަރަޕް ބޮޑުފޮޅުދޫން ރަނގަޅު މޮޅަކާ އެކު ވަރުގަދަކޮށް މުބާރާތް ފަށައިފި އެވެ.
ގްރޫޕް އޭގައި ތޮއްޑޫއާ ދެކޮޅަށް ކުޅުނު މެޗުން މަތިވެރި މޮޅުވީ 3-1 އިންނެވެ. އެ ގްރޫޕްގައި، ހިމަންދޫން ވަނީ 3-2 އިން އުކުޅަސް ބަލިކޮށްފަ އެވެ. ގްރޫޕް ބީގައި، ބޮޑުފޮޅުދޫން ފެރިދޫ ބަލިކުރީ، 4-1 އިންނެވެ. އެ ގްރޫޕްގެ އަނެއް މެޗުން، ރަސްދޫން ވަނީ 2-1 އިން މާޅޮސް ބަލިކޮށްފަ އެވެ.
މަތިވެރިން ރޭ އަލީ އަލްސަން ދުރުދުރުން ޖެހި ގޯލުން ލީޑުނަގާފައިވަނިކޮށް ފުރަތަމަ ހާފުގައި ބަދަލަކަށް ކުޅެން އަރައި، ތޮއްޑޫގެ މުހައްމަދު އިޖުލާޒް ވަނީ ގޯލެއް ޖަހައި، އެއްވަރުކޮށްފަ އެވެ. ދެ ވަނަ ހާފުގައި އޭރިއާބޭރުން އަލްސަން ޖެހި ގޯލުން އަނެއްކާ މަތިވެރިން ލީޑުނަގާފައިވަނިކޮށް، ބަދަލަކަށް ކުޅެން އެރި، މުހައްމަދު މިދުހަތު ވަނީ އެ ޓީމުގެ އަނެއް ލަނޑު ޖަހައިފަ އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މާޅޮސް އާއި ރަސްދޫ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަަސް.އެމްވީ
ހިމަންދޫ އަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ، އިބްރާހިމް އިހުލާސް އާދަމް އާއި އަހުމަދު އަތީފް އާދަމް އަދި މުހައްމަދު އައިހަމް އެވެ. އުކުޅަސްގެ ގޯލުތައް ޖެހީ، ޝިޒާން ޝަހީމް އާއި ހުސެއިން ގަޒީލް ސާމީ އެވެ.
ބޮޑުފޮޅުދޫ އަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ، މުހައްމަދު ސިރުހާން ދެ ގޯލުގެ އިތުރުން މާހިދު އިބްރާހިމް އާއި ޖާދުﷲ އަހުމަދު އެވެ. ފެރިދޫގެ ހަމައެކަނި ގޯލު ޖެހީ، އިސްމާއިލް މާޒިން އެވެ.
މި ގްރޫޕްގެ އަނެއް މެޗުގައި، ރަސްދޫ މޮޅުކޮށްދޭން ލަނޑުތައް ޖެހީ، ސުޖާދު މުހައްމަދު އާއި އިބްރާހިމް އާޒިމް އެވެ. މާޅޮސްގެ ހަމައެކަނި ލަނޑު ޖެހީ، އަަހުމަދު ވަޖީހު އެެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭ ކުޅޭނީ ގއ. އަތޮޅުގެ ހަތަރު މެޗެވެ.
20:00: ނިލަންދޫ - ދާންދޫ
20:00: ކަނޑުހުޅުދޫ - ގެމަނަފުށި
21:00: ވިލިނގިލި - ދެއްވަދޫ
21:00: ކޮލަމާފުށި - މާމެންދޫ
Comment