3 ޖަނަވަރީ 2025 - 07:00 0
ރޫޙުލްއަމީން ޢަބްދުﷲ
ގދ. ތިނަދޫ އިސްލާމީ މަރުކަޒު. -- ފޮޓޯ: އަދަދު
3 ޖަނަވަރީ 2025 - 07:00 0
މާތް ނަބިއްޔާ ނަބީކަމައިގެން ފޮނުއްވުމާއެކު ފުރަތަމައަށް އިތުރު އެކަލޭގެފާނަށް އީމާންވީ ދެރަނިކަމެތިންނާއި ފަގީރުންނެވެ. މިޔާއެކު މައްކާގެ މުޝްރިކުންގެ އަނިޔާވެރިކަމާ މުސްލިމުން ކުރިމަތިލާންޖެހުނެވެ. މާތް ނަބިއްޔާގެ އިރުޝާދުގެ މަތީން މުސްލިމުންގެ ބަޔަކު އެބައިމީހުންގެ ދީނައިގެން ސަލާމަތްތެރިކަން ހޯދުމަށް ހަބުޝްކަރައަށް ހިޖުރަކުރިއެވެ. އެއީ އެތަނުގައި ހުންނަވާ ނަސޯރާ ދީން ގަބޫލުކުރައްވާ ރަސްގެފާނަކީ އަދުލުވެރި މީހަކަށްވާތީއެވެ.
މުސްލިމުންގެ ބަޔަކު ހަބުޝްކަރައަށް ގޮސް އެތަނުގެ ރަސްގެފާނުގެ އިޒުނަ ލިބިގެން އެތަނުގައި އުޅެން ފެށުމުން އެބައިމީހުން އަނބުރާ ގައުމަށް ގެނައުމަށް، މުޝްރިކުންގެ ބޮޑުން އެ ރަސްގެފާނު އަރިހަށް ޖަމާއަތެއް ފޮނުއްވިއެވެ. މިޖަމާއަތް ރަސްގެފާނު ދަރުބާރަށް ދިއުމުން، އެޖަމާއަތުގެ ދައުވާއާއި އެ ދައުވާއަށް މުސްލިމުންގެ މީހުން ދޭ ޖަވާބު ބެލުމަށް ރަސްގެފާނު ދަރުބާރު އެއްކުރައްވައި އެކަމުގައި ގޮތެއް ނިންމެވުމަށް ރަސްގެފާނު ހިންގެވި ޝަރީއަތުން ބަޔެއް މިމައުލޫގައި އަޅުގަނޑަށް މުހިންމެވެ.
އެ ދަރުބާރުގައި މުސްލިމުން ތަމްސީލުކުރެއްވި ސަހާބީއާ ރަސްގެފާނު ސުވާލުކުރައްވައެވެ. ތިޔަބައިމީހުންގެ ދީން ތިޔަބައިމީހުންނަށް އަމުރުކުރަނީ ކޮން ކަމަކަށް ހެއްޔެވެ؟ އެބޭކަލަކު ދަންނަވައެވެ. "އަހަރެމެންގެ އިސްލާމްދީން އަމުރު ކުރަނީ ﷲ އަށް އަޅުކަންކުރުމަށާއި އެކަލާނގެއާ އެހެން އެއްޗެއް އެއްފަދަނުކުރުމަށާއި، ނަމާދުކުރުމަށާއި، ވާހަކަދެއްކުމުގައި ތެދުބުނުމަށާއި އަމާނާތްތައް އަދާކުރުމަށާއި، ތިމާގެ ކަމުގެ ގުޅުން ދެމެހެއްޓުމަށާއި އަވަށްޓެރިންނަށް ހެޔޮކޮށްހިތުމަށާއި، ހަރާން ކަންކަމުންނާއި ލޭއޮހޮރުވުމުން އެއްކިބާވުމަށެވެ. އަދި ހަޑިހުތުރު ކަންކަން އަހަރެމެންނަށް ނަހީކުރެއްވިއެވެ. އަދި ދޮގުހެދުމާއި ދޮގުހެކިބަސްދިނުމާއި ޔަތީމުންގެ މުދާކެއުމާއި އަދި އިއްފަތްތެރިންގެ އަބުރަށް އަރައިގަތުންވެސްމެއެވެ..."
އަހަރެމެންގެ ސަލަފުއްޞާލިޙުންނަށް އިސްލާމްދީން ވިސްނިފައި އޮތް ގޮތް މިހާދިސާއިން ދައްކުވައިދެއެވެ. އެބޭކަލުން ދެކެވަޑައިގެންނެވި ގޮތުގައި، އިސްލާމްދީން ގޮވާލާ މައިގަނޑު ކަންކަމުގެ ތެރޭގައި ތިމާގެ ވެރިޔަކު ވިޔަސް އެމީހެއް ދެކެ ބިރު ނުގަތުމާއި، އަޅުކަން ހަމަ އެކަނި ﷲ އަށް ހާއްސަކުރުން ހިމެނެއެވެ. އަދި އިސްލާމްދީނުގެ އެންމެ މައިގަނޑު ކަންކަމުގެ ތެރޭގައި ތެދުވެރިވުމާއި ތެދުބަހުން ބަސް ބުނުމާއި ދޮގު ނުހެދުމާއި ހިޔާނާތްތެރިނުވުމާއި އަމާނާތްތެރިވުން ހިމެނެއެވެ. އިސާހިތަކު އިސްލާމްދީން ދުނިޔޭގެ ހުރިހާ ދިމާއަކަށް ފުޅާވެ އެހެން ހުރިހާ އުންމަތްތަކެއްގެ މައްޗަށް އިސްލާމީ އުންމަތް ކުރިހޯދުމުގެ ސިއްރަކީ މިއީ ނޫންތޯއެވެ؟
މި ލިޔުން އަޅުގަނޑު ލިޔާއިރު، ދީނެއް މިއްލަތެއް ރައްބެއް ރަސޫލެއް ގަބޫލުނުކުރާ މީހުން ގާއިމުކޮށްފައި ހުރި ދައުލަތްތަކަށްވުރެ ދައުލަތުގެ ބައިތުލްމާލުން ވައްކަންކުރުން ރާއްޖޭގައި ގިނައެވެ. ރައްޔިތު އެންމެންގެ ފައިސާ މާތް ﷲ ގަންދީ ހުވާކޮށްގެން ތިބޭ މީހުން ބިރެއް ޖެހިލުމަކާ ނުލައި އަމިއްލަ ފައިކޭޓަށް ކަހާލުން އިންތިހާއަށް އާންމުވެފައިވާއިރު، ހަމަ އެފަދަ ތުހުމަތުތައް ހުރި މީހުން ރައްޔިތުންގެ ވޯޓުން ތަކުރާރުކޮށް އިންތިހާބުކުރަމުން ދެއެވެ.
މި ލިޔުން އަޅުގަނޑު ލިޔާއިރު، ރާއްޖޭގައި ސިޔާސީ ވާހަކަ ދެއްކުމަކީ ދޮގު ވައުދުވުމާއި ދޮގު ހެދުންކަމުގައި ވެފައިވެއެވެ. އަދި 'އިސްލާމީ ވެރިކަމެއް' ކުރުމަކީ ނާގާބިލު މީހުން މަގާމުތަކަށް ލުމާއި، އެކި ނަންނަމުގައި ހިންގޭ ޕްރޮޖެކްޓްތަކުން ތަފާތު ބާވަތުން ހިޔާނާތް ހިންގުމާއި ދައުލަތުގެ ބަޖެޓުން ހަރަދުކުރާން ނުޖެހޭ އެތައް ކަމަކަށް އެތައް ނަމެއްގައި ބޮޑުންގެ ގާތް މީހުންނަށް ބައިއެޅުންކަމުގައި ބަޔަކު ހަދާފައިވެއެވެ.
މި ލިޔުން އަޅުގަނޑު ލިޔާއިރު، ހަހާހަށްވުރެ ގިނަ ދިވެހިން މަތިވެރިވެގެންވާ އުމުރާގެ އަޅުކަން އަދާކުރުމަށް މައްކާގައި މިވަގުތު އެބަތިއްބެވިއެވެ. އަދި މި ލިޔުން އަޅުގަނޑު ލިޔާއިރު، ޣައިރު މުސްލިމުން ފާހަގަކުރާ އީދުތައް ފާހަގަކުރުމާއި، އައު އަހަރު ތަހުނިޔާކިޔުމާ ގުޅޭ ގޮތުން ދީނީ އިލްމުވެރިންގެ އެކި މަގަށްހުރި ރައުޔުފުޅުތަކުން ދިވެހިންގެ ސޯޝަލް މީޑިއާ ފުރިބާރުވެފައިވެއެވެ.
ރާއްޖޭގައި ދިރުވިފައިވާ މާތް ނަބިއްޔާގެ އެތައް ސުންނަތެއް ދިރުވިފައިވަނީ ޝައްކެތް ނެތެވެ، ދީނީ އިލްމުވެރިންގެ ނުހަނު ބުރަ މަސައްކަތުންނެވެ. ދީނީ އިލްމުވެރިންގެ ނުހަނު ބުރަ މަސައްކަތުން ދިވެހި މުޖުތަމައުގައި އަށަގެންނެވިފައިވާ އިސްލާމީ ކަންކަމަށް ބަލާއިރު، ޖަމާއަތަށް ނަމާދަށް އަރާ މީހުން ގިނަވުމާއި، ޖަމާއަތަށް ނުދެވުނަސް ފަރުޟު ނަމާދުތަކަށް ރައްކާތެރިވާ މީހުން ގިނަވުން ހިމެނެއެވެ. އަދި ސުންނަތް ނަމާދުތައް ކުރާ މީހުން ގިނަވުމާއި ސުންނަތް ރޯދަހިފާ މީހުން ގިނަވުން ހިމެނެއެވެ. އަދި މި ނޫންވެސް ވަރަށް ގިނަ ސުންނަތްތައް އިލްމުވެރިންގެ މަސައްކަތުން ދިރުވިފައިވެއެވެ.
މިފަހަކަށް އައިސް ދިވެހިންގެ ތެރޭގައި ދިރެމުންދާ އެއް ކަމަކީ އުމުރާގެ އަޅުކަން ތަކުރާރުކޮށް އެތައް ފަހަރަކު އަދާކުރުމުގެ މާތް ސިފައެވެ. ވަރަށް ގިނަ އިލްމުވެރިން އުމުރާގެ މާތްކަމާމެދު ހުރި ހަދީސް ބަސްފުޅުތައް ވިދާޅުވާ ވީޑިއޯތައް އެބޭފުޅުން ހިންގަވާ އުމުރާ ޖަމާއަތްތަކުގެ ފޭސްބުކް ޕޭޖުން ފެންނަމުންދާތީ އަޅުގަނޑު އުފާކުރަމެވެ. އިލްމުވެރިން އުމުރާ ޖަމާއަތްތައް ހައްދަވައި ހިންގަވާލެއް ގިނަކަމާއި އުމުރާ ޕެކޭޖްތައް އިޝްތިހާރުކުރައްވާލެއް ގިނަކަމުގެ ނަތީޖާއަކީ، މިއަދު މި ލިޔުން ލިޔާއިރު، ދިވެހިންގެ ތެރެއިން ހަ ހާހަށްވުރެ ގިނަ މީހުން އުމުރާގެ މަތިވެރި އަޅުކަން އަދާކުރަމުން ދިއުމެވެ. ދިވެހިންނަކީ ދީންވެރި ދީނަށް ލޯބިކުރާ ދީނީ އިލްމުވެރިންގެ ބަސްއަހާ ކިޔަމަންތެރި ރައްޔިތެކެވެ.
ޝައްކެތް ނެތެވެ. ދީނީ ދައުވަތުގެ ތަރުތީބު ވަނީ ބަދަލުކުރަންޖެހިފައެވެ. ކްރިމަސް ފާހަގަކުރުމާއި ޣައިރު ދީނުގެ އަހުލުވެރިންނާ މުއާމަލާތުކުރުމުގެ ހުކުމާއި މިޔުޒިކް ފަދަ އިލްމުވެރިންގެ މެދުގައި ހިލާފު ހުރި ކަންކަމުގެ ހުކުމްތައް ވެސް ދިވެހިންނަށް އަންގައިދޭންޖެހެއެވެ. ނަމަވެސް އިސްކަންތައް އިސްވާންޖެހެއެވެ. ކުޑަ ކަންކަން އަންނަންވީ ބޮޑެތި ކަންތަކަށް ފަހުއެވެ. ސުންނަތް އަންނަންވާނީ ފަރުޟު ކަންކަމަށް ފަހުއެވެ.
ދިވެހިރާއްޖޭގައި ދެވޭ ދީނީ ދައުވަތުގެ ތަރުތީބު ޞަލަފުއްޞާލިޙުންގެ މަންހަޖަށް މިސްރާބު ހިފަންޖެހެއެވެ. އަޅުކަމުގެ ދަރަޖައިގައި ސިޔާސީ ލީޑަރުންނަށް ކަނުކޮށް ތަބާވާ ތަބާވުމަށް ހޭލުންތެރި ކުރުވެންޖެހެއެވެ. ހިޔާނާތާއި ވައްކަމާއި ކޮރަޕްޝަނާއި ރިޝްވަތަކީ ބޮޑެތި ފާފަތައްކަން އެކަންކަމަކީ މީހާގެ އިސްލާމްކަން އެކަންކަމާ ލައިގެން ހަމަ އެއްގޮތަށް ހެޔޮނުވާނެ ވަރުގެ ކަންކަންކަމަށް ހޭލުންތެރިކުރުވެންޖެހެއެވެ. ސަލަފުއްޞާލިޙުން ބިނާކުރި ފަދަ ﷲ އެއްކައުވަންތަކުރާ ތެދުވެރި އަމާނާތްތެރި ޖީލެއް ބިނާކުރެވިގެން މެނުވީ އިސްލާމީ ދައުލަތެއްގެ ބިންގާ އެޅުމުގެ މަގަށް އެންމެ ގާބުރި އެއްވެސް ނުބޭއްވޭނެއެވެ.
Comment