5 ޖަނަވަރީ 2025 - 13:51 2
ލީވާން އަލީ ނާސިރު
ޕީއެންސީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުން އާންމުކުރި ފުލުހުންގެ ސީސީޓީވީ ފުޓޭޖުގެ ސްނެޕްޝޮޓެއް -- ފޮޓޯ: އެކްސް
5 ޖަނަވަރީ 2025 - 13:51 2
ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުންނަށް ފުލުހުންގެ ސީސީޓީވީ ފުޓޭޖު ލިބުނު ގޮތް ހޯދުމަށް ސުވާލު ކުރުމުން ފުލުހުންނަށް ޖަވާބެއް ނުދެވުނެވެ.
މާލެއަށް ހުކުރު ދުވަހު ބޯކޮށް ވާރޭވެހި މާފަންނުގައި ފެންބޮޑުވެ ގެތަކާއި ފިހާރަތަކަށް ލިބެމުންދިޔަ ގެއްލުން ކުޑަ ކުރުމަށް ރަސްފަންނު މޫދަށް ކޯރެއް ކެނޑީ އެމްޑަބްލިއުއެސްސީން ކަމަށް ބުނެ ޕީއެންސީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުން ވަނީ އެތަނުގައި ހުރި ފުލުހުންގެ ސީސީޓީގެ ފުޓޭޖެއް އާންމު ކޮށްފަ އެވެ. ދައުރު ކުރަނީ ފުލުހުންގެ ސީސީޓީވީ ފުޓޭޖެއްކަން މި ނޫހަށް ވަނީ ޔަގީންވެފަ އެވެ.
އެ ސީސީޓީވީ ފުޓޭޭޖު ޕީއެންސީ އެކްޓިވިސްޓުންނަށް ލިބުނު ގޮތް އޮޅުންފިލުވަން ފުލުހުންނާ "އަދަދު" އިން ސުވާލު ކުރުމުން މިހާތަނަށް ވެސް އެއްވެސް އެއްޗެއް އެކަމާ ގުޅިގެން ބުނެފައެއް ނުވެ އެވެ.
ޕީއެންސީން ދައުރު ކުރަމުންދާ ފުލުހުންގެ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި ސަރުކާރުގެ ފެން ކުންފުނި އެމްޑަބްލިއުއެސްސީގެ ދެ މުވައްޒަފުން ކޯރު ކެނޑި ދިމާލަށް ދާތަން ފެނެ އެވެ. ނަމަވެސް އެ މުވައްޒަފުން ކޯރު ކެނޑިތަނެއް އެ ވީޑިއޯއިން ނުފެނެ އެވެ.
ފުލުހުންގެ ސީސީޓީވީ އެކްޓިވިސްޓުންނަށް ދޭ މައްސަލައިގައި ބައެއް އާންމުން އަންނަނީ ސޯޝަލް މީޑިއާގައި އެކަމާ ގުޅިގެން ނުރުހުން ފާޅު ކުރަމުންނެވެ.
ކޯރު ކެނޑީ އާންމުން ގުޅިގެން ސަރުކާރުގެ އެއްވެސް މުއައްސަސާއަކާ ނުލަ އެވެ. ނަމަވެސް ސަރުކާރުގެ ބައެއް އިސް މަގާމުތަކުގައި ތިބި އޮފިޝަލުން ވަނީ އެކަން ކުރީ އާންމުން ނޫން ކަމަށާއި އެ މަސައްކަތުގައި ހަރަކާތްތެރިވީ އެމްޑަބްލިއުއެސްސީގެ މުވައްޒަފުން ކަމަށް ބުނެފަ އެވެ.
ކޯރު ކެނޑި ސަރަހައްދުގައި ހުރެ މި ނޫހުގެ ނޫސްވެރިންނާ ވާހަކަ ދައްކަމުން ކޯރު ކެނޑުމުގައި އިސްކޮށް އުޅުނު ރިލްވާން ލަތީފް ބުނީ އެވަގުތު ކޯރު ކަނޑަން މަރުތެޔޮ ހޯދީ 'މަނަސް ހާޑްވެއާ' ކިޔާ ފިހާރައަކުން ކަމަށެވެ. އަދި އެކަން ކުރީ އެ ސަރަހައްދުގެ ފިހާރަތަކުގެ ވެރިންނާއި އާންމުން ކަމަށް އޭނާ ބުންޏެވެ.
"ވަކި ހިސާބަކުން މިތަން ނުކޮނެ ނެތް ވާކަށް. އެހެންވެ މަނަސް ހާޑުވެއާގެ މަސައްކަތު މީހަކު ގޮސް އުދެއްޔަކާ ފަކީރާއެއް ހިފައިގެން އައިސް ދެން ބާކީބައި ކޮންނަން ފެށީ،" އޭނާ ބުންޏެވެ.
ކޯރު ކެނޑުމަށްފަހު ފެން ދައުރުވާން ފެށުމުން އެ ތަނުން ދިޔައީ ކަމަށާއި އޭގެ ފަހުން ބަޔަކު އައިސް ހަރަކާތްތެރިވި ކަމެއް ނޭނގޭ ކަމަށް ރިލްވާން ބުންޏެވެ.
Comment