7 ޖަނަވަރީ 2025 - 09:16 0
ކަނޑިތީމާއި މަރޮށި ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ
7 ޖަނަވަރީ 2025 - 09:16 0
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ރޭ ށ. އަތޮޅުގެ ގްރޫޕް ސްޓޭޖުގައި އެ އަތޮޅުގެ އެންމެ ކާމިޔާބު ޓީމު ކަނޑިތީމުން 1-0 އިން މަރޮށި ބަލިކޮށް މޮޅަކުން ފެށިއިރު، މިލަންދޫން ވަނީ 2-1 އިން ފޭދޫގެ މައްޗަށް ކުރިހޯދައިފި އެވެ.
އެ ގޮތުން، ށ. އަތޮޅު ގްރޫޕް އޭގައި ކަނޑިތީމުން މަރޮށި ބަލިކުރި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ކަނޑިތީމަށް ޖަހައިދިނީ ފުރަތަމަ ހާފުގައި އެ ޓީމުގެ ކެޕްޓަން، އަހުމަދު ރިޒާން އެވެ. މި މެޗުގައި ކަނޑިތީމުން ގިނަ އެޓޭކްތަކެއް ކުރި ނަމަވެސް އިތުރު ގޯލެއް ނުޖެހުނެވެ. އަނެއްކޮޅުން، ކައުންޓަ އެޓޭކުގައި، މަރޮށިން ވެސް ގޯލެއް ޖެހޭތޯ ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ކާމިޔާބެއްނުވި އެވެ.
ނަރުދޫ އާއި ޅައިމަގު ބައްދަލުކުރި މެޗުގެ ތެރެއިން.---- ފޮޓޯ: އިމޭޖަސް،އެމްވީ
މި ގްރޫޕްގެ އަނެއް މެޗުން ފޭދޫ ކޮޅަށް މިލަންދޫގެ ލަނޑުތައް ޖެހީ، އަހުމަދު ޝާނީ އާއި އިބްރާހިމް ޒާހީ އެެވެ. އަދި މިދިޔަ އަހަރުގެ އަތޮޅު ފައިނަލަށް ދަތުކުރި ފޭދޫގެ ލަނޑު ޖެހީ، މާއިލް މުހައްމަދު އެވެ.
ށ. އަތޮޅު ގްރޫޕް ބީގައި ރޭ ބިލެތްފަހިން ވަނީ ގޮއިދޫ އަތުން 2-1 އިން މޮޅުވެފަ އެވެ. މި މެޗުގައި ބިލެތްފަހި އަށް ލީޑުނަގައިދިނީ އޭރިއާބޭރުން އިބްރާހިމް އައިމަން ޖެހި ގޯލުންނެވެ. ގޮއިދޫން ބަދަލަކަށް އެރި، މުހައްމަދު ޝައުފާން ލަނޑު ޖަހައި އެއްވަރުކުރިއިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން، ހާފުގެ މެދެއްހާ ހިސާބުން ގޯލަށް ބޯޅަ އޮއްސާލައިގެން ބިލެތްފަހި މޮޅުވި ގޯލު ޖެހީ އެ ޓީމުގެ ކެޕްޓަން، އަލީ އިފުރާދު އެވެ.
މި ގްރޫޕްގެ އަނެއް މެޗުން، ނަރުދޫން ވަނީ 3-2 އިން ޅައިމަގު ބަލިކޮށްފަ އެވެ. ނަރުދޫގެ ލަނޑުތައް ޖެހީ، މުހައްމަދު ނާއިޒު ދެ ގޯލާއި ހަސަން ފައިރޫޒް އެވެ. ޅައިމަގުގެ ދެ ގޯލު ޖެހީ، އަބްދުލް ކަރީމް އަހުމަދު އެވެ.
20:00: ނިލަންދޫ - ބިލެތްދޫ
20:00: މަގޫދޫ - ފީއަލީ
21:00: މަތިވެރި - ތޮއްޑޫ
21:00: ހިމަންދޫ - އުކުޅަސް
22:00: ބޮޑުފޮޅުދޫ - ފެރިދޫ
22:00: ރަސްދޫ - މާޅޮސް
Comment