Advertisement

ހަރަދު ކުޑައެއް ނުވި, ސަބްސިޑީ އާއި އާސަންދައަށް ފާސްކުރި ބަޖެޓަށް ވުރެ އިތުރަށް ހަރަދުކޮށްފި

5 ޖަނަވަރީ 2025 - 11:56 0

އަމަން ހަލީމް

އަމަން ހަލީމް

އާސަންދަ ބޯޑު ޖަހާފައިވާ ބޭސްފިހާރައެއް: އާސަންދަ ނިޒާމު ބަދަލުކުރަން މި އަހަރުގެ ބަޖެޓުގައި ވެސް ފިޔަވަޅުތަކެއް އަޅަން ރާވާފައިވޭ -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު


ހަރަދު ކުޑައެއް ނުވި, ސަބްސިޑީ އާއި އާސަންދައަށް ފާސްކުރި ބަޖެޓަށް ވުރެ އިތުރަށް ހަރަދުކޮށްފި

5 ޖަނަވަރީ 2025 - 11:56 0

އާސަންދަ އާއި ސަބްސިޑީގެ އިސްރާފުތައް ކުޑަކޮށް, ހަރަދުކުޑަކުރަން އަޅަން ރޭވި ފިޔަވަޅުުތައް ނޭޅުމާ ގުޅިގެން, އަހަރު ނުނިމެނީސް އާސަންދަ އާއި ސަބްސިޑީއަށް ބަޖެޓުކުރި ފައިސާއަށް ވުރެ އިތުރަށް ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުން ދައްކާ ގޮތުގައި, ހުސްވި އަހަރުގެ 52 ވަނަ ހަފުތާ ނިމުނުއިރު އާސަންދައަށް 2.1 ބިލިއަން ރުފިޔާ އަދި ސަބްސިޑީއަށް 3.8 ބިލިއަން ރުފިޔާ ހަރަދުވެއްޖެ އެވެ.

މިދިޔަ އަހަރު އާސަންދައަށް ބަޖެޓުކުރީ 1.9 ބިލިއަން ރުފިޔާ އެވެ. މިހެންކަމުން އަހަރު ނިމުމުގެ ކުރިން މިވަނީ އެ އަދަދު ފަހަނައަޅައި ގޮސް, 149 މިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށްފަ އެވެ. އަދި މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު, 36 މިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށްފައިވެ އެވެ.

މިދިޔަ އަހަރު ސަބްސިޑީއަށް ބަޖެޓުކުރީ 3.6 ބިލިއަން ރުފިޔާ އެވެ. އަހަރުގެ ފަހު ހަފުތާއަށް އައިއިރު, އެ ބަޖެޓު އެއްކޮށް ހުސްވެ 151 މިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ. ސަބްސިޑީ ބަޖެޓު އެއްކޮށް ހުސްވީ މިދިޔަ އަހަރުގެ ތެރޭގައި އެ ދާއިރާއިން ހަރަދުތައް އިތުރުވާނެ ކަމަށް ބަލައި ބަޖެޓު ސަޕްލިމެންޓުކޮށްފައި ވަނިކޮށެވެ.

ނަމަވެސް, ސަބްސިޑީއަށް ކުރި ހަރަދު މިދިޔަ އަހަރުގެ އެ މުއްދަތުގައި ކުރި ހަރަދަށް ވުރެ 46 މިލިއަން ރުފިޔާ ދަށެވެ.

ދައުލަތުގެ ބަޖެޓަށް ބޮޑު ބުރައަކަށް ވެފައިވާ އާސަންދަ އާއި ސަބްސިޑީތަކުގެ ހަރަދު ކުޑަކުރަން ގިނަ ކަންތައްތަކެއް ކުރަން މި އަހަރުގެ ބަޖެޓުގައި ވެސް ވަނީ ހިމަނާފަ އެވެ. އޭގެ ތެރޭގައި ތަނަވަސް މީހުންގެ އަތުން ފައިސާ ނަގާ ގޮތަށް އާސަންދަ ބަދަލުކުރުމާއި އެންމެނަށް ލިބޭ ސަބްސިޑީ އުވާލައި ބޭނުންޖެހިފައިވާ މީހުންނަށް ދޭ ގޮތަށް ބަދަލުކުރުން ހިމެނެ އެވެ.