ޕީއެންސީގެ ލީޑަޝިޕުގެ ބޭފުޅުން. -- ފޮޓޯ: އަދަދު
ވެރިކަންކުރާ ޕީއެންސީއަށް މެންބަރުން ވެއްދުމުގައި ވަގު ފޯމުތަކެއް ފުރާފައިވާ މައްސަލަ އިލެކްޝަންސް ކޮމިޝަނުގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި އެ މައްސަލަ ބަލަމުންދާ ކަމަށް އެ ކޮމިޝަނުން ބުނި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
މީހުންގެ އައިޑީކާޑުގެ މައުލޫމާތު ހޯދައި، ވަގު ފޯމު ފުރައިގެން ޕީއެންސީއަށް މީހުން ވައްދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ތުހުމަތުތަކެއް ކުރަމުންނެވެ. އެގޮތުން ގިނަ ބަޔަކު ބުނާގޮތުން މިކަން ކޮށްފައިވަނީ ހޯމް މިނިސްޓްރީން ބަލަހައްޓާ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގައި ހުރި އައިޑީކާޑުގެ މައުލޫމާތު ބޭނުންކޮށްގެންނެވެ.
މިކަމާ ގުޅިގެންއީސީގެ އޮފިޝަލު ބުނީ ވަގަށް ޕީއެންސީއަށް ވައްދާފައިވާ ކަމަށް ބުނެ ބައެއް މީހުން އީސީއަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ތުހުމަތުތައް ވެސް އީސީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް އޭނާ ބުންޏެވެ.
އީސީގެ އޮފިޝަލް ބުނީ މި މައްސަލަތަކާމެދު ގޮތެއް ނިންމާނީ އާ އަހަރުގެ ބަންދު ނިމި ސަރުކާރުގެ އޮފީސްތައް ހުޅުވުމުން ކަމަށެވެ.
ސޯޝަލް މީޑިއާގައި ބައެއް މީހުން ހިއްސާކޮށްފައިވާ ލިޔެކިޔުންތަކާއި މެސެޖުތަކުގެ ސްކްރީންޝޮޓުތަކުން އެނގޭ ގޮތުގައި އެ މީހުން ޕީއެންސީއަށް ވައްދާފައިވަނީ އެ މީހުންގެ ރުހުމެއް ނެތި، ސޮއި ފޯޖުކޮށްގެންނެވެ.
މިފަދައިން މެންބަރަކު ޕީއެންސީއަށް ވެއްދި ފޯމެއްވެސް ދަނީ ދައުރުވަމުންނެވެ. އެ ފޯމުގައި ހެކިންގެ ގޮތުގައި އޮތީ ހޯމް މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ ނަން ކަމަށްވެސް ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފައިވާ މީހާ ބުނެފައިވެ އެވެ.
މިކަންކަމާ ގުޅިގެން ސަރުކާރުގެ ރަސްމީ ބަހެއް މީހާތަނަށް ލިބިފައިނުވާއިރު ޕީއެންސީއިންވެސް މިކަމާ ގުޅިގެން މިހާތަނަށް ބަހެއް ބުނެފައެއް ނުވެ އެވެ.
މިދިޔަ އަހަރު ނިމުމުގެ ކުރިން ޕީއެންސީއަށް 100،000 މެންބަރުން ހަމަކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ހިންގި އެވެ. އެ ހަރަކާތްތަކުގައި މިނިސްޓްރީތަކުން ޓީމުތައް ހަދައިގެންވެސް އުޅުނެވެ. ނަމަވެސް އެ އަދަދު ހަމަވިކަން ޕީއެންސީން ނުބުނެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment